Advertisement

ޝައިޙް ޢުމަރު ޢީސާ ސިފަކުރައްވާ "އިންސާނާ"

4 ނޮވެންބަރު 2022 - 08:44 3

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

އުމަރު އީސާ އަކީ ޙަޔާތުގައި ފޮނި އަދި ހިތި ތަޖުރިބާތައް ކުރެއްވުމަށްފަހު، އެ ތަޖުރިބާތަކުން ލިބިވަޑައިގެންނެވި ދަރުސްތައް ޅެމާއި ވާހަކަ އަދި މަޒުމޫނުގެ ސިފައިގައި ހިއްސާކުރެއްވި ކުޅަދާނަ އަދީބެއް. -- އާޓްވޯކް: އަބްދުﷲ ޝަފީއު(އަބޯ)/އަދަދު


ޝައިޙް ޢުމަރު ޢީސާ ސިފަކުރައްވާ "އިންސާނާ"

4 ނޮވެންބަރު 2022 - 08:44 3

އަލްމަރްޙޫމް އައްޝައިޚް ޢުމަރު ޢީސާ އަކީ އަޅުގަނޑަށް އެންމެ މަޤުބޫލު އެއް ލިޔުންތެރިޔާއެވެ. ޅެންވެރިޔާއެވެ. ތަރުޖަމާނެވެ. އަޅުގަނޑު އުފަންވުމުގެ އެއް އަހަރު ކުރިން، 1988ގައި އެމަނިކުފާނު ވަނީ އަވަހާރަވެފައެވެ. އެހެން ނަމަވެސް ޝާއިޢުކޮށް ފެންނާން ހުރި އެމަނިކުފާނުގެ އެކި ލިޔުއްވުންތަކުން އަޅުގަނޑަށް ސިފަކުރެވެނީ ޚިޔާލާއި ފިކުރުގެ ގޮތުން އެއް ޢުމުރެއްގެ، އެކުވެރި، ރަޙުމަތްތެރިއެކެވެ. އެއީ ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ޢިލްމުވެރިއެކެވެ. ޙަޔާތުގައި ފޮނި އަދި ހިތި ތަޖުރިބާތައް ކުރެއްވުމަށްފަހު، އެ ތަޖުރިބާތަކުން ލިބިވަޑައިގެންނެވި ދަރުސްތައް ޅެމާއި ވާހަކަ އަދި މަޒުމޫނުގެ ސިފައިގައި ހިއްސާކުރެއްވި ކުޅަދާނަ އަދީބެކެވެ. މިހާރުގެ ގިނަ ބަޔަކު ޢުމަރު ޢީސާގެ ނަން ހަނދާންހުންނާނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ 1844 ވަނަ އަހަރު ފަރަންސޭސި ލިޔުންތެރިޔާ އެލެކްސެންޑަރ ޑޫމާ ލިޔުއްވާފައިވާ ވާހަކަ "ލު ކޮމްތު ދު މޮންޓެ ކްރިސްޓޯ" ގެ ދިވެހި ތަރުޖަމާ، "ކައުންޓް އޮފް ދަ މޮންޓެ ކްރިސްޓޯ" ވާހަކައިގެ މުޞައްނިފުގެ ގޮތުގައެވެ.

އެ ވާހަކައަކީ އިންސާނުންގެ ޒާތާއި، އެކި އިންސާނުން ދުނިޔެ ޢުމުރު ހޭދަކުރާ މަޤްޞަދާ ގުޅޭ މޮޅު ތަޙުލީލެކޭ ދެންނެވިދާނެއެވެ. އެ ވާހަކައިގެ ބަޠަލު އެޑްމޮންޑް ޑާންޓޭއަށް ކުރެވޭ އެކި ތަޖުރިބާތަކުގެ އަލީގައި އޭނާ އިންސާނުންގެ ޒާތް ދަސްކުރެއެވެ. އަދި އިންސާނުންގެ ޒާތް ދެނެގަތުމުގެ ހުނަރު އޭގެ އެންމެ ފުނަށް އިސްތިޢުމާލުކޮށް، އޭނާގެ ޙަޔާތުގައި ކާމިޔާބަށް ވާޞިލުވެއެވެ. ޑާންޓޭގެ ވާހަކަ ތަރުޖަމާ ކުރެއްވި މުސައްނިފަކީވެސް، އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ފަލްސަފީ ޚިޔާލުތައް ފާޅުކުރެއްވި ބޭފުޅެކެވެ. ޢުމަރު ޢީސާގެ ތަޖުރިބާތައް ސިފަކުރައްވަމުން 2007 ވަނަ އަހަރު ޢަލީ ޙުސައިން (ނޮވެލްޓީ) ލިޔުއްވާފައިވެއެވެ.

