Advertisement

ޔަގީންކަމާއެކު ދަންނަވާށެވެ!

28 އޮކްޓޯބަރު 2022 - 06:33 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ޔަގީންކަމާއެކު ދަންނަވާށެވެ!

28 އޮކްޓޯބަރު 2022 - 06:33 0

ޖުނައިދުލްބަޣްދާދީއާ ސުވާލުކުރެވުނެވެ. ރިޒްގަށް އެދޭނީ ކޮން ދިމާއަކުން ހެއްޔެވެ؟ ވިދާޅުވި އެވެ. ރިޒްގު ވަނީ ކޮންމެ ދިމާއެއްގައިކަން އެނގުނަސް އެދިމާއެއްގައި އެދޭށެވެ! އެހެންވީއިރު ތިމަންމެން ﷲ އަށް ދަންނަވާނީކަމުގައި އެމީހުން ބުންޏެވެ. ވިދާޅުވި އެވެ. އެކަލާނގެ ވަނީ ތިޔަބައިމީހުންގެ މަތީން ހަނދާން ނެތިގެންކަމަށް ހެއްޔެވެ؟ އެހެންނަމަ ހަނދާންކޮށްދީބަލާށެވެ! އެހެންވީމާ ތިމަންމެން ﷲ އަށް ބަރޯސާވެ ތަޖުރިބާކުރާނީ އެވެ. ވިދާޅުވި އެވެ. ތަޖުރިބާކުރުމަށް ވިސްނުމަކީ ﷲ އާމެދު ޝައްކުކުރުމުގެ ވިސްނުމެކެވެ. އެބައިމީހުން ދެންނެވިއެވެ. އޭ ޖުނައިދެވެ. މިކަމުގައި ޓްރިކަކީ ކޮބައިހެއްޔެވެ؟ ވިދާޅުވިއެވެ. ޓްރިކްއަކީ ޓްރިކް ހެދުން ދޫކޮށްލުމެވެ.

އެއަށްފަހު ޖުނައިދުގެ މަޝްހޫރު ޅެންބައިތު ވިދާޅުވިއެވެ. "ވަކިކަމެއް ހާސިލުކުރުމަށްޓަކައި މަޚްލޫޤަކަށް ކިޔަމަންނުވާށެވެ. ފަހެ އެކަމަކީ ތިބާގެ ދީންވެރިކަމުގައި ހުރި އުނިކަމެކެވެ. މަށިން ތިބާ ހައްދަވައި ފުރިހަމަކުރެއްވި ކަލާނގެ އިޒުނަފުޅާ ލައިގެން މެނުވީ، ތިބާއަށް ކިތަންމެ ކުޑަ މިންވަރެއް ހޯދައިދިނުމަކީ ވެސް އަޅަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކުން އިއްޒަތް ލިބެވޭނެކަމަށް ހިތައިގެން މުއްސަންޖަކާ ރަހުމަތްތެރިނުވާށެވެ! ނަފުސުގެ އަގު ދަމަހައްޓައި، ދީނުގެ ޙުރުމަތް ނަގަހައްޓާށެވެ! ކޮންމެ ތޫނުފިލިކަމަކުން މުއްސަނދިކަން އިތުރުވާނަމަ، ތޫނުފިލި ކޮންމެ އިންސާނަކު ޤާރޫނުކަމުގައިވީހެވެ. އެހެންނެއް ނޫނެވެ. ރިޒްޤުދެއްވުންވަނީ ހިކުމަތްތެރި ފަރާތެއްގެ ވަޒަންކުރެއްވުމުގެ ދަށުގަ އެވެ. ކޮންމެ ތޫނުފުލި މީހަކަށާއި އެނޫން މީހާއަށް ދެއްވާނޭ ގޮތުންނެވެ. އެކަލާނގެ ޚަޒާނާއިން ރިޒްޤުދެއްވުމަށް އެދިދަންނަވާށެވެ! އޭރަށް ތިބާގެ ރިޒްޤު އޮންނަހުށީ ކާފާއި ނޫނުގެ ދެމެދުގައެވެ. ("ކުންފަޔަކޫން" ވާށޭ ވަހީކުރެއްވުމުން ދެން އެކަމެއްވެދެ އެވެ.) ﷲގެ ވާގިވެރިކަމުން މުއްސަނދިވެ، ދުނިޔޭގެ ހުރިހާ ރަސްކަންތަކުން ފޭވެގަންނާށެވެ! އެހެނީ ރަސްރަސްކަލުންވަނީ އެބައިމީހުންގެ ދީނުން ފޭވެގަނެ، ދުނިޔެއައިގެން މުއްސަނދިވެގަނެގެންނެވެ.

