Advertisement

ކޮލަމް: ލޯތްބާއި އިހުތިރާމުގެ މި އާދަތައް ގެއްލިއްޖެ، މީހުން ވަޅުލުމުގެ އުސޫލު މުރާޖައާ ކުރަންޖެހޭ!

ހިނަވާ އައްޓާއި ސަންދޯއް: މީހުން މަރުވުމުން ގަބުރާއި ޖަނާޒާގެ ކަންކަމުގައި ދިވެހިން އަމަލުކުރަމުން ދިޔަ އާދަތައް ވަނީ ހުވިގެން ގޮސްފައި. -- ފޮޓޯ: އަދަދު


ކޮލަމް: ލޯތްބާއި އިހުތިރާމުގެ މި އާދަތައް ގެއްލިއްޖެ، މީހުން ވަޅުލުމުގެ އުސޫލު މުރާޖައާ ކުރަންޖެހޭ!

ކޮންމެ ކަމެއް ދީނީ ނަޒަރަކުން ނުކިރުއްވާށެވެ. އަދި ކޮންމެ ކަމެއް ސިޔާސީ ނަޒަރަކުން ނުވިސްނަވާށެވެ. އަޅުގަނޑުގެ ލިޔުންތަކުގައި މިކަންކަން ގެންގުޅެނީ މެދުމިންވަރެއްގަ އެވެ. މި އާޓިކަލް ވިދާޅުވެފައި ވަރަށް ފަސޭހައިން ދީނީ ފުރޮޅާލުމަކުން ފުރޮޅާލުމަކީ ވަރަށް ގާތް ކަމެކެވެ. އެހެން ނުހައްދަވާށެވެ!

‎އިންސާނާ ދުނިޔެއަށް އަންނަނީ ރުއިމުގެ ތެރެއިން، ކައިރީގައި ތިބި އެންމެން ހެއްވާފައި ކަމަށާއި އިންސާނާ އެނބުރި ދަނީ ހިނިތުންވުމަކާއެކު ކައިރީގައި ތިބި އެންމެން ރޮއްވާފައި ކަމަށް ޒަމާނުއްސުރެ ޅެން ފަރިހީގައި ކިޔާއުޅެ އެވެ. ވިސްނާލާއިރު އެއީ ވަރަށް ރަނގަޅު ވާހަކައެކެވެ. މީހަކު ވިހާއިރު އޭނާގެ ގާތްތިމާގެ އެންމެން އެތަނަށް ގޮސް ތިބެ އެވެ. އެކި މީހުން އެކި ހަދިޔާ ހިފައިގެން އަލަށް އަންނަ މެހުމާނަށް މަރުހަބާ ކިޔުމަށެވެ. ފޫޅުމައިމީހާ ނުވަތަ ޑޮކްޓަރު އެ ކުޑަދަރިފުޅު ދައްކާލާއިރަށް އެންމެން އުފަލުން، އެކަކު އަނެކަކު އަތުން، އެކަކަށްވުރެ ކުރިން އަނެކަކު އުރާލަން ބޭނުން ވެ އެވެ. އެންމެން ތިބެނީ ރީތި ހެދުންލައި ޒީނަތްތެރިވެގެންނެވެ. މީރުވަސްދުވާ ސެންޓު ޖަހައިގެންނެވެ. ހެވިފަ އެވެ. ހަމަ އެހެންމެ މީހަކު މަރުވުމުން، އެމީހާގެ ގާތް ތިމާގެ މީހުންގެ ދެލޮލުން ހޯސްލާފައި ފައިބާ ކަރުނަތައް ހިފަހައްޓައެއް ވެސް ނުލެވެ އެވެ. އަޑުގެކޮޅަށް ރޯ މީހުން ވެސް އޭގެ ތެރޭގައި މަދެއް ނޫނެވެ. މުޅި އާއިލާއަށާއި އެކުވެރިންނަށް ލިބެނީ ހާދަހާ ބޮޑު ހިތާމައެކެވެ.

