Advertisement

މަރުވުމަށް ފަހު ވެސް ރީތި ސަގާފަތާއި އާދަކާދަ

29 އޮކްޓޯބަރު 2022 - 09:22 0

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)

މީހެއްގެ މަހާނައިގައި ހިޔަނިފިލާކޮޅު ޖަހަނީ. -- ފޮޓޯ: އަބްދުﷲ ޝަފީއު(އަބޯ)


މަރުވުމަށް ފަހު ވެސް ރީތި ސަގާފަތާއި އާދަކާދަ

29 އޮކްޓޯބަރު 2022 - 09:22 0

އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ދިރިއުޅެނީ އެއް ދަރިކޮޅެއްގެ އެއް ވަންހައެއްގެ އެއް މަޒުހަބެއްގެ ބައެކެވެ. އެއް ގެއާއި އަނެއްގެ ހުންނަނީ ޖެހިޖެހިގެންނެވެ. އެއް ގެއިން އަނެއް ގެއަށް ހިނގާ އުޅެނީ އެއް އަސްކެނިން އަނެއް އަސްކެންޏަށެވެ. އެކުވެރިކަމާއި އުފަލުގައި ބައިވެރިވާ ފަދައިން އަނެކުންނަށް ދިމާވާ ހިތަމަ އާއި ކެކުޅުމުގައި ބައިވެރިވެ އުޅެނީ އެއްބަނޑުއެއްބަފާ ބައެއް ފަދައިންނެވެ.

އަޅުގަނޑުމެންގެ މި މުޖުތަމައުން މީހަކު ނިޔާވުމަކީ ލިބޭ ވަރަށް ބޮޑު ހިތާމައެކެވެ. މި ހިތާމައިގައި ރަށުގެ ރައްޔިތުން ބައިވެރިވަނީ ވަރަށް ފުން އަސަރާއިއެކުގަ އެވެ. މިގޮތުން ރަށުގައި މީހަކު ނިޔައުވި ހިބަރު ލިބުމުން އަވަސްއަވަހަށް އެމީހަކު ކުރަންހުރި ކަމެއް ހުއްޓާފައި އެ ގޭދޮށަށް އާދެ އެވެ.

މައްޔިތާ ހިނަވައި ކަފުންކުރުމުގެ މަސައްކަތް ޖަމާއަތްތެރިން ކުރަމުން ދާއިރު، ގަބުރުސްތާނުގައި ކަށްވަޅު ކޮނުމުގެ މަސައްކަތް ކުރެ އެވެ. ވަޑިންނާއި މާވަޑިން ސަންދޯއް ޖެހުމުގެ މަސައްކަތްކުރެ އެވެ. ސަންދޯއް ޖެހުމަށްޓަކައި ކޮންމެ ގެއެއްގެ ގޭމަތީގައި ކަނދުފިލާ އަބަދުވެސް ރައްކާކޮށްފައި ހުރެ އެވެ. ކަށުކަމާކެމީގެ ކަންތައްތަކަށް ބޭނުންވާ ތަކެތި ހުރިހާ ގެއަކުވެސް ހުންނާނެ އެވެ.

މައްޔިތާ ހިނަވައި ކަފުންކޮށް ސަންދޯކުއަޅައި ނިމުމުން އިމާމު ނުވަތަ އެދުރުމީހާ ކުރީގައި ހުރެގެން ސަންދޯއް ގެއިން ނެރެ އެވެ. އެދުރު މީހާ ހުންނާނީ ސަންދޯކުގެ ކުރީގަ އެވެ. ސަންދޯއް ގެއިން ނެރެންވުމުން ފަހަތުން ރިޔަލެއް ދަމައެވެ. ރިޔާ ގެންދާނީ ސަންދޯކުގެ ފަހަތުން ޖަނާޒާއަށްދާ މީހުންގެ ފަހަތުންނެވެ.

ރިޔާ ދެމުމުގެ ބޭނުމަކީ ސަންދޯއް ގެންދާތަން ކަނޑަށް ނުދެއްކުމެވެ. މި ކަމަށްޓަކައި ގަބުރުސްތާނަށް ދާން އޮންނަ މަގުވެސް ކޮށައިފައި އޮންނަނީ "ނަންނުގެތި ދުވުމަށެވެ." ފަހުން މަގުތައް ފުޅާކުރުމަށްފަހުވެސް ސަންދޯއް ގެންދާއިރު ރިޔާ ދަމަ އެވެ. ނަމަވެސް މަގުގެ ކުރި އޮންނާނީ ހާމައަށެވެ.

