Advertisement

ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފުޅާކުރުމަށް 55 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް

29 އޮކްޓޯބަރު 2022 - 20:32 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފުޅާކުރުމަށް 55 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް

29 އޮކްޓޯބަރު 2022 - 20:32 0

ރާއްޖޭގެ މައި ޓެލޮކޮމް ކުންފުނި، ދިރާގުން ގާއިމުކޮށްފައިވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފުޅާކޮށް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ ކުންފުންޏަށް 55 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދިނުމަށް އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އަދި އޭޝިއަން ޑިވެލޮޕްމަންޓު ބޭންކް (އޭޑީބީ) އިން ނިންމައިފި އެވެ.

މިއަދު އައިއެފްސީން ހާމަކުރި ގޮތުގައި މި ފެސިލިޓީގެ ތެރެއިން 25 މިލިއަން ޑޮލަރު ދޭން ނިންމާފައި ވަނީ ދިރާގުން ދެމުންދާ އިންޓަނެޓުގެ ހިދުމަތްތައް ފުޅާކޮށް، 5ޖީ އަދި ހައި ސްޕީޑު ފައިބާ އިންޓަނެޓުގެ ހިދުމަތް ދޭ ރަށްތައް އިތުރުކުރުމަށެވެ. އަދި، އިތުރުވަމުންދާ ކަސްޓަމަރުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ދިރާގުން ގާއިމު ކުރަމުންދާ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އެޅުމަށް ވެސް މި ފެސިލީޓީން އެހީތެރިވެދޭނެ އެވެ.

ހަމައެހެންމެ، 30 މިލިއަން ޑޮލަރު ކަނޑައަޅާފައި ވަނީ ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލެއް އަޅައި، ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ ފެންވަރުގައި ޑިޖިޓަލް ހަބެއްގެ ގޮތުގައި ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށެވެ.

"ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް މި ކުންފުނިން ކުރިއަށްގެންދާ އިންވެސްޓުމަންޓު ޕްރޮގްރާމަށް ފަންޑުކޮށްދޭން އޭޑީބީ އަދި އައިއެފްސީއާ އެކު މަސައްކަތް ކުރުމަކީ ހިތްހަމަޖެހުމެއް. މިއީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް ދިރާގުން ކުރާ މަސައްކަތްތައް ބަލައިގަންނަ ކަމުގެ ހެތްކެއް،" ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުވުމަށް އިންޓަނެޓުގެ ހިދުމަތްތައް ވަރަށް މުހިންމު ކަމަށް އައިއެފްސީގެ ދެކުނު އޭޝިއާ ޑިރެކްޓަރު ވިދާޅުވި އެވެ. އެއީ، ރާއްޖެ އުފެދިފައި އޮތް ގޮތުން ރަށްރަށަށް މީހުން ބެހިފައިވުމުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ޕްރޮޖެކްޓުތައް ނިމިގެން ދިޔުމާ އެކު އިންޓަނެޓު އަގަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އައިއެފްސީން ފާހަގަކުރެ އެވެ.