Advertisement

ރަށު ނޯޓު: ފާދިއްޕޮޅު ކުރެންދޫ

26 ނޮވެންބަރު 2022 - 15:00 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ކުރެންދޫ: މިރަށަކީ ގާމަތި، މިހާރު ހިއްކާނެ ފަޅެއް ވެސް ނެތް ރަށެއް.


ރަށު ނޯޓު: ފާދިއްޕޮޅު ކުރެންދޫ

26 ނޮވެންބަރު 2022 - 15:00 0

ލޮއި ޒިޔާރަތް، ވަޅުކޮޅު، ހުކުރު މިސްކިތް، މާލޫދު ހަރުގެ އަކީ އެ ރަށުގައި ހުރި މުހިންމު އަދި އާސާރީ ތަންތަނެވެ. ލޮއި ޒިޔާރަތުގެ ވެެލި ބަދަލުކުރުމާއި، ރަށަށް ހާއްސަ "ސައްލަން" ބޭނުން ކުރަމުން އައުމަކީ އާދަކާދަ އާއި ސަގާފަތަށް އޮތް ލޯބީގެ ރަމްޒެކެވެ.

މިއީ ފާދިއްޕޮޅު ކުރެންދޫގެ ވާހަކަ އެވެ. ނަވާރަ ހެކްޓަރުގެ އެ ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ޖޭ-3 އެވެ. ރަށުގެ އާބާދީ އަކީ 2080 އެވެ.

އާދަކާދަ ދިރުވައި ދަމަހައްޓަން ކުރެންދޫން ސަމާލުކަން ދޭ ކަމުގެ ހެއްކަކީ އެތައް ޒަމާނެއް ކުރިން ފެށިގެން ތައްޔާރުކުރާ "ސައްލަން" މިއަދު ވެސް އެގޮތުގައި ތައްޔާރުކޮށް ކެއުމުގައި ބޭނުން ކުރުމެވެ.

ސައްލަން އަކީ ހާއްސަ މިރުސްގަނޑެކެވެ. އެރަށަށް ހާއްސަ ބްރޭންޑެކެވެ. އާންމުކޮށް ބާޒާރުން ފެންނަ މިރުސްގަނޑަށް ވުރެ ކުލަ މަޑުވެފައި މީރެވެ. ހާއްސަކޮށް މެންދުރު ކެއުމަށް މިހާރު ވެސް އެރަށުގައި ބޭނުން ކުރެ އެވެ.

އެއީ މިރަށުގެ ހާއްސަ ބްރޭންޑެއް. ރަށުން ބޭރުން އަންނަ މެހުމާނުން ވެސް ވަރަށް ޝައުގުވެރިވޭ ސައްލަން އަށް،" ކުރެންދޫ ކައުންސިލްގެ ރައީސް އިސްމާއީލް މަދީހު ވިދާޅުވި އެވެ.

ގިނަ ރަށްތަކެއްގައި ޒިޔާރަތްތައް ޒީނަތްތެރިކުރުމާއި ވެލިލުމަކީ މިހާރު ބިދުވައެއް ކަމަށް ގަބޫލުކޮށް އެ ތަންތަން ވީރާނާވާން ދޫކޮށްލާފައިވާ އޮތަސް، ތަރިކައަކީ ކިހާރު އަގުބޮޑު އެއްޗެއްކަން ކުރެންދޫ މީހުންނަށް އެނގެ އެވެ. އެހެންވެ، އެ ރަށުގެ ލޮއި ޒިޔާރަތަށް ވެލިލުން ވެސް މަރުނުވެ އެބަ އޮތެވެ.

މިއީ ވިޔަފާރީގެ ގޮތުން ވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގައި 29 ފިހާރަ، ދެ ކެފޭ އަދި ދެ ގެސްޓްހައުސް ހިންގަ އެވެ. އެރަށަށް ނިސްބަތްވާ 18 ސަފާރީއެއް ދުއްވަ އެވެ. މަސްވެރިކަންކުރާ ތިން ލޯންޗު ދުއްވާއިރު، ހަތަރު ދޯންޏަކުން ފަރުމަހުގެ މަސްވެރިކަންކުރެ އެވެ. އަދި ކަނޑުމަހުގެ މަސްވެރިކަން ވެސް ހަތަރު ދޯންޏަކުން ކުރެ އެވެ. ދެ ކުންފުންޏަކުން ކޭބަލް ޓީވީގެ ހިދުމަތް ރަށުގައި ދޭއިރު، އިންޓަނެޓްގެ ހިދުމަތް ދޭން ކުންފުންޏެއް ހިންގަ އެވެ. އަދި ހަތަރު ވަޑާންގެ ހުރެ އެވެ.

