Advertisement

ޖޫރިމަނާ އެއް ބިލިއަނަށް، ލިބޭ ފައިސާއިން ތިމާވެއްޓަށް "ސުމެއް"!

13 ނޮވެންބަރު 2022 - 08:19 0

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

ރަށެއްގެ އަތިރިމައްޗަށް އަޅާފައިވާ ކުނިތަކެއް: ތިމާވެއްޓަށް ގެއްލުން ދީގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ގިނަ ފައިސާއެއް ނުހޯދޭ.


ޖޫރިމަނާ އެއް ބިލިއަނަށް، ލިބޭ ފައިސާއިން ތިމާވެއްޓަށް "ސުމެއް"!

13 ނޮވެންބަރު 2022 - 08:19 0

ތިމާވެއްޓަށް ދޭ ގެއްލުމުގެ ކުޑަބޮޑުމިނުގެ ނިސްބަތުން 100 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވެ އެވެ. ނަމަވެސް ފައިސާ ހޯދަން މަސައްކަތެއް ނުކުރެވި، ލިބެންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް ބިލިއަނަކަށް އަރައިފި އެވެ. އަދި ލިބޭ ފައިސާ ކޮޅުން ވެސް ތިމާވެއްޓަށް ލިބޭ ފައިދާއެއް ނެތެވެ.

މީގެ ދިހަވަރަކަށް އަހަރު ކުރިން ރިސޯޓެއް ހިއްކި މައްސަލައިގައި އެކަމުގައި ޒިންމާވާންޖެހޭ ކުންފުނި 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި އެވެ. ދެހާސް ނުވަ ވަނަ އަހަރު ޝާއިއު ކުރި އެންވަޔަމަންޓް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއުން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމުގެ ދިރާސާ ނުކޮށް މަޝްރޫއު ކުރިއަށް ގެންގޮސްފައިވާތީ، ކުރި ޖޫރިމަނާ 10 މިލިއަން ރުފިޔާ އަށް ކުޑަކުރުމަށް ފަހު ވެސް ފައިސާ ނުހޯދި އެވެ. ފައިސާ ހޯދީ 2،500 ޑޮލަރަށް ޖޫރިމަނާ ކުޑަކުރުމަށް ފަހު އެވެ. ތިމާވެއްޓަށް ލިބުނު ހަގީގީ ގެއްލުމަށް ބަދަލެއް ނުލިބެ އެވެ.

މިއީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދެއް 2011 ގައި އެކުލަވާލުމުގެ ކުރީގެ ޖޫރިމަނާ އެކެވެ. ނަމަވެސް އެ ގަވާއިދު އެކުލަވާލި ފަހުން ވެސް، ގިނަ މައްސަލަތަކުގައި ކުރި ޖޫރިމަނާ ދައްކާ ހަލާސްކޮށްފައެއް ނެތެވެ. އަދި ފައިސާ ހޯދަން އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ވެސް ކުރެވިފައިވާ ކަމަކަށް ނުފެނެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން މިދިޔަ އޮކްޓޯބަރު 25 ވަނަ ދުވަހުގެ ނިޔަލަށް، ތިމާވެއްޓަށް ގެއްލުން ދިނުމުގެ 50 އަށް ވުރެ މައްސަލައެއްގައި ކޮށްފައިވާ ޖޫރިމަނާ ބިލިއަން ރުފިޔާއަށް އަރައެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ޖޫރިމަނާތަކުގެ ތެރޭގައި، ގަވާއިދުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ މާ މަތިން ކޮށްފައިވާ ޖޫރިމަނާއެއް ހިމެނެ އެވެ. ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ގެއްލުމުގެ ބަދަލަށް އެންމެ މަތިން ކުރެވޭނެ ޖޫރިމަނާ އަކީ 100 މިލިއަން ރުފިޔާ އެވެ. ނަމަވެސް، ޒިޔާރަތްފުށީ ފަރަށް އުރުނު ބޯޓެއް، 2014 ވަނަ އަހަރު 500 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި ކަމަށް އަދަދަށް ލިބިފައިވާ ލިޔުމުން ދައްކަ އެވެ. އެ ޖޫރިމަނާ ހަލާސްކޮށްފައި ނެތްއިރު، މައްސަލަ އޮތީ ޓްރާންސްޕޯޓު އޮތޯރިޓީގަ އެވެ. އެޅި ފިޔަވަޅެއް ހާމައެއް ނުކުރެ އެވެ.

