Advertisement

ވިހޭގެ ބެލީ ކޮން ގޮތަކަށް؟

21 އޮކްޓޯބަރު 2022 - 08:02 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


ވިހޭގެ ބެލީ ކޮން ގޮތަކަށް؟

21 އޮކްޓޯބަރު 2022 - 08:02 0

ދިވެހިންގެ އާދަކާދަ އާއި ޘަޤާފަތް ބަވަނަވަމުންދާ ވާހަކަ ދައްކާތާ މިހާރު އެތައް އެތައް އަހަރެއް ވެދާނެއެވެ. ކާބޯތަކެތިން ފެށިގެންގޮސް، ދިރިއުޅުމުގެ އެކި މަރުހަލާތައް ކަޑައްތު ކުރާ ހިނދު އެ މުނާސަބާތައް ފާހަގަކުރަން ގެންގުޅޭ ރަސްމުތަކަށް ދާންދެންނެވެ. ހަޖަމުކުރަން ދަތިކަމުގައިވިޔަސް މިއީ ދުނިޔޭގެ އާދައެވެ. ހުޅަނގެ ވިޔަފާރި އާއި ތަޢުލީމާއި އަގުކުރުންތައް މުޅި ދުނިޔެއިން ބަލައިގަންނަމުންދާ މި ދަނޑިވަޅުގައި ދިވެހިންގެ ދިވެހިވަންތަކަމުގައިވެސް ހުޅަނގުގެ ކުލަވަރު ނުޖެހި ނުދާނެކަން ކަށަވަރެވެ. ފަންނިއްޔާތުގެ މި ޒަމާނުގައި ކޮންމެ މަޢުލޫމާތެއް ވަގުތުން ވަގުތަށް ދުނިޔޭގެ ހުރިހާ ދިމާއަކާ ހިއްސާކުރެވޭ ހިނދު، އެ ފަދަ މަޢުލޫމާތުތަކަށް ދުނިޔެ ލޯ ހުޅުވޭނެއެވެ. އަދި މަޤުބޫލު ކަންތައްތަކެއް މުޅި ބަވަނަވެގެންދާނެއެވެ.

މިއަދު ދެމަފިރިއަކަށް ދަރިއެއް ލިބެން އުޅޭ ކަމުގެ މަޢުލޫމާތު ލިބޭ ހިނދު، އެ ވާހަކަ އިޢުލާންކުރަން ވަކި ޚާއްޞަ ގޮތްތަކެއް ރާވައެވެ. މޮޅު ގޮތަކަށް ފޮޓޯއެއް ނަގައިގެން ޢާއިލާ އާއި ރައްޓެހިންނަށް އެކަން އިޢުލާންކުރުން އެއީ ފުރަތަމަ މަރުޙަލާއެވެ. ފަހަރުގައި އެއީ ދަރިފުޅުގެ ސްކޭން ފޮޓޯގަނޑެއް ހިއްސާކޮށްގެންނެވެ. ބައެއްފަހަރު ރީތި މައިދާނެއްގައި މަންމަގެ ފައިވާނާއި، ބައްޕަގެ ފައިވާނާއި ބަނޑުގައި އޮތް ދަރިފުޅަށް ގަނެފައިވާ ފައިވާން ޖޯޑެއް އެކުގައި ފޮޓޯނަގައިގެންނެވެ. މި އިޢުލާނަށް ފަހު ދެން އޮންނަނީ ބަނޑުގައި އޮތް ދަރިފުޅުގެ މިންތި އިޢުލާންކުރާ ނުވަތަ "ޖެންޑަރ ރިވީލް" ޕާޓީއެވެ. ނޫކުލަ ނުވަތަ ފިޔާތޮށި ކުލައަކީ ދެ މިންތި ރަމްޒުކުރާ ކުލަތައް ކަމަށް ކަނޑައަޅައިގެން ގާތް މީހުންކޮޅެއް އެއްވެ، ބަނޑުގައި އޮތް ދަރިފުޅުގެ މިންތި ރަމްޒުކޮށްދޭ ކުލަ ހާމަކުރަނީއެވެ. ބައެއް ފަހަރު ކޭކެއް ފަޅާލުމުން އެތެރެއިން ނޫކުލަ ނުވަތަ ފިޔާތޮށި ކުލަ ފެންނަ ގޮތަށެވެ. އަދި ބައެއް ފަހަރަށް ފުއްޕާހަމެއް ފަޅާލުމުން އެއިން ފައިބާ ކަރުދާހުގެ ކުލައިން މިންތި އެނގޭނޭ ގޮތަށެވެ. މި ރަސްމިއްޔާތަށްފަހު ދެން މި އޮންނަނީ "ބޭބީ ޝަވަރ"އެވެ. އެންމެ ގާތް މީހުން އެއްވެ، ބަނޑުގައި އޮތް ދަރިފުޅާއި މައިމީހާއަށް ބޭނުންވާނޭ އެކި ސާމާނު ހަދިޔާކުރަން ބާއްވާ ރަސްމިއްޔާތެކެވެ. މިއީ ދުވަސްފުރެން ވަރަށް ގާތް ވުމުން ބާއްވާ ރަސްމިއްޔާތެކެވެ.

