Advertisement

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްއޯއީތަކަށް 10 ބިލިއަން ރުފިޔާގެ އާމްދަނީއެއް

23 އޮކްޓޯބަރު 2022 - 14:18 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާ މާޓު: އެސްއޯއީތަކަށް ލިބުނު އާމްދަނީއަށް ބަލާއިރު، ލިސްޓުގެ އެންމެ ކުރީގައި އޮތީ އެސްޓީއޯ.- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްއޯއީތަކަށް 10 ބިލިއަން ރުފިޔާގެ އާމްދަނީއެއް

23 އޮކްޓޯބަރު 2022 - 14:18 1

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބުނު އާމްދަނީ 10 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

މިނިސްޓްރީގެ ދަށުން ހިންގާ ޕްރައިވަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ކުއާޓާލީ ރިވިއުގައި ބުނެފައިވާ ގޮތުގައި، ސަރުކާރު ހިއްސާވާ ޖުމްލަ 31 ކުންފުންޏަކަށް މިއަހަރުގެ ފުރަތަމަ ތިން މަހު އާމްދަނީގެ ގޮތުގައި ޖުމްލަ 10.27 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިއީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރެކޯޑު ކުރެވިފައިވާ އާމްދަނީއާ އަޅާބަލާއިރު، 54 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައި ބުނީ، އެ ކުއާޓަރުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ އެސްޓީއޯއަށް ކަމަށެވެ. ސަރުކާރުގެ މައި ވިޔަފާރި ކުންފުންޏަށް 1.88 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އެސްޓީއޯގެ އާމްދަނީ އިތުރުވެފައިވަނީ އެ މުއްދަތުގައި އެ ކުންފުނިން ވިއްކާ ތެލުގެ އަގު މަތިވެ، ޑިމާންޑު އިތުރުވެފައިވާތީ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ފުރަތަމަ ކުއާޓަރުގައި ދެވަނަ އަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ރާއްޖޭގެ ބައިނަލްއަގުވާމީ މައި އެއާޕޯޓު ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލް އަށެވެ. އެ މުއްދަތުގައި އެމްއޭސީލްއަށް 648 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.

އާމްދަނީގެ ލިސްޓުގެ ތިންވަނައިގައި އޮތް އެޗްޑީސީއަށް ލިބިފައިވަނީ 314 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. އެޗްޑީސީގެ އާމްދަނީ އިތުރުވުމުގެ ބޮޑު ބައެއް އެ ކުންފުނިން ވިއްކި ބިންތައް ހިއްސާކުރާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގިނަ ކުންފުނިތަކަށް ލިބުނު އާމްދަނީ މިއަހަރުގެ އެއް މުއްދަތާ އަޅާބަލާއިރު ނިސްބަތުން އިތުރެވެ. ނަމަވެސް، ޖުމްލަ ހަތް ކުންފުންޏެއްގެ އާމްދަނީ އެ މުއްދަތުގައި ދަށަށް ގޮސްފައިވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ ތެރޭގައި ވެމްކޯ، އެސްޑީއެފްސީ ޕީއެސްއެމް، އެމްއެމްޕީއާރުސީ އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނެ އެވެ.

މީގެ އިތުރުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެއްވެސް އާމްދަނީއެއް ނުލިބޭ ހަތަރު ކުންފުންޏެއް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ފަހިދިރިއުޅުން ކޯޕަރޭޝަން، ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން، ހައްޖު ކޯޕަރޭޝަންގެ އިތުރުން ސްޕޯޓްސް ކޯޕަރޭޝަނެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނިތަކަށް ލިބުނު އާމްދަނީގެ ކުރިއެރުމާއެކު ފައިދާ ވެސް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

މިގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ކުންފުނިތަކުގެ ޖުމްލަ ފައިދާ މިއަހަރު ވަނީ 36 ޕަސަންޓުގެ ކުރިއެރުމެއް ލިބިފަ އެވެ. މީގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ އެމްއޭސީއެލް އަށެވެ. އެ ކުންފުންޏަށް 1.08 ބިލިއަން ރުފިޔާގެ ފައިދާއަކީ، ހުރިހާ ކުންފުންޏަކަށް ލިބުނު ފައިދާގެ ނިސްބަތުން 29 ޕަސަންޓެވެ.

އެމްއޭސީއެލްގެ އިތުރުން، ފުރަތަމަ ކުއާޓަރުގައި 100 މިލިއަން ރުފިޔާއަށް ވުރެ މަތިން ފައިދާ ރެކޯޑުކުރި ކުންފުނިތަކުގެ ތެރޭގައި ބީއެމްއެލް، ދިރާގު، ފެނަކަ، ޕޯޓްސް، އެމްޓީސީސީ، އެމްޑަބްލިޔުއެސްސީ އަދި އެސްޓީއޯ ހިމެނެ އެވެ.