"އެ ގޮތަށް ޓްރާންސްޕޯޓު މިނިސްޓްރީއަށް ނުވަތަ، ޓްރާންސްޕޯޓު އޮތޯރިޓީއަށް މައްސަލަ އޭރު ފޮނުވާފައި ހުރީ އެޓާނީ ޖެނެރަލްގެ ލަފައާއެކު،" އީޕީއޭގެ ޑިރެކްޓަ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވި އެވެ.

ނުލިބި ހުރި ފައިސާ

ފަސް ސަތޭކަ މިލިއަން ރުފިޔާގެ ޖޫރިމަނާ ހިމަނާނަމަ، ތިމާވެއްޓަށް ދިން ގެއްލުމާ ގުޅިގެން، 2013 އިން ފެށިގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު 962 މިލިއަން ރުފިޔާ އަރަ އެވެ. އެ މުއްދަތުގެ ތެރޭގައި ލިބިފައިވަނީ 228 މިލިއަން ރުފިޔާ އެވެ. ލިބުނު ފައިސާއިން 154 މިލިއަން ރުފިޔާ އަކީ ރަސްފަރީ ފަރަށް އުރުނު ބޯޓުގެ ޖޫރިމަނާ އާއި އެ ފަރުގެ މަރާމާތަށް ދެއްކި ފައިސާ އެވެ.

ނުލިބި ހުރި ޖޫރިމަނާގެ ތެރޭގައި 100 މިލިއަން ރުފިޔާގެ ތިން މައްސަލައެއް ހިމެނެ އެވެ. އެއީ؛

100 މިލިއަން ރުފިޔާގެ ޖޫރިމަނާ


1. ވ. މާގުޅީ ފަރަށް އެރި ބާޖު - ޖޫރިމަނާ ކުރީ މި އަހަރުގެ އޯގަސްޓް މަހު 2. ހިންމަފުށީ ފަރަށް އެރި ބާޖު - ޖޫރިމަނާ ކުރީ ޖޫން 2020 ގައި 3. ފުށިދިއްގަރު ފަރަށް އެރި ޓަގު ބޯޓު - ޖޫރިމަނާ ކުރީ މާޗު 2018 ގައި

އެ ޖޫރިމަނާތަކުގެ ފައިސާ ނުހޯދި ލަސްވެފައިވަނީ ނައީމް ވިދާޅުވި ގޮތުގައި އެހެން އޮފީސްތަކުގެ ސަބަބުންނެވެ. ބައެއް މައްސަލަތައް އެންވަޔަރަމަންޓު މިނިސްޓްރީގައި ހުރިއިރު، ބައެއް މައްސަލަ ހުރީ ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމުގެ މަރުހަލާގައި އެޓާނީ ޖެނެރަލްގެ އޮފީހުގަ އެވެ. ލިޔެކިޔުން ފުރިހަމަ ނުވެގެން ނުވަތަ ލިޔުން ނެތިގެން ހުއްޓިފައިވާ މައްސަލަ ވެސް އެބަ ހުއްޓެވެ.

ތިމާވެއްޓާ ގުޅޭ ޖޫރިމަނާތަކުގެ ލިޔުންތައް ގެއްލިފައިވަނީ ނިމިދިޔަ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ސަބަބުން ކަމަށް ނައީމް ތުހުމަތު ކުރައްވަ އެވެ.

ގެއްލިފައިވާ ބައެއް ލިޔުންތަކަކީ އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ދުވަސްވަރުގައި، އޭރުގެ ހައުސިން މިނިސްޓްރީން ބަލަހައްޓަމުން ދިޔަ ގުދަނެއްގައި ހުރި އީޕީއޭގެ ފައިލްތަކާއި ލިޔުންތަކެވެ.

އެ ލިޔެކިޔުންތަކުގެ ތެރޭގައި ބައެއް މައްސަލަތަކުގެ ލިޔުންތައް ހުރިއިރު، ވެރިކަން ބަދަލުވިތާ ހަތަރު އަހަރު ފުރެން ގާތްވެފައިވާއިރު، ގެއްލިފައިވަނީ ކިތައް މައްސަލައިގެ ލިޔުން ކަމެއް، އެ މައްސަލަތަކުގައި ހިމެނޭ ޖޫރިމަނާގެ މިންވަރެއް ދެނެގަނެވިފައެއް ނެތެވެ.

ދައުލަތަށް ފައިސާ ހޯދުން

މާލިއްޔާތު ގަވާއިދުގައި ބުނެފައިވާ ގޮތުން ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ނުލިބިއްޖެ ނަމަ ޝަރީއަތަށް ހުށަހަޅައިގެން ހޯދަންޖެހެ އެވެ. އެކަމަށް އީޕީއޭއިން މަސައްކަތް ނުކުރާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވާއިރު، އެހެން މުއައްސަސާތަކުން ވެސް އެކަމަށް މަސައްކަތް ނުކުރެ އެވެ.

