Advertisement

އެމްޕީއެލްގެ ދެ ލައްކައަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މުވައްޒަފަކު ނުވަ މަހަށް ޖަލަށް

2 ނޮވެންބަރު 2022 - 16:51 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްރިމިނަލް ކޯޓު އިމާރާތް؛ އެމްޕީއެލްގެ މުވައްޒަފަކު އެ ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ހުކުމްކޮށްފި


އެމްޕީއެލްގެ ދެ ލައްކައަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މުވައްޒަފަކު ނުވަ މަހަށް ޖަލަށް

2 ނޮވެންބަރު 2022 - 16:51 0

އެމްޕީއެލަށް ލިބެން ޖެހޭ ދެ ލައްކައަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ދައުވާކޮށްފައިވާ އެ ކުންފުނީގެ މުވައްޒަފަކު ނުވަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ދައުލަތުން ހިޔާނާތްތެރިވުމުގެ ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރު އެމްޕީއެލްގެ ސަދަން ޓްރާންސްޕޯޓް ލިންކްގެ އެޑްމިން އެންޑް ފައިނޭންޝަލް މެނޭޖަރުގެ މަގާމު އަދާކުރަމުން ދިޔަ އަބްދުﷲ ރަޝީދުގެ މައްޗަށެވެ.

ސ. ފޭދޫ، ބުލްބުލްގެ، އަބްދުﷲ ރަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނާ ގޮތުން، އެމްޕީއެލްގެ ސަދަން ޓްރާންސްޕޯޓް ލިންކްގެ އޮފީހަށް ދުވަހުން ދުވަހަށް ވަންނަ ފައިސާ ހުންނަ ތިޖޫރީ ބެލެހެއްޓުމުގެ ޒިންމާ އޭނާއާ ހަވާލުކޮށްފައި އޮވެ އެވެ.

އެމްޕީއެލްގެ އެ އޮފީހަށް ލިބެން ޖެހޭ 248،978ރ. އަށް އަބްދުﷲ ރަޝީދު ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ކުރާ ދައުވާގައިވެ އެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި އަބްދުﷲ ރަޝީދު ވަނީ އޭނާއަށް ކުރާ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ އެ އޮފީހުގައި މަސައްކަތް ކުރާ ތިން މީހަކު ޝަފައީ ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ. އަދި ކިތާބީ ހެކިންގެ ގޮތުގައި ދައުލަތުން ވަނީ އޮފީހުގެ މުއާމަލާތްތަކުގެ ޝީޓްއާއި، އެ އޮފީހުގެ އޮޑިޓް ރިޕޯޓްތަކެއް ހުށަހަޅާފަ އެވެ.

ދައުލަތުގެ ހެކިތަކަށް ރިއާޔަތް ކުރުމަށް ފަހު ދައުވާ ސާބިތުވާ ކަމަށް މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ކަނޑައަޅުއްވާފައިވެ އެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ނަމަވެސް 2015 ވަަނަ އަހަރު ހިނގި ކަމެއްގެ މައްސަލައިގެ ޝަރީއަތް ދިގުލައިގެން ދިއުމުން، ދައުވާ ރައްދުވާ މީހާގެ ހައްގުތަކަކަށް އުނިކަމެއް އައިސްފައި އޮތުމުން އަދަބު ލުއިކުރަން ގާޒީ ނިންމެވި އެވެ. މައްސަލަ ބަލަމުން ދިޔަ ގާޒީން ބަދަލުވުމަކީ މައްސަލަ ލަސްވި އެއް ސަބަބެވެ.

އަދަބު ލުއިކުރުމަށް ފަހު ކަނޑައެޅި އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ. އަބްދުﷲ ރަޝީދު މި މައްސަލާގައި ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ދެން ހުކުމުން ތަންފީޒުކުރަން ޖެހޭނީ އަށް މަހާއި 18 ދުވަހެވެ.