‎މިއަދު މިވަނީ ޒަމާން ބަދަލުވެފަ އެވެ. ތާރީހެއް، ސަގާފަތެއް، އާދަކާދަތަކެއް، ވަތަނިއްޔަތެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކިތަންމެ ބައެކެވެ. ދާރުލްއާސާރުގައި ހުންނަ އާސާރީ ތަކެތި ފުނޑުފުނޑުކޮށް ޒިޔާރަތްތަކާއި ގަބުރުސްތާނުތަކުގައި ހުންނަ މަހާނަ ގައުތައް ބިންދައި ފުނޑުފުނޑު ކުރަނީ ކޮން ވިސްނުމަކުން ވިސްނާ ބައެއް ކަމެއް ނޭނގެ އެވެ. އެހެން ނަމަވެސް ދުނިޔޭގެ އިސްލާމީ އެތައް ގައުމެއްގެ ދާރުލްއާސާރުތަކުގައި ވެސް އެ މީހުންގެ އިހުއެވޭލާ ޒަމާނުގެ އެފަދަ އެއްޗެހި އެބަހުއްޓެވެ.

‎ރަށްރަށުގައި ހުންނަ ބައެއް ޒިޔާރަތްތަކުގެ ވާހަކަ ވެސް ދައްކަމާތޯ އެވެ. އިހުޒަމާނުގައި ފަތިހު ގޮނޑުދޮށަށް އަތިރިއަށް ދިޔަ މީހަކަށް މަރުވެފައި އޮތް މީހަކު ގޮނޑުދޮށަށް ލައްވެފައި އޮއްވާ ފެނިދާނެ އެވެ. އެމީހަކު ރަށުތެރޭގައި މި ވާހަކަ ދައްކާލާއިރަށް އެންމެން އަތިރިމައްޗަށް ފައިބާ އެ ގަބުރު ނަގައި ވަރަށް އޯގާތެރިކަމާއެކު ކަފުންކޮށް ވަޅުލަފާނެ އެވެ.

‎އޭގެ ދެތިން ދުވަސް ފަހުން އަނެއްކާ ގޮނޑުދޮށަށް ލައްވެފައި އޮތް ބޮޑު ހައިވަކަރު "ދިދަ ދަނޑި"އެއް ފެނިދާނެ އެވެ. މިއޮތީ އެކަލޭގެފާނުގެ ޒިޔާރަތުގައި ޖަހަންޖެހޭ ދިދަ ދަނޑި ވެސް ލައްވެފަ އެވެ. އަނެއް ދުވަހު ގޮނޑުދޮށުން އެ ފެނުނީ ތެޔޮހަމެކެވެ. ޒިޔާރަތްފުޅުގައި ވޮށްދިއްލަން ޖެހުނީ އެވެ. މިހެންގޮސް ޒިޔާރަތުގައި ބޮނޑިބަތާ އަޅައި ކިރަން ބޭނުންކުރާ "ކިރާ ސޭލާ" ވެސް ލެއްވީ އެވެ. ކޮންމެވެސް ނަމެއް ކިޔާ ކޮންމެވެސް ޒިޔާރަތެކެވެ. ނަދުރުވެސް ފުދެ އެވެ. ވަރަށް ގިނަ ބަޔަކު އެތަނަށް އިހުތިރާމް ކުރެއެވެ. ސާފުކޮށް ބަލަހައްޓާ ވޮށްދިއްލައި ހަދަ އެވެ. އެކަމަކު މިއަދު މިކަމުގެ ހަގީގަތް އެނގުނުއިރު މިވާގޮތަކީ ވިޔަފާރިކަމު ދަތުރުކުރި ނަވެއް އަތޮޅުގެ ފަރަކަށް އަރާ ފުނޑުފުނޑުވެ އަޑިޔަށް ދިޔައީ އެވެ. ލައްވެގެން މި އުޅެނީ އެއިގެން ދަތުރުކުރި މީހެކެވެ. ކުނިވެ ފިލުނދުވުމުގެ ސަބަބުން މީހާގެ ސިފައެއް ކުލައެއް ވަކިކުރަން ވެސް ނޭނގޭ ވަރަށް މައްޔިތާ އޮތީ ހަލާކުވެފަ އެވެ.

ޖެހިގެން އައި ދުވަހު ލައްވެފައިއޮތީ ދިދަދަނޑިއެއް ނޫނެވެ. އެއްކަލަ ނަވުގެ ކުނބެކެވެ. ނަވުގައި ބައްތި ދިއްލަން ބޭނުންކުރި ތަނުން ތެޔޮ ހަމެކެވެ. ފަހަތުގައި އެ ނަވުގެ ޑިންގީގަނޑު އަރުވާ ބާޅަން ޖަހާފައިހުރި ކެރޭނު (ޑޭވިޓް) ގެ ބަޅުދަގަނޑެވެ. އަޅުގަނޑު މިދެންނެވީ ހުރިހާ ޒިޔާރަތަކީ މިކަހަލަ ޒިޔާރަތެކޭ ނޫނެވެ. އެކަމަކު އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ އަޅުގަނޑުމެން ދިވެހިންނަށް ވީތީ ދިވެހި ސަގާފަތެއް ވެސް އޮންނާނެ ވާހަކަ އެވެ. އަޅުގަނޑުމެންގެ އިހުތިބީންގެ ގަބޫލުކުރުންތަކުގެ ތެރެއިން ކޮށްފައިހުރި ކަންކަމުގެ ލިސާނުތައް ފެންނަ ގޮތަށް ބެހެއްޓުމަކީ އެ ގަބޫލުކުރުންތައް އެގޮތުގައި ދަމަހައްޓަންޖެހޭ ސަބަބެއް ނޫނެވެ.

‎ދުނިޔެއަށް އުފަންވާ ކޮންމެ ކުއްޖަކަށް ލޯތްބާއި އުފަލުން މަރުހަބާ ކިޔާފަދައިން ދުނިޔެ ދޫކޮށް މަރުވެދާ މީހުންނަށް ވެސް ލޯތްބާއި އިހުތިރާމާއެކު އަލްވަދާއު ކިޔުމަކީ ދިވެހިންގެ ސަގާފަތެވެ. މިއަދު އެ ސަގާފަތު ކޮބައިތޯ އެވެ. މީހަކު މަރުވެއްޖިއްޔާ ހީވަނީ އަވަހަށް ބޮލުން ނައްޓުވާނުލެވިގެން ތެޅިފޮޅޭހެންނެވެ.

‎އަޅުގަނޑުމެންގެ ސަގާފަތަށް ބަލާއިރު ގެއަކުން މީހަކު މަރުވެއްޖިއްޔާ އެގޭގެ މީހުންނަށް ތިން ދުވަސް ވަންދެން ހިސާބުގަނޑުގެ މީހުން ކާންބޯންދީ ހާލުބަލައި ހަދަ އެވެ. ގޭގައި މަރުވާ މީހުން ފެންވަރުވާ ހިނަވާ ސަންދޯކު އަޅާ އުޅެނީ ވެސް ގިނަ ފަހަރަށް އެގެއެއްގަ އެވެ. ހުރިހާ ކަމެއްގައި އަވަށްޓެރިން ބައިވެރިވާނެ އެވެ. މަރުވީމާ އެންމެ އަވަހަށް ހޯދާނީ ކެޔޮދަޅިޔަކާ، ކަދުރުރުކު ފަނަކާ، ކުންނާރު ފަތާ ކެލަޔާއި ބޮކަރާ ސަންދޯއް ޖަހާނެ ފިލަޔެވެ.

ހުޅުމާލޭ ސަހަރާގައި ބަހައްޓާފައި ހުރި ސަންދޯއް ތަކެއް. -- ފޮޓޯ: އަދަދު


ގިނަ ގޭގެ މަތިވަޑާންގަނޑުމަތީގައި ހައެއްކަ ބަނބުކެޔޮފިލާ ނެތް ގެއެއް ވަރަށް މަދުވާނެ އެވެ. އެއްބަޔަކު ތިން ފިލާ ބާލައިގެން ގެންދާނެ އެވެ. އަނެއް ބަޔަކު ކެޔޮދަޅިން މައްޔިތާގެ މިން ނަގައިގެން އައިސް އެ މިނަށް ފިލާ ބުރިކޮށް ސަންދޯއް ޖަހައިދޭނެ އެވެ. ކޮންމެވެސް ގެއަކުން ކެލާގަނޑަކާ ބޮކަރު ގަނޑެއް ހިފައިގެން އައިސް ބޮޑުދަތީގައިލާ، ގަސްގާނާ ފީރުން ކެލައާއި ބޮކަރު ގާނާނެ އެވެ. މައްޔިތާ ހިނެވުމަށްޓަކައި ފެން ގެންނަ މީހުން ފެން ގެނެސް ފުރާނާނެ އެވެ. ކުންނާރު ފަތް ފުނޑުމުގައި ގާތްތިމާގެ މީހުންނާއި އަވަށްޓެރިން، ކޮންމެ މީހަކު އެއްފަހަރު ނަމަވެސް ދައިމަތީގައި ފޮއިދަމާލަން ބޭނުންވެ އެވެ.