މުދާ އުފުލާ ތިން ދޯންޏެއް އޮންނައިރު، ކުރެންދޫ ރައްޔިތުން މާލެ ދަތުރު ކުރުމަށާއި މުދާ އުފުލުމަށް ބޭނުންކުރަނީ އެ ދޯނި ތަކެވެ. މީގެ އިތުރުން ލޯންޗު ފެރީގެ ހިދުމަތް ވެސް އޮވެ އެވެ.

ކުރެންދޫގެ ތައާރަފަށް އިތުރުކޮށްޖެހޭ މުހިންމު އަނެއް ކަމަކީ ރަށުގެ އެކުވެރިކަމާއި ރައްޔިތުންގެ ހީވާގި ކަމެކެވެ. އެކަމުގެ އެއް ރަމްޒަކީ ރީތި ބޯޅަދަނޑެވެ.

އެ ބޯޅަދަނޑު ހެދުމުގެ މަސައްކަތް ފެށުނީ ޒުވާން ކުދިން ކޮޅެއްގެ ކޮފީއަކުންނެވެ. އެ ހިޔާލު ކަމުދިޔުމާއެކު މަސައްކަތް ފެށީ ފައިސާ ހޯދުމަށެވެ. ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ނަމޫނާ ދަނޑެކެވެ. އެ ދަނޑަށް ހަރަދުވި ގިނަ ފައިސާއަކީ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހޯދި ފައިސާ އެވެ. ނަމަވެސް މަސައްކަތް ފަށައިގެން ވަކި ހިސާބަކަށް ދިއުމުން ސަރުކާރާއި މަޝްހޫރު ވިޔަފާރި ވެރިޔާ އަހުމަދު މޫސާ (އުއްޗު)ގެ އެހީތެރިކަން ވެސް ލިބުނެވެ.

ގާމަތި އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތޮއްޖެހުމާއި ރަށް ގިރުމުގެ މައްސަލަ އެވެ. ރަށް ގިރުމުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާއިރު، ތޮއްޖެހުމަށް އޮތް ހައްލަކީ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ ރަށުގައި ހިއްކާގެ ޖާގަ ވެސް ނެތުމެވެ. ނަމަވެސް އެ މައްސަލައަށް އޮތް ހައްލު ދެނެގަތުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކުރެންދޫގައި ހުރި ނިކަ ގަހެއް. -- ފޮޓޯ:މުހައްމަދު މައިޝަމް


ކުރެންދޫގައި 400 އަހަރަށް ވުރެ ގިނަ ދުވަސްވީ ކަމަށް ބެލެވޭ ނިގަގަސް އެބަ ހުއްޓެވެ. ރަށް ކުޑަޔަސް، ރަށުގެ ފަސްގަނޑު ރަނގަޅު ވުމުގެ ސަބަބުން ކުރިން ދަނޑިވެރިކަން ވެސް ކުރިޔެވެ. ކުދި ފިޔައި ހެއްދުމުން ވެސް ކުރިން އެއްވަނަ ހޯދާފައިވެ އެވެ.

މުހިންމު މައުލޫމާތު


ރަށުގެ ނަން: ކުރެންދޫ އަތޮޅު: ފާދިއްޕޮޅު (ޅ. އަތޮޅު) ރަށުގެ ކޯޑު: ޖީ-3 އާބާދީ: 2080 ސްކޫލްގައި ކިޔަވައިދޭ ގްރޭޑް: 10 ސްކޫލު ކުދިންގެ އަދަދު: 268 ަރަށުގެ ކަރަންޓް ހިދުމަތް: 24 ގަޑިއިރުު ލިބޭ ބަނދަރެއް އޮވޭ ނަރުދަމާ ގާއިމުކޮށްފައި ފެނުގެ ނިޒާމު ގާއިމުކުރުން ކުރިއަށް ގިރާ ސަރަހައްދު ހިމާޔަތް ކުރުން ކުރިއަށް މައުލޫމާތު: ކުރެންދޫ ކައުންސިލް އިދާރާ