Advertisement

ޔަމަނުގެ ތެޔޮ ޓާމިނަލަކަށް ދިން ހަމަލާ ކުށްވެރިކޮށްފި

23 އޮކްޓޯބަރު 2022 - 13:04 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތެޔޮ ޓާމިނަލަށް ހަމަލާ ދިނީ ހުކުރު ދުވަހު. -- ފޮޓޯ: ހަލީޖް ޓައިމްސް


ޔަމަނުގެ ތެޔޮ ޓާމިނަލަކަށް ދިން ހަމަލާ ކުށްވެރިކޮށްފި

23 އޮކްޓޯބަރު 2022 - 13:04 0

މިދިޔަ ހުކުރު ދުވަހު ޔަމަނުގެ ހަދްރަމައުތު ގަވަރްނަރޭޓްގައި ހުންނަ އަލް ދައްބާ ތެޔޮ ޓާމިނަލަށް ހޫތީން ދިން "ޓެރަރިސްޓް" ހަމަލާ ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއިން ކުށްވެރިކޮށްފި އެވެ.

"އެ ހަމަލާއަކީ އދ. ގެ ސަަލާމަތީ މަޖިލީހުގެ ގަރާރު 2216 އަދި ބައިނަލްއަގްވާމީ ގާނޫނާއި ހަމަތަކާ ހިލާފު ހަމަލާއެއް،" ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"މިއީ ހަނގުރާމަ އިތުރަށް ގޯސްކޮށް، ބައިނަލްއަގްވާމީ މުޖުތަމައުގެ އެދުމާ މުޅިން ހިލާފަށް ދިން ހަމަލާއެއް،" ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏޭވެ.

ހުކުރު ދުވަހު ޔަމަނުގެ އިންތިހާބީ ސަރުކާރުން ބުނީ އަލް ދައްބާ ތެޔޮ ޓާމިނަލަށް ފޮނުވި ޑްރޯންތަކެއް ހުއްޓުވި ކަމަށެވެ. ޑްރޯންތައް ފޮނުވީ ތެޔޮ ޓޭންކަރެއް ބަނދަރު ކުރަމުން ދިޔަ ވަގުތެއްގަ އެވެ.

ޔަމަނުގެ އިންތިހާބީ ސަރުކާރާއި އިރާނުން ތާއީދު ކުރާ ހޫތީންނާ ދެމެދު ކުރާ ހަނގުރާމައިގެ ތެރެއަށް ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ވަނީ ޔަމަން ސަރުކާރުގެ އެދުމަކަށެވެ.

އަހަރުތަކަކަށް ފަހު ހަމަލާތައް މެދުކަނޑާލަން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ދެ ފަރާތުން ވެސް އެއްބަސްވި އެވެ. ވަގުތީ ސުލްހައިގެ މުއްދަތު އިތުރު ކުރަމުން ގޮސް، މުއްދަތު ހަމަވީ އޮކްޓޯބަރު ދެ ވަނަ ދުވަހު އެވެ.

މިއީ ވަގުތީ ސުލްހައިގެ މުއްދަތު ހަމަވި ފަހުން ދިން ފުރަތަމަ ބޮޑު ހަމަލާ އެވެ. ސައުދީ އަރަބިއްޔާ އާއި ޔޫއޭއީގެ އިތުރުން ގަލްފް ކޯޕޮރޭޝަން ކައުންސިލުން ވެސް އެ ހަމަލާ ކުށްވެރި ކުރި އެވެ.