ދޮންވެލި ފުރާނާ ސަންދޯކު އެތެރެއަށްލައި ބާލީސްތަކަށް ވެލި އަޅައި ތައްޔާރުކުރާނެ އެވެ. ހިނަވާ މީހުން އައިސް ހިނަވާ ސަންދޯކުގައި ކުނާއަޅައި ކަފުން ކަނޑައި ކެލައާއި ބޮކަރާއި ހުދުކާފޫރާއި ބޮކަރުއަތަރު ޖަހާ ހަނޫތު މޮޑެ ތައްޔާރުކުރާނެ އެވެ. ގޭތެރޭގައި ހިސާބުގަނޑު މީހުންނާ ގޭގެ ކުދިވެރިން ގުރުއާން ކިޔެވުމުގައި ދެމިތިބޭނެ އެވެ. ސަންދޯއް ގެއިން ނެރެގެން ގެންދާއިރު "އިމާމު" މީހެކޭ ކިޔާ މީހަކު ސަންދޯކުގެ ކުރީގައި ދާނެ އެވެ. އެންބިއުލަންސްގައި ގެންދިޔައަސް ސަންދޯކާ ދިމާލަށް ހުރި ސީޓްގައި އެމީހާ އިންނާނެ އެވެ.

އިމާމު މީހާގެ ބެލުމުގެ ދަށުން މިސްކިތް ދޮށަށް ގެންގޮސް ކަށުނަމާދު ކުރުމަށް ފަހު ގަބުރުސްތާނުގައި ވަޅުލާނެ އެވެ. ވަޅުލާއިރު އިމާމު މީހާ ސަލަވާތް ފާތިހާ ކިޔަވައި މަރުވި މީހާއަށް ހެޔޮ ދުއާކޮށް ހަދާނެ އެވެ. މަޑުމައިތިރިކަމާއެކު ސަންދޯއް ވަޅަށް ތިރިކުރުމާއެކު އެއްވެ ތިބި ކޮންމެ މީހަކު ތިން މުށް ދޮންވެލިން އެންމެ ފަހުގެ ވަދާއީ ސަލާމް ކުރާނެ އެވެ. އެއަށްފަހު ސަންދޯކުގެ މަތިގަނޑު ރީއްޗަށް ފޮރުވޭވަރަށް ދޮންވެލި އަޅަ އެވެ. އަދި އޭގެ މައްޗަށް ފަސްލާ މަހާނަ ހަދަ އެވެ.

ފަސް އެޅުމުގައި ވެސް މަޑުމައިތިރިކަމާއެކު ގައުތައް ބާރުބާރަށް ނޭޅޭނެހެން ފަސް ލަ އެވެ. އަދި އިމާމުމީހާއަށް އަތްދާނީގައި ފޯރުކޮށްލެވޭ ފެން ފޮދު މަހާނަ މައްޗަށް އަޅާލުމުން އަތްދަށު މީހުން މަހާނަ މައްޗަށް ތިން ފަހަރު މަތިން ފެން އަޅާލައި މަހާނަ ރީތިކޮށް ހަދާލުމަށް ފަހު ދެކޮޅުގައި ކަދުރު ރުކުގެ ދެ އޮށިކޮޅާއި ހިޔަނިފިލާކޮޅު ޖަހާލަ އެވެ. މިފެން އެޅުމުގައި ވެސް ވަކި ހަމަތަކެއް ގެންގުޅެ އެވެ. އެހިސާބުން އެންމެން އެކީ މަޑުމަޑުން ގޭދޮށަށް މިސްރާބު ޖަހަ އެވެ. މަރުވި މީހާގެ ގޭގައި ނުވަތަ ސަހަރާގައި ނުވަތަ މިސްކިތުގައި ހަތް ސާއަތްއިރު ގުރުއާން ކިޔެވުމާއި 40 ރޭ ވަންދެން ކޮންމެ ރެއަކު އެގެއެއްގައި ގުރުއާން ކިޔެވުން އޮންނާނެ އެވެ. ކިޔަވާ ނިމޭ ގަޑިއަށް ކޮންމެވެސް ގެއަކުން ސަޔާއި ދުފުން ގެނެސްދޭނެ އެވެ. އެ މީހަކު މަރުވިތާ 40 ވާ ދުވަހު އޭނާގެ އާއިލާގެ މީހުން ގޭގައި ކޮންމެވެސް ރަނގަޅު ކެއްކުމެއް ކައްކައި ސަލަވާތް ކިޔަވައި އަވަށްޓެރިންނަށް ކާންދީ ހަދާނެ އެވެ. އަދި އެ ދުވަހު މަހާނަ ދޮށަށް ގޮސް މަހާނައިގެ ވެލިގަނޑު ރީއްޗަށް އެއްވަރުކޮށް މަހާނައިގާ ގައު ޖަހާނެ އެވެ. މިއީ ދިވެހިންގެ އާދަކާދަ އެވެ. ސަގާފަތެވެ. މިއަދު މިސަގާފަތާ މި ރީތި އާދަކާދަ ކޮބައިތޯ އެވެ.