މިހުރިހާ ރަސްމިއްޔާތެއް، "ފަރަންޖީކަމާއެކު" އަހަރެމެން އެބަ ބާއްވަމުއެވެ. މައްސަލައެއް ނޫނެވެ. އެއީ ނުވެ ނުވާނޭގޮތް ވާތީއެވެ. ޘަޤާފަތް އަހަންނަށް އެހާ ޝަޢުޤުވެރި ކަމަކަށް ވަނީ ވެސް މިހެންވީމައެވެ. އެއްކަލަ "ބޭބީ އެނައުންސްމަންޓް ފޮޓޯ" ނަގަން ހުއްޓާ މާބަނޑު އަންހެންމީހާ މޭނުބައިކުރުމުން މޭހެޔޮކުރަން އަދިވެސް ކަނީ ފާރޮއްޓެވެ. "ބޭބީ ޝަވަރ" އަށް ތައްޔާރުވާއިރު މީހާ ފޮއްސިވެފައި ހުރުމުން ބޯލަނީ މަންމަ ގިރައިދިން ދޮންކަށިކޭލު ފެނެވެ. ވިހައިގެން އޮވެ، ފޭސްބުކް ސްޓޭޓަސް އަދާހަމަ ކުރަން އިން އިރު، މައިދައިތަ ހިލިބޭސް ބޯންދެނީއެވެ. މަންމަ އަޅިބޮނޑި އަޅަނީއެވެ. އެއްކަލަ ބަވަނަވެފައިވާ އާދަކާދަ ބަވަނަވެފައިވަނީ ބަހެއް ޕިޖިންއަކަށް ނުވަތަ ކްރިއޯލަކަށް ވާ ބީދައިން، އެ އާބާދީއެއްގެ މައް އާދަކާދަތަކުގެ ރަހަތައް އޭގައި ހިމެނޭ ގޮތަށެވެ.

އެހެންވިއްޔާ އިހުޒަމާނުގައި ކަންކުރަނީ ކިހިނެއްތޯ ކޮންމެވެސް ވަރަކަށް ބަލާލަމާ ބަހީއެވެ. މާބަނޑު އަންހެނުން ހޮޑުލާނަމަ ބޯންދެނީ ކަރަންފުލާއި ކާފުރުތޮޅިއާއި ލުނބޯއޮށް، ލުނބޯ ފެނުގައި ގިރުވައިގެން ހަދާ ބޭހެކެވެ. ފޮއްސިވެއްޖިއްޔާ ކަށިކޭލުފެނެވެ. ތިން ވަނަ ޓްރައިމެސްޓަރ ފެށޭ އިރަށް، ނުވަތަ ތިންވަނަ ތިންމަސް ފެށޭއިރަށް ތެޔޮފެންލާން ފަށައެވެ. ގާތްގަނޑަކަށް ކޮންމެ ހަފުތާއަކުހެން ތެޔޮފެންލައެވެ. ބަލިވެއިނުމާއެކު ބައެއް "ތޫނު" ކާތަކެތި ކެއުން މަނާކުރެއެވެ. އަދި ފަންޑިތަ ހަދައި، ތަށިލިޔުއްވައި ހަދައެވެ. ދުވަސްފުރާ ވިހަންވީމާ، ގެންދަނީ ގޭގެ އުތުރު އެނދަށެވެ. ވިހެއުމާއެކު ތުއްތު ދަރިފުޅުގެ ކަންފަތްދޮށުގައި އެކުއްޖާގެ ބައްޕަ ބަންގިދެއެވެ. މަސް ވަޅުލުމަކީވެސް ފިރިހެންވެރިންގެ ޒިންމާއެކެވެ. ގިނަ ފަހަރަށް ގޭ ގޯތިތެރޭގައެވެ.

