Advertisement

އިންޑޮނީޝިއާގެ މެޗެއްގެ ތެރެއިން ގިނަ ބަޔަކު މަރުވާން ދިމާވީ ކަރުނަ ގޭސް ޖެހުމުން ކަމަށް ބުނެފި

3 ނޮވެންބަރު 2022 - 07:04 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްޓޭޑިއަމް ތެރޭގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އީޕީއޭ


އިންޑޮނީޝިއާގެ މެޗެއްގެ ތެރެއިން ގިނަ ބަޔަކު މަރުވާން ދިމާވީ ކަރުނަ ގޭސް ޖެހުމުން ކަމަށް ބުނެފި

3 ނޮވެންބަރު 2022 - 07:04 0

އިންޑޮނީޝިއާގެ ފުޓްބޯޅަ މެޗެއްގެ ތެރެއިން 135 މީހުން މަރުވި ހާދިސާ ދިމާވީ ފުލުހުން ޖެހި ކަރުނަ ގޭހުގެ ސަބަބުން ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

އިންޑޮނީޝިއާގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ރިޕޯޓުގައި ބުނީ އިރުމަަތީ ޖާވާގެ މަލަންގްގައި ހުންނަ ކަންޖުރުހާން ސްޓޭޑިއަމްގައި މަރުވި ގިނަ މީހުން މަރުވީ ނޭވާ ހާސްވެގެން ކަމަށެވެ.

އޭގެ އިތުރުން އޮކްޓޯބަރު އެއް ވަނަ ދުވަހު އެ ހާދިސާ ހިނގި އިރު، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ހަ މީހަކާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލި އެވެ. އޭގެ ތެރޭގައި ފުލުހުންނާއި މެޗު ރޭވި މީހުން ހިމެނެ އެވެ.

އިންޑޮނީޝިއާގެ ބީއާރުއައި ލީގާ 1 ގައި އީސްޓް ޖާވާގެ ދެ ޓީމު ކަމުގައިވާ އަރެމާ އެފްސީ އާއި ޕަސެބަޔާ ސުރަބަޔާގެ މެޗަށް ފަހު ދަނޑަށް ސަޕޯޓަރުން އަރައި ހަމަނުޖެހުން ހިންގި އެވެ. އެ މެޗުން 3-2 އިން މޮޅުވީ ޕަސެބަޔާ އެވެ.

މި މެޗު ބަލަން ދަނޑު ފުރެންދެން މީހުން ވަދެ، ތިބިއިރު، މެޗުގެ ފަހު ކަށިގަނޑަށް ފަހު ސަޕޯޓަރުން ދަނޑަށް އެރި އެވެ. އެ ވަގުތު، މި ހިނގި ހަމަނުޖެހުން ކޮންޓްރޯލުކުރަން ރަޔަޓް ގިޔަރުގައި ފުލުހުން ނުކުމެ، ކަރުނަ ގޭސް ޖެހީ އެވެ.

"މިއީ ފުޓްބޯޅަ އަށް ލޯބިކުރާ، ފުޓްބޯޅައިގައި ޝާމިލުވެ އުޅޭ އެންމެނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. މި ހާދިސާގައި ފުރާނެ ގެއްލުނު މީހުންގެ އާއިލާތަކަށް ފީފާގެ ނަމުގައި ތައުޒިޔާ ފޮނުވަން، މި އުނދަގޫ ވަގުތުގައި ފީފާ އާއި މުޅި ދުނިޔޭގެ ފުޓްބޯޅަ ކޮމިއުނިޓީ މި އޮތީ އިންޑޮނީޝިއާއާ އެކު،" އެ ހާދިސާއަށް ފަހު ފީފާއިން ނެރުނު ބަޔާނުގައި ބުންޏެވެ.