ފައިސާ ނުލިބި ހުރި 100 މިލިއަން ރުފިޔާގެ ތިން މައްސަލައިގެ ތެރެއިން ދެ މައްސަލަ އޮތީ އެޓާނީ ޖެނެރަލް އޮފީހުގަ އެވެ. އަނެއް މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީގަ އެވެ.

"އަޅުގަނޑުމެން ވާނީ ހުރިހާ ލިޔުމެއް [އެޓާނީ ޖެނެރަލް އޮފީހަށް] ފޮނުވާފައި. ނުފޮނުވި ހުންނާނީ، [ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން] ހަލާކުކޮށް ނައްތާލި ލިޔުންތައް،" ނައީމް ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި އޮތީ އިސްތިއުނާފު މަރުހަލާގައި އޮތް 100 މިލިއަން ރުފިޔާގެ އެއް މައްސަލަ އެވެ. ނަމަވެސް މިހާރު އެ މައްސަލަ ވެސް ނިންމައި އީޕީއޭއަށް ފޮނުވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ތިމާވެއްޓަށް ގެއްލުން ދީގެން ދައުލަތުގެ ބައެއް އިދާރާތައް ޖޫރިމަނާކޮށްފައި ހުރިއިރު، އެ ފައިސާ ހޯދުމުގައި ގޮތެއް ނިންމާފައެއް ނެތެވެ. މިހާރުގެ ޕްލޭނިން މިނިސްޓްރީ އާއި ކުރީގެ ހައުސިން މިނިސްޓްރީ އާއި ސަރުކާރުގެ ބައެއް ކުންފުނިތަކާއި ބައެއް ކައުންސިލް އިދާރާތައް ހިމެނޭ ގޮތަށް ކޮށްފައިވާ ޖޫރިމަނާގެ ޖުމުލަ 68 މިލިއަން ރުފިޔާ އަށް އަރަ އެވެ.

އެ މައްސަލަތަކުގައި، "ގާނޫނީ ގޮތުން މި ފައިސާ ހޯދޭނެ ގޮތެއް ދަނީ ބަލަމުން" ކަމަށް ބުނެ ލިޔެލުން ފިޔަވައި އިތުރު ކަމެއް ނުކުރެ އެވެ.

ތިމާވެއްޓަށް ގެއްލުން ދީގެން ބަލަމުންދާ މައްސަލަތަކުގައި މިހާރު ވެސް ޖޫރިމަނާކުރުމުގެ މަރުހަލާގައި ހުރި މައްސަލަތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތަށް ބޭނުންކުރި ޕްލެޓުފޯމް ވިލިމާލޭ ފަރަށް އެރި މައްސަލަ ހިމެނެ އެވެ. އެ މައްސަލައިގައި ޖޫރިމަނާކުރުން ދިގުލައިގެން ގޮސްފައިވާތީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓުފޯމެއް ވިލިމާލޭ ފަރަށް އުރިގެން ލިބިފައިވާ ގެއްލުން. -- ފޮޓޯ:އީޕީއޭ


ތިމާވެއްޓަށް "ސުމެއް"

ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކުރި ޖޫރިމަނާގެ ތެރެއިން އެންމެ ފަސޭހައިން ލިބުނީ ރަސްފަރީ ފަރަށް އުރުނު ގުރީކްގެ ބޯޓުގެ ޖޫރިމަނާ އެވެ. އެ ޖޫރިމަނާގައި ހިމެނެނީ 100 މިލިއަން ރުފިޔާ އާއި ފަރުގެ މަރާމާތަށް ހިމެނި ފައިސާއާއެކު ޖުމުލަ 10 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 154 މިލިއަން ރުފިޔާ) އެވެ.

ތިމާވެއްޓަށް ގެއްލުން ދީގެން ކުރި ޖޫރިމަނާ ބިލިއަނަކަށް އަރައި، އެތައް ސަތާކަ މިލިއަން ރުފިޔާ ލިބުނު އިރު، އެ ފައިސާއިން ތިމާވެއްޓަށް ކުރީ ކޮން ކަމެއްތޯ، ލިބުނީ ކޮން ފައިދާއެއްތޯ އެވެ؟

އީޕީއޭގެ ޖަވާބަކީ މި އެވެ؛

"ޖޫރިމަނާއަށް ލިބުނު ފައިސާއިން މި އެޖެންސީން ތިމާވެއްޓަށް އަދި ކަމެއް ކުރެވިފައެއް ނުވޭ،"