ގާތްތިމާގެ ހުރިހައި އަންހެނުންނާއި އަދި އަވަށްޓެރި އަންހެނުން ތިބޭނީ އެ ގޭގައެވެ. އަދި ވިހާ ގަދަވަންދެން އެ މީހުން އެގޭގައި ދަންފަޅި ބަހައިގެން ނިދައި ކައިބޮއި ހަދާނެއެވެ. ވިހެއި އަންހެންމީހާގައިގައި އާމަނަކަ ފަތުން ބޮނޑިތާންކުރުން ކަމުގައިވިޔަސް، ތުއްތު ކުއްޖާގެ ނަޖިސް ދޮއްވުން ކަމުގައިވިޔަސް، މި ފަދަ ކޮންމެވެސް ކަމެއްގައި އަތްގާތްކޮށްލައިދިނުމަކީ އެމީހުންގެ ފަޚުރެއްކަމުގައި ހަދައެވެ.

މައިމީހާއަށް ދޮރުން ބޭރަށް ނިކުމެވެން އަންނަނީ ވިހާތާ ތިން ދުވަސް ފަހުންނެވެ. މުޅި މީހާގެ މޫނު ނޫން އެހެން ހުރިހާ ގުނަވަނެއް ނިވާވާނޭހެން އޭނާގެ ގައިގައި ފޮތި އޮޅާނެއެވެ. އަދި އެއަށްފަހު މުދިން މީހާގެ އެހީގައި، މައިމީހާގެ އަތްދަނޑިމަތީ ދަރިފުޅުބާއްވައިގެން ދެމައިން ގެއިން ބޭރަށް ނެރެ ގެއަށް ވައްދާނެއެވެ. އެވަގުތު މުދިންމީހާ ތަކުބީރުކިޔާނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އާދަކާދަތައް ތަފާތެވެ. ވަރަށް ބޮޑެތި ތަފާތުތައް އަންނަ ފަހަރުވެސް އާދެއެވެ. އެގޮތުން ބައެއް ހިސާބުތަކުގައި މައިމީހާ ދޮރުންބޭރަށްލުން އޮންނަނީ ރަށުގައި ހުންނަ ވެވަށް އެރުވައިގެން ފެންވަރުވައިގެން ކަމަށްވެސް ބުނެއުޅެއެވެ.

ތުއްތު ދަރިފުޅަށް ވެސް ޚާއްޞަ ރަސްމުތަކެއް ވެއެވެ. އަހަރެންނަކީ ފޮތްތެރިއެއްކަމަށް ދެކޭތީ މި ރަސްމުތައް ކިޔައިދޭ ހިތް އޮތީ ސ. މަރަދޫ އަޙުމަދު ޝަރީފު ލިޔުއްވާފައިވާ "މިޔަރު ބަނޑުން ނެގި ކުއްޖާ" މި ވާހަކައިގެ ތަންކޮޅެއް ނައްސުކޮށްގެންނެވެ. ކައިދާފާނަށް ހަތްދުވަސް ވުމުން ކަންކުރިގޮތް ސިފަކުރައްވަމުން ލިޔުއްވާފައިވެއެވެ.