ތިމާ އެދޭހާ ކަމެއް ހިންމަވައިދެއްވުމުގެ ސިއްރަކީ އެންމެ ކަމެކެވެ. އެއީ މާތް ކަލާނގެއަށް އެކަނި ބަރޯސާވެ، އިޖާބަވާނެކަމުގެ ޔަގީންކަމާއެކު ދުޢާކުރުމާއި ދެއްވާނެކަމުގެ ޔަގީންކަމާއެކު ދެންނެވުމެވެ. މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. އިޖާބަ ދެއްވާނެކަމުގެ ޔަގީންކަމާއެކުގައި، ތިޔަބައިމީހުން ﷲ އަށް ދަންނަވާށެވެ! އަދި ދަންނާށެވެ! ޣާފިލުވެފައިވާ ހިތެއްގެ ދުއާ މާތް ﷲ އިޖާބައެއް ނުކުރައްވާނެ އެވެ. ޣާފިލުވުމަކީ ސަމާލު ކަމެއް ނެތުމެވެ. ފޯކަސް ނެތުމެވެ.

އެދޭހާ ކަމެއް ފުދިދިއުން ވަނީ ކުރާ މަސައްކަތެއްގައި ނޫނެވެ. އަދި ހެދޭ ޖާދޫއެއްގައިވެސް ނޫނެވެ. މާތް ﷲ ގެ އިރާދަފުޅުން އެކަމެއް ހިންމަވައިދިނުމުގައެވެ. އެދޭ ކަންކަން ހިންމަވައިދެއްވުމަށް ދުއާކުރާ މީހަކު ހަދާނެ އެންމެ ބޮޑު ގޯހަކީ، އެކަމެއްގެ ސަބަބުތައް ގެނެސްގަތުމަށް މަސައްކަތް ނުކުރުމެވެ. އެދޭ ކަންކަމަށް ގަދައަޅައި މަސައްކަތްކުރާ މީހާ ހަދާނެ އެންމެ ބޮޑު ގޯހަކީ ކަންކަން ހިންމަވައިދެއްވާ މާތް ކަލާނގެ ކިބައިން ވާތްގަށް އެދުން ދޫކޮށްލުމެވެ. އެކަލާނގެއާމެދު މާޔޫސްވުމެވެ.

ޔޫސުފް ސޫރަތުގެ 87 ވަނަ އާޔަތުގައި އަންގަވަނީ "އަދި ﷲ ގެ ރަހުމަތުން ތިޔަބައިމީހުން އުންމީދު ކަނޑައިނުލާށެވެ! (ހަމަކަށަވަރުން ކާފިރުވިމީހުން މެނުވީ، ﷲ ގެ ރަޙުމަތުން އުންމީދު ކަނޑައެއް ނުލާނެއެވެ."

އަލްކަބީރުގައި ޠަބަރާނީ ރިވާކުރައްވާ ހަދީސްގައިވަނީ، "އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވާ އެއްކައުވަންތަ ﷲ ފިޔަވައި އެހެން އިލާހަކު ނުވެ އެވެ. ރަސްކަން މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ. ހަމްދުހުރީ އެކަލާނގެއަށެވެ. އެކަލާނގެ ކޮންމެ ކަމަކަމަށްމެ ކުޅަދުންވަންތަވެވޮޑިގެންވެ އެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވެ އެވެ. އަދި އެކަލާނގެ ވާގިފުޅާ ލައިގެން މެނުވީ އެއްވެސް އާރެއް ބާރެއް ނުވެ އެވެ. މި ފަސްކަލިމައިން ދުއާކޮށް ދަންނަވައިފި މީހާ އެދޭ ކަމެއް ހިންމަވައިނުދެއްވައި ދޫނުކުރައްވާނެ އެވެ."