"ދެރަގޮތްތަކާއި އޭގެ އިދިކޮޅު އިންތިހާދަރަޖައިގެ އުފަލާއި ތަނަވަސްކަން ދިމާވެ، ޙަޔާތުގެ ވަރަށް ބޮޑު "ޗުއްޓީ"އެއް ރާއްޖެތެރޭގައި ހޭދަކުރައްވަން ދިމާވުމުގެ ނަތީޖާއެއްގެ ގޮތުން، މީހަކަށް ތަޖުރިބާ ޙާޞިލުވާން ލިބޭނޭ ހުރިހާ ފުރުޞަތެއް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ." ހަލަބޮލި ސިޔާސީ މައިދާނެއްގައި މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. މުދާވެރި އާއިލާއަކަށް ނިސްބަތްވެވަޑައިގަތީ މުއްސަނދިކަން ތަޖުރިބާކުރެއްވިއެވެ. މާލެ އާއި އަތޮޅުތެރެއާއި ރާއްޖެއިން ބޭރުގެ މާޙައުލުތަކާއި ބަސްބަހާއި ބަހުރުވަތައް ދެނެވަޑައިގެންނެވިއެވެ.

"ތަޖުރިބާއިން އަޅުގަނޑަށް އެނގިއްޖެއެވެ." މި މައިގަނޑު ނަމަށް ޝައިޙް ޢުމަރު ލިޔުއްވި މަޒުމޫނުތަކެއް ކިޔާލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އޭގެ ތެރެއިން އަޅުގަނޑު އެންމެ ގަޔާވި އެއް މަޒުމޫނަކީ "ދިރިއުޅުމުގެ މަސްރަޙުން" މި މަޒުމޫނެވެ. މި މަޒުމޫނުގައި ފުރަތަމަ ސިފަކުރައްވަނީ 13 ޒާތެއްގެ އިންސާނުންނެވެ. މުޞައްނިފު ސިފަކުރައްވާ ޒާތްތައް ލިސްޓުކޮށްލަނީނަމަ އެއީ؛ އަމިއްލަ ފަސްޖެހުމުން ކަންނެތްކަމުން އަޑިއަށްދާ މީހާ؛ ދުނިޔެދެކެ ރުޅިއަރައިގެން މޫނު ހުތުރުކޮށްގެން ހުންނަ މީހާ؛ ކަންފަސޭހަކަމުގެ ޙައްދަށް ގޮސްފައިވާ މީހާ؛ ވަސްވާސްވެރިޔާ؛ ގަބަރާވެ ހައިރާންވެފައި ހުންނަ މީހާ؛ ޢަޒުމެއްގެ ވެރި ހިއްމަތްތެރިޔާ؛ ބޭހެދިގެން އުޅޭ މީހާ؛ މީހުންނަށް ޢަމުރުކުރާ މީހާ؛ މުދާ ނުވަތަ ތަކެތި އެއްކުރާ މީހާ؛ ޝަހްވާނީ އެދުންތައް ޙާސިލްކުރަން އުޅޭ މީހާ؛ މާއްދީ އަދި ދުނަޔަވީ ޙާލަތު ހަމަޖައްސަން މަސައްކަތްކުރާ މީހާ؛ ވަށައިގެންވާ މީހުންގެ ފައިދާއަށް އަމިއްލަ ޒާތު ޤުރުބާންކުރާ މީހާ؛ އަދި އަމިއްލަ ނަފުސު އިސްލާޙުކުރުމަށް ހުސްވާ މީހާއެވެ.

މި ހުރިހާ ޒާތެއްގެ މީހުން ސިފަކުރެއްވުމަށްފަހު ޝައިޚް ޢުމަރު ދެން ހިއްސާކުރައްވަނީ އެމަނިކުފާނަށް އެންމެ ޤަބޫލު ޒާތުގެ މީހުންނެވެ. އެއީ؛ ދިރިއުޅުން އޭގެ ޙަޤީޤަތާ އެއްގޮތަށް ދެކޭ މީހުންނާއި؛ ފިނޑިކަމެއްނެތި ކެރޭ މީހުންނާއި؛ ރަނޑުނުވެ، ފަރިނުބަލައި، ސީދާކޮށް ހިނގާ މީހުންނާއި؛ ތެދުވެރި އަޚުންނާއި؛ އިޙުސާންތެރިވާ މީހުންނާއި؛ ޙަޤީޤަތަށް ލޯބިކުރާ މީހުންނާއި؛ ފަންނާއި ޢިލްމު ދަންނަން ބޭނުންވާ މީހުންނާއި؛ އުޅުން ޠާހިރު މީހުންނާއި؛ ދުނިޔެއަށް ކަނުލޯބި ނުޖެހޭ މީހުންނެވެ.