"ކުއްޖާއަށް 7 ދުވަސް ވެއްޖެއެވެ. ކުއްޖާ ބޮލު ވަޅިޖައްސައި ބޯބާލާހެދުމަށްފަހު، ކައިދާފާނޭ ކިޔައި ނަންވެސް ކިޔައިފިއެވެ. މި މުނާސަބާ ފާހަގަކުރުމުގެ ގޮތުން މާލޫދެއްވެސް ކިޔައި، ކުކުޅުމަރާ، ފޮނިކާއެއްޗަކާއެކު ޞަދަޤާތްކޮށްވެސް ހަދައިފިއެވެ. އުފާފާގަތިކަމާއެކު ދުވަސްތައް ތަކުރާރުވަމުންގޮސް، ކައިދާފާނުގެ ޢުމުރުން ތިންމަސްވުމުން ކުޑަދަރިފުޅު ބިމުގައިޖެއްސުމުގެ ކަންކަން ހިންގަން ފަށައިފިއެވެ. ރަގަޅު އޮށްހެޔޮ އައްޑޫ ބޮޑުކާއްޓެއް ހޯދައި، އެދުރުބޭ އެ ކާށީގައި ލިޔެ، ގޮނޑުދޮށުން ދޮންވެލި ގެނެސް، އެ ވެލި ބިންމައްޗަށް އަޅާފައި އެ ވެލިމަތީގައި ކާށިބާއްވައި ޞަލަވާތް ފާތިޙާކިޔަވާފައި ކާށިމަތީ ކުއްޖާ ބައިންދައިފިއެވެ."

އެގޮތަށް ކުއްޖާ ބައިންދާ ކާށި އިންދައި، އެއިން ފަޅާ ރުކަކީ އެކުއްޖާގެ ރުށްކަމުގައި ކަނޑައަޅައެވެ. މި ޒަމާނުގައި ކުއްޖާގެ ނަމުގައި ސޭވިންގްސް އެކައުންޓް ހުޅުވުން ފަދަ ކަމެކެވެ. މިކަންކަމުގައިވެސް ސަރަހައްދީ ތަފާތުތައް ހުރެއެވެ. ހުވަކެވުމަށްފަހު ނުއިރޮދިނާޅާނަމަ ނަންކިޔުމުގެ ރަސްމު ފުރިހަމަވާކަމަކަށް އެއްބަޔަކު ނުދެކެއެވެ. އެއީ ކިޔެވެއްޔެއް ކިޔަވައި ދުންއެޅުމަށްފަހު ކުއްޖާގެ ދެއަތާއި ދެފަޔާއި ކަރާއި އުނަގަނޑުގައި ރޮދިއެޅުވުމެވެ.

ވިހޭގެއާ ތަންކޮޅެއް ދުރަށް ދެވިއްޖެ ދޯއެވެ. މާބަނޑު އަންހެނަކު ވިހަން ބަނޑުގައި ރިއްސާ ކޮންމެ ފަހަރަކީ ކޭމާއި އުފާފާޅުކުރުމުން ނިމޭ ފަހަރެއް ނޫނެވެ. އިހުޒަމާނުގައި، ބޭސްފަރުވާގެ މޮޅެތި އީޖާދުތައް ނުކުރެވޭ އިރު، ވިހެއުމުގެ ތެރޭ މައިމީހާ ނިޔާވެއްޖެނަމަ، ބަނޑުގައި "ފޮއިއެޅުން" ފަދަ ބިރުވެރި ކަންތައްތައް ކޮށް އުޅުނެވެ. ވިއްސޭނޭ ގޮތެއް ނެތީމައެވެ. ކުއްޖަކު ބަނޑަށް މަރުވެއްޖެނަމަ، މައިމީހާ ސަލާމަތްކުރެވޭނޭ ގޮތެއް ނޯންނަ ފަހަރުވެސް ދެއެވެ. އެފަދަ ޙާލަތްތަކުގައިވެސް އެ އާއިލާއަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން އެއީ ހަމައެކަނި އާއިލާ އާއި ގާތްތިމާގެ މީހުންނަށް އޮތް ޒިންމާއެއް ކަމަކަށް އޭރު ނުބަލައެވެ. ރަށު އެންމެން އެ ހިތާމައެއްގައި ބައިވެރިވެއެވެ.