މިފަސް ކަލިމައިން ދުއާކުރުމަކީ، މިފަސްކަލިމައިގައިވާ މާނަތައް ޔަގީންކޮށް ހިތުގެ އަޑީން ގަބޫލުކޮށްގެން ދުއާކުރުމެވެ. ޤުދުސިއްޔަ ހަދީސްގައި އައިސްފައިވެ އެވެ. "މުޅި އުންމަތް ތިބާއަށް ލާބައެއް ހޯދައިދިނުމަށް އަތުގުޅާލިޔަސް، މާތް ﷲ ތިބާއަށް އެއެއްޗެއް ލިބުމަށް ކަނޑައަޅުއްވާފައިވާ އެއްޗެއް މެނުވީ ހޯދައެއް ނުދެވޭނެ އެވެ. އަދި މުޅި އުންމަތް ތިބާއަށް ގެއްލުމެއް ދިނުމަށް އަތުގުޅާލިޔަސް، މާތް ﷲ ތިބާގެ މައްޗަށް ކަނޑައަޅުއްވާފައިވާ ކަމެއް މެނުވީ ނުޖެހޭނެ އެވެ."

އިސްވެ ބަޔާންކުރެވުނު ޤުދުސިއްޔަ ހަދީސްގައި ބަޔާންކުރެވިފައިވާ އިރުޝާދު އެންމެ ރަނގަޅަށް ދެނެގަނެވޭނީ، އޭގެ އިދިކޮޅު ހިތުގައި ތަސައްވުރުކުރީމަ އެވެ. ވަށައިގެންވާ ކޮންމެ އިންސާނަކީ، ތިމާއަށް ފައިދާ އާއި ގެއްލުންދެވިދާނެ މީހުން ކަމަށް ގަބޫލުކޮށްގެން ނުކުންނަ ނަތީޖާތައް ހިތަށް ގެނައީމަ އެވެ. އެފަދަ މީހާ އުޅޭނެ ބިރުވެރިކަމާއި ހާސްކަމާއި ނުތަނަވަސްކަމެވެ.

އާދޭހެވެ! ޝައްކެތް ނެތެވެ. އެއްބަޔަކަށް އަނެއް ބަޔެއްގެ ސަބަބުން ފައިދާ އާއި ގެއްލުންވެ އެވެ. އަދި އެއްބަޔަކަށް އަނެއް ބަޔެއްގެ ފުށުން އެހީތެރިކަން ލިބުމާއި ދުއްތުރާ ޖެހުމަކީ އޮތް ކަމެކެވެ. ހަދީސްގައި ބުނާ ވާހަކައަކީ، އެއީ އެންމެ ފަހު މަރުހަލާ ކަމަށް ނުދެކުމެވެ. އިންސާނުންގެ މަޙްދޫދުކުރެވިފައިވާ ބާރުތަކުގެ މައްޗަށް ހައްދެއް އިމެއް ނެތް ބާރުވެރިކަން މިލުކުވެވޮޑިގެންވާ މާތް ﷲ އާމެދު ހިތުގައި އޮންނަ ޔަގީންކަމުގެ މައްޗަށް ހިތް ސީދާކުރުމެވެ. އިންސާނުންގެ ކިބައިން ފައިދާ ލިބެ އެވެ. އެކަމަކު އެއިންސާނާގެ ފައިދާ ފެށުމާއި ދެމިއޮތުމާއި ނިމިދިއުން އޮތީ މާތް ﷲ ގެ އިރާދައިގެ ދަށުގައެވެ. އިންސާނުންގެ ކިބައިން ގެއްލުންވެސްވެ އެވެ. ބައެއް މީހުންނަކީ އަނެކުންނަށް ނުރައްކަލަކެވެ. ބިރެކެވެ. އެކަމަކު އެއެންމެހާ ނުރައްކަލަކާއި ބިރަކުން ތިމާ ނަޖާކުރެއްވުމަކީ، ބާރުވެރިކަމުގެ ނިހާޔަތެއް ނެތް މާތް ﷲ ގެ އިރާދައިގައި އޮތް ކަމެކެވެ.