Advertisement

ދިރާގުޓީވީ އަށް ފުރުސަތު ގެއްލޭ ގަވާއިދުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަނީ

31 އޮކްޓޯބަރު 2022 - 19:38 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ދިރާގު ޓީވީއަށް ފުރުސަތު ގެއްލޭ ގަވައިދުގެ މައްްސަލަ އެކޮމިޓީއަށް ވަނީ ހުށަހަޅާފައި. ފޮޓޯ: މަޖިލީ


ދިރާގުޓީވީ އަށް ފުރުސަތު ގެއްލޭ ގަވާއިދުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަނީ

31 އޮކްޓޯބަރު 2022 - 19:38 1

ސަތޭކަ ޕަސެންޓް ދިވެހި ކުންފުންްޏަކަށް ނޫނީ ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ނުލިބޭ ގޮތަށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު ބަދަލުކުރުމުން، ދިރާގުޓީވީއަށް ލައިސަންސް ގެއްލޭތީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ މައްސަލަ ބަލަން ފަށައިިފި އެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެންމެ ފަހުން ގެނައި އެެ ބަދަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު ގަރާރެއް ވެސް ހުށަހެޅުއްވި އެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ ގަވައިދުގެ މައްސަލަ ހުށަހެޅުއްވީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވަމުން މެމްބަރު މުހައްމަދު މިއަދު ވިދާޅުވީ 100 ޕަސެންޓް ދިވެހި ކުންފުންޏަކަށް ނޫނީ ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ނުލިބޭ ގޮތަށް ގަވާއިދުގައި ހިމަނާފައިވާ މާއްދާ އަކީ އެ ގަވައިދުގެ މަގުސަދާ ވެސް ހިލާފު މާއްދާއެއް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ބްރޯޑްކާސްޓިން ކޮމިޝަނުން، ރީބްރޯޑްކާސްޓްކުރުމާ ބެހޭ ގޮތުން އެކުލަވައިލާފައިވާ ގަވާއިދަކީ ، އެެބޭފުޅުންނަށް އެެ ގާނޫނުން ވެސް އަދި އެެ ބޭފުޅުން އެެ ލިއުއްވާފައި އޮތް ގަވައިދުން ވެސް [ބޭރުން]، އޭގެ ވެސް މަގުސަދުތަކާއި އެބޭފުޅުން އަމަލުކުރަމުން އެދާ ގާނޫނުގެ ވެސް މަގުސަދުތަކާ ވެސް ހިލާފަށް ހިމަނާފައިވާ މާއްދާއެއް،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އެއީ އެކޮމިޓީގެ މެމްބަރުންގެ ސަމާލުކަމަށް ގެންނަން މުހިއްމު ކަމެއް ކަމަށް ވާތީ އެވެ.

އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ބްރޯޑްކޮމް އިން ގަވައިދަށް ގެނައި ބަދަލަކީ މިޒަމާނަށް ފެތޭ ގަވައިދެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ރީބްރޯޑްކާސްޓްކުރާ ކޮންޓެންޓް، ރާއްޖޭގެ ދީނީ އަދި ސަގާފީ މިންގަނޑަށް ފެތޭ ގޮތަށް ކޮންޓްރޯލްކުރުމަކީ އެކަމަށް އެހެން ގަވައިދުތަކެއް ހަދައިގެން ވެސް ކުރެވިދާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދޭން ޖެހޭ ކަމަށެވެ.

"ރީބްރޯޑްކާސްޓްކުރުން، ސަރުކާރު ހިއްސާވާ [ކުންފުނިތަކަށް] އަދި ބޭރުގެ ފަރާތްތަކަށް ދޫކޮށްލަން ޖެހޭ ކަމަށް އަޅުގަނޑު މި ދަންނަވަނީ ދިރާގުން އެެ ހިދުމަތް މިހާރު ދެމުން އަންނަ އިރުގައި ރާއްޖޭގައި މި ހިދުމަތްދޭ ސައްތައިން ސައްތަ ދިވެހި ކުންފުނިން [މީޑިއާނެޓުން] މިދޭ ދިނުމާ، ދިރާގުން ދޭ އަގާ އަޅައި ބަލާއިރުގައި އާއްމު ރައްޔިތު މީހާ އަތުން ހަރަދުކުރާ ފައިސާ ބޮޑުތަނުން އެބަ ކުޑަވޭ،" ހުސައިން ވިދާޅުވި އެވެ.

ކޮމިޓީން މިއަދު ނިންމީ ގަވާއިދަށް ގެނައި އެ ބަދަލާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުުރުމަށް ޓަކައި ބްރޯޑްކޮމްގެ މެމްބަރުން ހާޒިރުކޮށް ސުވާލުކުރުމަށެވެ.