މިހުރިހާ ކަންކަމެއް ހިނގާއިރުވެސް އެންމެ މުހިއްމު އެކަކަކީ އެދުރު މީހާއެވެ. މި ޒަމާނުގައި ކުއްޖާއަށް ކިޔާ ނަމަކީ ދެމަފިރިން އިޚުތިޔާރުކުރާ ނަމެކެވެ. އެހެންނަމަވެސް އޭރު، އެއީ ވެސް އެދުރުމީހާގެ އަތްމަތީ އޮންނަ ކަމެކެވެ. އުތީމު އާދަމް ޢަބްދުއްރަޙުމާންގެ ލިޔުއްވާފައިވާ "ދިވެހި ދިރިއުޅުމުގެ ތެރެއިން" މި ފޮތުގައި ނަންކިޔާގޮތް ސިފަކުރައްވަމުން ލިޔުއްވާފައިވެއެވެ.

"އެކި ދުވަހު އުފަންވާކުދިންނަށް ކިޔަން ޚާއްޞަކުރެވިފައިވާ ނަންތަކެއް ހުރެއެވެ. މިސާލަކަށް ހުކުރު ދުވަހު ފިރިހެންކުއްޖެއް އުފަންވެއްޖެ ނަމަ އާދަމްއެވެ. ހޯމަދުވަހެއްގައި ނަމަ މުޙައްމަދު ނުވަތަ އަޙްމަދެވެ. އާދިއްތަނަމަ ޢަލީއެވެ. އަންހެންކުދިންވެސް ހަމަ މިގޮތަށް އާމިނަތު، ފާތުމަތު، އައިސަ ފަދަ ނަންތައް ކިޔަންޖެހޭ ދުވަސްތައް ހުންނަނީ ކަނޑައެޅިފައެވެ."

އެދުރުމީހާގެ އަނެއް ޒިންމާއަކީ ނަންކީ ކުކުޅު ކަނީ ކާންވީގޮތަށްތޯ ޔަޤީންކުރުމެވެ. އެ ދުވަހު ބައިވަރު ކުކުޅު ކަތިލައެވެ. އެހެންނަމަވެސް ނަންކީ ކުކުޅު ކަތިލުމަށް ނޫންގޮތަކަށް އޭގައި ޅިޔައެއް ނާޅާނެއެވެ. ކައްކާނީ ވަކިންނެވެ. ރަހަ ތަފާތުކުރުމަށްވެސް މަސައްކަތްކުރެއެވެ. ކާންޖެހެނީވެސް ވަކި ގޮތަކަށެވެ. ހުޅުތައް ވަކިނުކޮށް ކަށިތައް ނުބިންދައެވެ. މިހުރިހާ ކަމެއް ދަނީ ރަނގަޅަށްތޯ އެދުރުމީހާ ވިލަރެސްކުރާނެއެވެ.

އެނބުރި މިޒަމާނަށް މިސްރާބުޖަހަމާހެއްޔެވެ. މިއަދު ވިހޭގެ ބެލުމުގެ ކަންކަން ކުރަނީ މި ހުރިހާ ކަމެއް ހިމެނޭނޭހެނެއް ނޫނެވެ. ސިއްޙީ ފަރުވާ ތަރައްޤީވެ، ބިދުޢަތައް ދަސްވެ، "ފެޝަން"ތައް ބަދަލުވުމުން މި ފަދަ އާދަކާދަތައްވެސް ބަދަލުވަމުންދާނެތާއެވެ. މިއަކު ގޯހެއް އޮތް ކަމަކަށް އަހަރެން ނުދެކެމެވެ. ޚާއްސަކޮށް، ބައެއް އާދަތައް މޫލާފައި ހުރި މިންވަރު މިއަދުވެސް ފެންނަމުންދާތީއެވެ. ވިހޭގޭ ތެރެއިންވެސް މެއެވެ.