Advertisement

އެއާޕޯޓް ނިމޭ އިރު ހދ.އަތޮޅު މީހުންގެ ވިސްނުން ޓޫރިޒަމަށް ފަހިވާނެ: މައުސޫމް

1 ނޮވެންބަރު 2022 - 10:48 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމު ހދ. އަށް ކުރެއްވި ދަތުރުގައި ރަށެއްގެ ބަޔަކު އޭނާއަށް މަރުހަބާ ކިޔަނީ. މައުސޫމު މިއަދު ވިދާޅުވީ އެއާޕޯޓް ނިމެން ވާއިރަށް މީހުންގެ ވިސްނުން ޓޫރިޒަމަށް ފަހިވާނެކަމަށް. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އެއާޕޯޓް ނިމޭ އިރު ހދ.އަތޮޅު މީހުންގެ ވިސްނުން ޓޫރިޒަމަށް ފަހިވާނެ: މައުސޫމް

1 ނޮވެންބަރު 2022 - 10:48 0

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ނިމޭ އިރު ހދ. ގައި 3،000 އަށް ވުރެ ގިނަ ޓޫރިސްޓް އެނދު ހުންނާނެ ކަމަށާއި އެ އަތޮޅުގެ މީހުންގެ ވިސްނުން ވެސް އެހައިތަނަށް ޓޫރިޒަމަށް ފަހިވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުުމުގެ ވަގުތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު ޔާސިރު އަބްދުއްލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ނިމި އަލުން ހުޅުވާ އިރު އެ އެއާޕޯޓަށް ފަހިވާ ވަރަށް އެނދު ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް ހަނިމާދޫ އެއާޕޯޓް ހުޅުވައިގެން ފުރަތަމަ އަހަރުގެ ތެރޭގައި ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވެނީ އޭނާ ވިދާޅުވި ގޮތުގައި އެ އާޕޯޓުގެ އެންމެ 20 ޕަސެންޓް ޖާގަ ބޭނުންކުރެވޭ ވަރަށެެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ


"އަޅުގަނޑުމެން މިދާ މިސްރާބުން، ހދ. އަތޮޅުގެ އެއާޕޯޓް [ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް] ހުޅުވޭ އިރުއެއާޕޯޓަށް ފަހިވާ ވަރަށް އެނދު ވެސް ހުންނާނެ އަދި އަތޮޅުގެ ވިސްނުން ވެސް އެވަރަށް، ޓޫރިޒަމަށް ފަހިވާ ގޮތަށް ތަރައްގީވެ، ހުރިހާ ރައްޔިތުން މިކަމަށް މަރުހަބާ ކިޔާނެ ކަމަށް ބެލެވޭ،" މައުސޫމް ވިދާޅުވި އެވެ.

މެމްބަރު ޔާސިރު އޭނާއާ ކުުރެއްވި ސުވާލުގައި އެއްސެވީ، ހަނިމާދޫ އެއާޕޯޓް ފުރިހަމައަށް ބޭނުންކުރުމަށް ޓަކައި އުތުރަށް ކިތައް އެނދު ބޭނުންވޭތޯ އެވެ. އެހައިތަށް އުތުރުގައި އެނދު އިތުރުކުރަން ޕްލޭނެއް އެބަ އޮތްތޯ ވެސް އޭނާ އެއްސެވި އެވެ.

މައުސޫމު ވިދާޅުވީ ސަރަހައްދެއްގައި އެއާޕޯޓެއް ފުރިހަމައަށް ހިންގުމަށް ޓަކައި އެ ސަރަހައްދެއްގައި 8،000 އެނދު ހުންނަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އުތުުރުގައި މިވަގުތު ހުރީ ޖުމްލަ 1،74 އެނދެވެ. ހިދުމަތް ދެމުން އަންނަނީ އޭގެ ތެރެއިން 1،524 އެނދުގަ އެވެ. ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި އިތުރު ދެ ރިސޯޓެއް ހުޅުވާނެކަމަށާއި 2،304 އެނދު އެހިސާބުން ހުޅުވޭނެ ކަމަށް ލަފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 1،360 އެނދު ހިމެނޭހެން އިތުރު ހަތަރު ރިޒޯޓެއް އޮޕަރޭޝަނަލް ސްޓޭޖަށް އަންނާނެ ކަމަށް ބެލެވޭ،" މައުސޫމު ވިދާޅުވި އެވެ.

އެއީ އޭނާ ވިދާޅުވި ގޮތުގައި ހއ. ބެރިންމަދު އާއި ށ. ހުރަސްފަރާއި ނާއިންފަރާއި ކަނބާލިފަރެވެ. އޭގެ އިތުރުން މީހުން އުޅޭ ރަށްރަށުގައި ކުރިއަށް ގެންދާ ހޮޓާ މަޝްރޫއުތަކުން ވެސް 400 އެނދު އުފެދޭނެ ކަމަށާއި އެހެންވީމާ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި ޖުމްލަ 3،700 އެނދު ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑު ކުރިން މި އިޝާރާތްކުރި 8،000 އެނދާ ބަލާއިރު ތަންކޮޅެއް [މަދު]. އޭގެ 50 ޕަސެންޓް ވަރު،" މައުސޫމު ވިދާޅުވި އެވެެ.

ހަނިމާދޫ އެއާޕޯޓު އަލުން ހުޅުވުމަށް ފަހު އެ އާޕޯޓުގައި ދުވާލަކު 1،780 ޕަސެންޖަރުންނަށް ހިދުމަތް ދެވޭނެ ކަަމަށާއި އެހެން ނަމަވެސް ފުރަތަމަ އަހަރު އެ އާޕޯޓް އޮޕަރޭޓްކުރެވޭނީ ޖުމްލަ ކެޕޭސިޓީގެ 20 ޕަސެންޓްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.