ޢުމަރު ޢީސާ މި މީހުން ސިފަކުރައްވާފައި މިވަނީ މިގެ ތިރީސް-ސާޅީސް އަހަރު ކުރީގެ އިންސާނުންގެ ޝަޚްޞިއްޔަތުތައް މިނެކިރައިގެންނެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ އަދުގެ ދުނިޔޭގައިވެސް ފެންނަނީ ހަމަ މި ޒާތްޒާތުގެ އިންސާނުންނެވެ. ބަޔާންވެ ދިޔަ ސިފަތަކުގެ ތެރެއިން ފައްސި ސިފަތައް ޖަމާކޮށްގެން އުޅޭ ހެޔޮލަފާ މީހުންނާއި ނައްސި ސިފަތައް ބައްކޮށްގެން އުޅޭ ނުލަފާ މީހުންނާއި ފައްސި އަދި ނައްސި ސިފަތައްވެސް ލިބިފައިތިބި މީހުން، ޚުދު އަޅުގަނޑުމެންގެ ދުވަހީ ދިރިއުޅުމުގެ ތެރެއިން ފެނެއެވެ. އެ ސިފަތަކާއި އެ ސިފަތަކުގެ ތަފްސީލީ މާނަތައް މަޒުމޫނުން ކިޔަމުންދާއިރު އެވެނި މިވެނި މީހަކު ދެލިގަނޑުން ފާޅުވާން ފަށާ ކަހަލައެވެ. ޒަމާނާއި، ތަރައްޤީ އާއި ތަމައްދުނަކުން، އިންސާނާގެ ޒާތައް އައި ބަދަލެއް ނެތްތާއެވެ. ބަދަލުވީ އެ ޒާތުގައި ހުރި ސިފަތައް އިސްތިޢުމާލުކުރަން ލިބިފައިވާ ވަޞީލަތްތަކާއި ވެއްޓެވެ. އިންސާނާގެ ޒާތުގެ މި ބަދަލުނުވާ ސިފަ، އެންމެ ސާދާކޮށް ކިޔައިދެއްވަނީ މި މަޒުމޫނު ފެއްޓެވުމުގެ ގޮތުން ޢުމަރު ޢީސާ ލިޔުއްވާފައިވާ ޢިބާރާތްތަކުންނެވެ.

ދިރިއުޅުމުގެ މަސްރަޙުން ފެންނަމުންދާ ރިވާޔަތްތަކުގައި ހުރި ތަފާތެއްގެ ބޮޑުކަމާއެވެ! ދިރިއުޅުމުގެ މައިދާނުގައި ހިންގޭ ހޭދަތަކާއި، އަތުލެވޭ އިނާމުތައް، ކުރެވޭތީ ފެންނަ ޖިހާދުތަކާއި ކުރިމަތިވާތީ ދައްކާ ނަތީޖާތަކުގައި ހުރި ޚިލާފެއްގެ ބޮޑުކަމާއެވެ! އިންސާނީ ޙަޔާތުގައި އެކިމީހުންގެ މަންޒިލް މަޤްޞޫދު އެކި ދިމާއަށް، ގޮސް ބެހިފައިހުންނަ ހުރުމެއްގެ އަޖާއިބުކަން ބޮޑުކަމާއެވެ!"

އިންސާނީ ޙާލަތާއި އިންސާނާގެ ޒާތުގެ ޝިޢާރަކީ އަދަބިއްޔާތުގެ އެއް ތަނބުކަމުގައި ބެލެވިދާނޭ މިންވަރަށް ދިރާސާކޮށް، އެ ކަމެއްގެ މައްޗަށް ޚިޔާލުފާޅުކޮށްފައިވާ ޝިޢާރެކެވެ. ވިލިޔަމް ޝޭކްސްޕިއަރ އިން ފެށިގެން މިއަދުގެ ލިޔުންތެރިންނާއި ޅެންވެރިންވެސް މި ޝިޢާރަށް އިންސާފުކޮށް، ދައްކާނޭ ވާހަކަ ހުސްނުވެއެވެ. ދުނިޔޭގެ ޙަޔާތާއި އެ ޙަޔާތުގައި އިންސާނާ އަދާކުރާ ދައުރާމެދު ވިލިޔަމް ޝޭކްސްޕިއަރ ވިދާޅުވެފައިވާ މަޝްހޫރު ބުނުމެކޭ އެއްފަދައިންނެވެ. އެ މުމައްސިލު ލިޔުއްވާފައިވާ "އެޒް ޔޫ ލައިކް އިޓް" މި ތަމްސީލުގެ އެއް ޝަޚުޞިއްޔަތުކަމަށްވާ "ޖެކް" ދޭ ތަޤުރީރު "ދަ ސެވަން އޭޖަސް އޮފް މެން" ފަށަމުން ބުނާ ވާހަކަކޮޅު މިތާ ތަރުޖަމާކޮށްލެވޭތޯ މަސައްކަތްކުރާނަމެވެ.

