Advertisement

ޕީއެސްއައިޕީއަށް 8.4 ބިލިއަން, އަމާޒަކީ ބިޔަ މަޝްރޫއުތައް ނިންމުން

31 އޮކްޓޯބަރު 2022 - 09:51 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ގެނެސްފައިވާ ޕްލެޓްފޯމު. އެންމެ ބޮޑު އަދަދެއް ބަޖެޓުގައި ޖަހާފައި ވަނީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޕީއެސްއައިޕީއަށް 8.4 ބިލިއަން, އަމާޒަކީ ބިޔަ މަޝްރޫއުތައް ނިންމުން

31 އޮކްޓޯބަރު 2022 - 09:51 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކާއި ނޭޝަނަލް ރިޒިލިއެންސް އެންޑް ރިކަވަރީ ޕްލޭނުގައި ހިމަނާފައިވާ ކަންކަން ތަންފީޒު ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްތަކުގައި ހިންގާ ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި 8.427 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

މިއަދުގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހެޅުއްވީ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުން 40.5 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން 20 ޕަސެންޓު ނުވަތަ 8.427 ބިލިއަން ކަނޑައަޅާފައި ވަނީ ޕީއެސްއައިޕީގެ މަޝްރޫއުތަކަށެވެ.

އޭގެ ތެރެއިން 551 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ އެކި ރަށްތަކުގައި ގާއިމުކުރާ ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކުގެ އައު އިމާރާތްތަކަށެވެ. އަދި، މި ސަރުކާރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމުކުރާ ޓާޝަރީ ހޮސްޕިޓަލުތައް ތަރައްގީ ކުރުމަށް ވެސް 73 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ އިތުރުން، ލ. ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލަށް 54 މިލިއަން ވަނީ ބަޖެޓުކޮށްފަ އެވެ.

ރިޔާސީ ދައުރު ނިމޭއިރު ފެނާއި ނަރުދަމާގެ ނިޒާމު ނެތް އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށް ސަރުކާރުން ބުނަމުންދާއިރު އެ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި 643.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

މި ސަރުކާރުން ހިންގާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރެޖެކްޓު ކަމަށްވާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ތެރެއިން އަޅާ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވަނީ 819 މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ. ބްރިޖުގެ އަމަލީ މަސައްކަތްތައް ފަށާފައިވާއިރު 2023 ގެ ނިޔަލަށް މާލެ އިން ގުޅީފަޅާ ގުޅާލެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ބޮޑު ވައުދަކާ އެކު އިންތިހާބުވި ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށްގެންދާ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 1.35 ބިލިއަން ރުފިޔާ ޖަހާފަ އެވެ. އޭގެ ތެރެއިން 630 މިލިއަން ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ގާއިމުކުރުމަށް ކަނޑައަޅާފައިވާއިރު ގޮނޑުދޮށް ހިމާޔަތްކުރުމަށާއި އިއާދަކުރަނިވި ހަކަތައަށް ވެސް ބޮޑު އަދަދުތަކެއް ޖަހާފައިވެ އެވެ.

އޭގެ އިތުރުން، މީހުން ދިރިއުޅޭ ރަށަކުން 20 މިނެޓުން ފުރައިގެން ދެވޭ ކައިރީގައި އެެއާޕޯޓުތައް ގާއިމުކުރުމަށް އަޅަމުންދާ އެއާޕޯޓުތަކަށް ވަނީ 921 މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ. އަދި، ގުޅީފަޅުގައި ތަރައްގީކުރަމުން އަންނަ މާލޭ ކޮމާޝަލް ބަނދަރަށް 308 މިލިއަން ކަނޑައަޅާފައިވެ އެވެ. މި ޕްރޮޖެކްޓުތަކާ އެކު ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 737 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މިހާރު ވެސް މީގެތެރެއިން ބައެއް މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޮވުމަށް ވަނި ގެޒެޓުކޮށްފަ އެވެ. އޭގެ އިތުރުން، ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ދަނީ ފްލެޓު އެޅުމުގެ މަސައްކަތް ހުޅުމާލެ ފޭސް ދޭއްގައި ކުރަމުންނެވެ.

މީހުން ދިރިއުޅޭ ރަށްރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެއް ބިލިއަން ރުފިޔާ ވަނީ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ކަނޑައަޅާފަ އެވެ. ހަމައެހެންމެ، ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއުތަކަށް ވަނީ 450 މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ.