Advertisement

ވިޔަފާރީގެ ވާދަވެރިކަން ނަގާލާ ކަމަށް ބުނެ ރަށްރަށުގެ ކޭބަލް ޕްރޮވައިޑަރުންގެ ޕެޓިޝަނެއް

20 އޮކްޓޯބަރު 2022 - 17:40 2


ވިޔަފާރީގެ ވާދަވެރިކަން ނަގާލާ ކަމަށް ބުނެ ރަށްރަށުގެ ކޭބަލް ޕްރޮވައިޑަރުންގެ ޕެޓިޝަނެއް

20 އޮކްޓޯބަރު 2022 - 17:40 2

ރަށްރަށުގައި ކޭބަލް ޓީވީ ހިދުމަތުގެ ވާދަވެރިކަން ގެއްލިގެން ގޮސްދާނެތީވެ، އެ މައްސަލައަށް ހައްލެއް ހޯދަން ސިޔާސަތުތައް އެކަށައަޅައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް އޮފީހާއި، އިކޮނޮމިކް މިނިސްޓްރީ އަދި ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ޖުމުލަ 100 މީހުންގެ ސޮޔާއެކު ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވަނީ ރަށްރަށުގައި މިހާރު ކޭބަލް ޓީވީގެ ހިދުމަތް އެ ކުންފުނިތަކުން ފޯރުކޮށްދެނީ މީޑިއާނެޓާއެކީ ވެވިފައިވާ ޕާޓްނަޝިޕް އެއްބަސްވުމެއްގެ ދަށުން، ދެ ފަރާތަށް ހަމަހަމަ މަންފާ ލިބޭ ގޮތަށެވެ. ނަމަވެސް، އެ ފަރާތްތަކަށް އޮތް ބިރަކީ، އަދި ކަންބޮޑުވުމަކީ ދިރާގުން ކޭބަލް ޓީވީގެ ހިދުމަތް ދޭއިރު، އިންޓަނެޓް ހިދުމަތްތަކާއެކު ބަންޑަލް ކޮށްގެން ކޭބަލް ޓީވީ ހިދުމަތްތައް ދެމުން ދިޔުމެވެ.

އެގޮތަށް އެކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން މުޅި ސިނާއަތުގެ ވާދަވެރިކަން ގެއްލި، ދިރާގުގެ ދަށަށް ސިނާއަތް ދާނެ ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

އެހެންވެ، ޕެޓިޝަންގައި އެދިފައި ވަނީ އިންސާފުވެރި ވިޔަފާރި ވެށްޓެއް ގާއިމުކޮށް، ކޭބަލް ޓީވީގެ ހިދުމަތް ރަށްރަށުގައި ދޭ ކުދި ކުންފުނިތަކަށް އެ މަސައްކަތް ކުރެވޭނެ ގޮތްތައް ހަމަޖައްސައި ދިނުމަށެވެ.

މީޑިއާނެޓާ ގުޅިގެން ރަށްރަށުގައި ކޭބަލް ޓީވީގެ ހިދުމަތް ދޭއިރު ބޮޑެތި އިންވެސްޓުމަންޓުތައް ކޮށްގެން ގާއިމުކޮށްފައިވާ ކޭބަލް ނެޓްވޯކުތަކުން ޗެނަލްތައް ދައްކަން އެއްވެސް ލައިސެންސިން ފީއެއް ދައްކަން ނުޖެހޭ ކަމަށާއި ލިބޭ އާމްދަނީ ހިއްސާކުރަނީ ހަމަހަމައަށް ކަމަށް ޕެޓިޝަންގައި ބުނެ އެވެ. އޭގެ ސަބަބުން ބޮޑެތި ހަރަދުތަކެއް ނުކޮށް ފައިދާވާ ގޮތަށް ވިޔަފާރިތައް ހިންގޭ ކަމަށް ބުނެފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރީބްރޯޑްކާސްޓިން ގާނޫނަށް ދާދިފަހުން ގެނައި ބަދަލާ ގުޅިގެން ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ހުއްދަ ދިރާގަށް ގެއްލެ އެވެ. ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ އަށް ވަނަ މާއްދާގައި ވާ ގޮތުން ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދެން ލިބޭނީ ހިއްސާގެ 100 ޕަސެންޓް ދިވެހިންނަށް އޮންނަ ކުންފުނިތަކަށެވެ.

ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގައި މީޑިއާނެޓާ ކިރިޔާވެސް ވާދަކޮށްލެވޭ ފަދަ ހާލަތެއްގައި އޮތް ހަމަ އެކަނި ކުންފުނި ކަމަށްވާ ދިރާގަކީ 100 ޕަސެންޓް ދިވެހި ކުންފުންޏެއް ނޫނެވެ. އެކުންފުނީގެ މެޖޯރިޓީ ހިއްސާ މިހާރު އޮންނަނީ ބަހުރައިންގެ ބަޓެލްކޯ އަށެވެ.