މުޅި ދުނިޔެއަކީ ސްޓޭޖެކެވެ. އަދި އެންމެހާ އަންހެނުންނާއި ފިރިހެނުންނަކީ އެ ސްޓޭޖުގައި ދައުރުތައް އަދާކުރާ ކުޅުންތެރިންނެވެ. ސްޓޭޖަށް އަރާނެ ވަގުތާއި ފައިބާނެ ވަގުތު އަންނާނެއެވެ. އަދި ކޮންމެ މީހަކު، އޭނާއަށް ކަނޑައެޅިފައިވާ ވަގުތުގައި އެތައް ދައުރެއް އަދާކުރާނެއެވެ. އޭނާގެ ޢުމުރުގެ ހަތް ދަންފަޅީގެ ތެރެއިންނެވެ,"

"ދިރިއުޅުމުގެ މަސްރަޙުން" މި މަޒުމޫނުގައި ޢުމަރު ޢީސާ ލިޔުއްވާފައިވެއެވެ.

"ކޮންމެ އިންސާނަކުމެ އެ އިންސާނާގެ ކުޅިގަނޑުކުޅެނިންމަނީ، މި މަސްރަޙުގައެވެ. ކޮންމެ މީހަކުމެ އެމީހެއްގެ ހުރިހައި ދައުރެއް ފަތްޖަހައި، އޮޅައިލަނީ، މި މަސްރަޙުގައެވެ. ދުނިޔޭގެ އަލިކަން ދެލޮލަށް ފުރަތަމައަށް، އަލަށް ފެންނަ އުފާވެރި ސިކުންތުން ފަށައިގެންނެވެ. އެ ދެލޯ އެންމެ ފަހު ފަހަރަށް މެރިގެންދާ ބިރުވެރި ހިނދުކޮޅާ ޖެހެންދެންނެވެ."

ތެދެކެވެ. އަޅުގަނޑުމެން ކޮންމެ މީހަކީ މި ވަގުތީ ފާލަމުގައި ވަކި މަންޒިލަކާ ދިމާއަށް ހިނގަމުންދާ މީހެކެވެ. ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް އަދާކުރެވެމުން، ނުކުރެވެމުން، ވެއްޓެމުން، ހިނގަމުން، ފިރުކެމުން ގޮސް އެ މަންޒިލަށް ވާޞިލުވާނޭކަން ގައިމެވެ. ތިމާއަށް ލިބިފައިވާ ބުއްދީގެ ޚަޒާނާ ބޭނުންކުރަންވީ އެ ދަތުރަކީ ތިމާގެ ޒާތް ޠާހިރުކުރެވޭ ދަތުރަކަށް ހެދުމަށެވެ. ދަތުރުގެ ބައިވެރިންގެ ތެރޭގައި އިސްވެ ދެންނެވުނު ހުރިހާ ޒާތެއްގެ މީހުން ތިބޭނެއެވެ. އެހެންނަމަވެސް ތިމާ ޖަވާބުދާރީވާންޖެހެނީ ތިމާގެ ޢަމަލުތަކަށެވެ. ޝައިޚް ޢުމަރު ވިދާޅުވެފައިވާ ފަދައިން އަޅުގަނޑުމެން ވާންވީ "ރޫޙާނީ ބަލިތަކުން ސަލާމަތްވެގެންތިބޭ، ޝަހްވާތަށް ލަގަން ދޫނުކުރާ، އިޙުސާންތެރިންނަށް ޝުކުރު އަދާކުރާ، ޤައުމަށް ލޯބިކުރާ، އިންސާނުންނަށް ހެޔޮއެދޭ، މަތިވެރި މަޤްޞަދުތަކަށްޓަކައި ޤުރުބާންވާ، މާއްދިއްޔަތަށް އަޅުކަން ނުކުރާ، މަޚުލޫޤުންނަށް ސަޖިދަ ނުޖަހާ، ދުނިޔެއަށް ކަނު ލޯތްބެއް ނުޖެހި ތިބި" މީހުންނަށެވެ. ކާމިޔާބު ހޯދެން އޮތީ އެގޮތުންކަން ގައިމެވެ.