މައްޔިތާ ވަޅުލުމަށްފަހު، ބޯލާކޮޅުގައި ލަކުޑި ފިލާކޮޅަކުން މަހާނަގަލެއްގެ ސިފައަށް ހަދައި މަހާނާގައި ގައު ޖަހަ އެވެ. މީގައި މަހާނަ ގަލުގައި ހުންނަންވާ ހުރިހާ މައުލޫމާތެއް ހުރެ އެވެ. މި ލިޔެއުޅެނީ ލިޔުން ރީތި މީހުންލައްވާ ފިޔޮހި ފަދަ އެއްޗެއްގެ ތުނޑުންނެވެ. މަހާނައިގައި މަހާނަގާ ޖަހާނީ ސާޅީސްވާ ދުވަހު، މަހާނަދޮށުގައި ކިޔަވާމީހާ ލައްވަ އެވެ.

ދުވާލު ނިޔާވާ މީހުން އިރުއޮއްސެން ވާއިރަށް ވަޅުލެވޭތޯ ބަލަ އެވެ. އެ ޒަމާނުގައި ރޭގަނޑު މީހުން ވަޅުލުމަކީ ކޮށްއުޅުނު ކަމެއް ނޫނެވެ. ހަވީރު ނުވަތަ އިރުއޮއްސެން ކައިރިވެފައިވަނިކޮށް މީހަކު ނިޔާވެއްޖެނަމަ އެ މީހަކު އެރޭ ހިނަވާ ކަފުންކޮށްފައި ބާއްވަ އެވެ. އެރޭ އެ މައްޔިތާގެ ގާތުގައި މެދުނުކަނޑައި ޤުރުއާން ކިޔެވުމުގައި ދެމިތިބޭނެ އެވެ.

މައްޔިތާ ވަޅުނުލައި ބާއްވާފައި އޮންނަރެއަކީ ނާމާން ބިރުވެރި ރޭތަކުގެ ތެރެއިން ރެއެކެވެ. ރަށުގެ އެންމެން ތިބޭނީ މި ބިރުވެރިކަމުގެ ތެރޭގަ އެވެ. މާ ކުރީ ޒަމާންތަކުގައި ހިނގާފައި ހުރިކަމަށްބުނެ ދޫދޫމަތިން ކިޔައިދޭ ވާހަކަތައް މައިންބަފައިން ދަރިންނަށް ކިޔައިދެ އެވެ.

މައްޔިތާ ގާތުގައި ޤުރުއާން ކިޔަވަން ތިބޭ މީހުން ސަމާލުވާންޖެހޭ ކަންތައްތަކެއް ހުރެ އެވެ. އެހެންކަމުން ޤުރުއާން ކިޔަވަން ތިބޭ މީހުންގެ ތެރެއިން އެއްވެސް މީހަކު ނިދިއްޖެނަމަ ގަބުރު ތެދުވެގެން ގެއިން ނުކުންނާނެވެ. މީގެ އިތުރުން ޤުރުއާން ކިޔަވަން ތިބޭއިރު މައްޔިތާގެ ގާތުގައި ކިޔަވައިގެން ނުވާނެ ސޫރަތްވެސް ހުރެއެވެ. މިގޮތުން ސޫރަތުލް ބުރޫޖު އެއްގޮތަކަށްވެސް ކިޔަވައިގެން ނުވާނެ އެވެ. އެއީ އެ ސޫރަތުގެ އަށްވަނަ އާޔަތް، وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ ﴿8﴾ މި އާޔަތުގައި "وَمَا نَقَمُوا" އޮންނާތީ ކަމުގައިވެ އެވެ. ގަބުރު ތެދުވެއްޖެނަމަ ގަބުރު މައިތިރި ކުރެވޭނީ ކަންނޭލަކުން ޖަހައިގެންނެވެ. އެހެން ކަމުން ކޮންމެ ގެއަކު ކަންނޭލެއް އޮންނާނެ އެވެ. އެ ޒަމާނުގައި ގޭގެ އޮޅިގަނޑު ކަކުލާހިސާބަށް އުސްކޮށް، ބޯ ތިރިކޮށްގެން ނޫނީ ނުވަދެވޭ ވަރަށް އަސްކެނި ތިރިކޮށްފައި ހުންނަނީ ގަބުރު ނިކުތަނުދިނުމަށާއި ވިގަނި ވިލޭރޭ ވިގަނި ވަނަނުދިނުމަށެވެ.

އަޅުގަނޑުމެން ކުޑައިރު ގޭތެރޭގައި ބާލީހާއި ކަންނޭލުން އެއްކުއްޖަކު އަނެއްކުއްޖަކާ ތަޅާފޮޅާއިރު، މައިންބަފައިން ބުނެއުޅެއެވެ. "ދަރިފުޅުމެންނޭ، ކަންނޭލުން ނުތަޅާށޭ، ކަންނޭލަކީ ގަބުރު ތެދުވީމާ ޖަހަން އޮންނަ އެއްޗެކެވެ."

މައްޔިތާ ވަޅުލުމަށްފަހު މަހާނަ ދޮށުގައި ރިޔާ ދަމައި، ހަތް ސާޢަތް ހަމަވާންދެން ޤުރުއާން ކިޔަވަ އެވެ. އިހުގައި މި ކިޔެވުން ކިޔަވައި އުޅުނީ ތިން ހަތަރު މީހެކެވެ. ނަމަވެސް ރަށުގެ އާބާދީ އިތުރުވެ ޤުރުއާން ކިޔަވަން އެނގޭ މީހުން ގިނަވުމުން، ސާޢަތަށް ބެލުމަކާއިނުލައި މަހާނަ ދޮށުގައި ޚަތިމް ކުރެއެވެ. ޚަތިމްކޮށް ނިމޭއިރު ކޮންމެވެސް ވަރެއްގެ ނާސްތާއެއް ދެއެވެ. އެރޭ ނުވަތަ އަނެއް ދުވަހު ކިޔެވި މީހުންނަށް ރަނގަޅު ޖާފަތެއް ދެއެވެ.

މައްޔިތާއަށް ހެޔޮދުއާ ކުރުމުގެ ގޮތުން މި ޒަމާނުގައި ފައިސާއިން ސަދަގާތްކޮށް އުޅޭ ފަދައިން އެ ޒަމާނުގައި ބޮލިން ސަދަގާތްކޮށް، މުއްސަނދިން މަގުމަގަށް ބޮލި އުކައި އުޅުނެވެ. (ސަދަގާތުގެ ގޮތުގައި ބޮލިއުކާ އުޅުނު ވާހަކަ "ކޮރުމަހުމޫދުބެއާ ގުދުޙަލީމަދައިތަ" ގެ ވާހަކައިގައި ގެނެސް ދެވޭނެ އެވެ.)

މައްޔިތާ ވަޅުލުމަށްފަހު އެންމެން ދާނީ އަތިރިއަށެވެ. އެއަށްފަހު ގޮނޑުދޮށަށް ފައިބައި "ފައިބާ ރާޅުން" ފައި ދޮވުމަށްފަހު ނޫނީ އެއްވެސް މީހަކު ގެއަކަށް ނުދާނެ އެވެ. ވަޅު ކޮނުނު މީހުންނާ މައްޔިތާ ހިނެވި މީހުން އެރޭނީ މޫދަށެވެ.

ވަޅުކޮންނަން އާންމުކޮށް ގޮސްއުޅެނީ ދެމީހެކެވެ. މި ދެމީހުންނަށްވެސް މައްޔިތާގެ އަންނައުނުގެ ތެރެއިން އެންމެ ރަނގަޅު ހެދުމެއްދެ އެވެ. އަންހެނެއްނަމަ ލިބާހަކާއި ކަނޑިއްކެކެވެ. ފިރިހެނެއްނަމަ ހުކުރު ހެދުމާއި ދެން އޮތް އެންމެ ރަނގަޅު ހެދުމެކެވެ.

މައްޔިތާ ވަޅުލުމަށްފަހު ސާޅީސް ވާންދެން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު މަހާނަދޮށުގައި ދުއާކޮށް ސޮލަވާތް ފާތިހާ ކިޔަވަ އެވެ. މިކަން ކުރަނީ ރަށުގެ މާމުދިން މީހާއެވެ. މީގެ އިތުރުން ސާޅީސް ވާންދެން ކޮންމެ ދުވަހަކު ހެނދުނާ ހަވީރު މައްޔިތާގެ ގެއަށް ގޮސް ފާތިޙާ ކިޔަވައެވެ. ފާތިހާ ނިމުމުން ކޮންމެވެސް ނާސްތާއެއް ދެއެވެ.

ސާޅީސް ހަމަވުމުން މަހާނައަށް ދޮންވެލިލައި ޞަލަވާތް ފާތިޙާ ކިޔެވުމަށްފަހު މަހާނަގާ ޖަހައެވެ. އެއަށްފަހު ސާޅީސް ވާންދެން މަހާނަ ދޮށުގައި ކިޔަވަމުންއައި ކިޔެވުމާއި ގޭގާއި ކިޔަވަމުންއައި ފާތިޙާ ކިޔެވުން ނިމުނީއެވެ. މި ކިޔެވެލިތައް ކިޔެވި މީހާއަށް ދޭ އުޖޫރައަކީ އެ މީހެއްގެ އަތުގައި ހުރި އެންމެ މަތިވަރު ރަނގަޅު ރުކެކެވެ.