މީހަކު ވަޅުލުމަށް ވަޅުކޮންނަނީ. --ފޮޓޯ: އަދަދު


‎މިހާރު ފެންނަ މަންޒަރާއި ހާލަތުގެ މައްޗަށް ވިސްނާބަޔަކު އެބަތިބި ބާވަ އެވެ. މަރުވާ މީހާ ހޮސްޕިޓަލުން މަރު ސާބިތު ކުރުމަށްފަހު ގެންދާނީ ސީދާ ސަހަރާއަށެވެ. ސަހަރާގައި މައްޔިތާ އޮންނާނީ "ހިނަވާ އަށި" ކިޔާ އަށްޓެއް މަތީގަ އެވެ. އެ އަށްޓަކީ ސިމެންތިން ހަދައި ތަށިމުށި ޖަހާފައި ހުންނަ ތަނެކެވެ. ބައެއް ފަހަރު ބައެއް ދިމަދިމާލުން ބައެއް މުށިގަނޑު ތެޅިފައިވެސް ހުރެ އެވެ. އިރުކޮޅަކުން "ޖަމާއަތްތެރިން" ވަދެ މައްޔިތާ ހިނެވުމާއި ކަފުން ކެނޑުމުގެ މަސައްކަތް ފަށާނެ އެވެ. މައްޔިތާ ފެންވެރުވުމަށް ފެން އަޅާފައި ހުންނަ އެއްޗަށް އޭރު އެ ޒަމާނުގައި ފުނޑާފައި ހުންނަ ކުންނާރުފަތުގެ ބޮނޑިގަނޑު ލުމުގެ ބަދަލުގައި އަޅާލަނީ ކޮންމެވެސް ކަހަލަ ޑިޓަޖެންޓް ފުޅިއެކެވެ. މިހިރީ ސަގާފަތް ބަދަލުވެ ތަރައްގީ އަންނަ ގޮތެވެ.

‎އެތަނުގެ އެތެރޭގެ ވައި ބޭރުކުރުމަށްޓަކައި ބޮޑު އެގްޒޯސްޓް ފަންކާއެއް ހިންގާފައި ހުންނާނެ އެވެ. އެ ފަންކާގަނޑު ހުންނަނީ މަތިމައްޗަށް ހިރަފުސްއަރާ ބޯވެފަ އެވެ. ގަދައަޑުފަށްގަނޑެއް ކިޔާނެ އެވެ. ބޯމަތީގައި މަޑުމަޑުން އެނބުރޭ ފަންކާތައް ހުންނާނެ އެވެ. ފިނިވިއްޔާވީ އެވެ. އާއިލާ މީހުން ގިނަ ފަހަރަށް މޯބައިލް ފޯނުން ކީރިތި ޤުރްއާނުގެ ރެކޯޑިން އެއް ޖަހާފައި މައްޔިތާގެ ބޯލާކޮޅުގައި ފޯނު ބާއްވާފައި އޮންނާނެ އެވެ. އޭރު ކޮންމެވެސް މީހަކު ބޭރުގައި ފްލައިވުޑް ފިލައިން ނުލާހިކު ރީތިކޮށް ޖަހާފައި ހުންނަ ސަންދޯކެއް ދެކޮޅަށް ދެ ގޮނޑި ލައްވާފައި ބަހައްޓާނެ އެވެ.

ކުރީގައި ސަންދޯކުގައި ފުރާ އުޅުނީ ރޯނެވެ. އެ ރޯނަކީ ވަކި ގޮތަކަށް ވަށާފައި ހުންނަ "ސަންދޯއް ފުރާ ރޯނު" ކިޔާ ރޯނެކެވެ. މިހާރު މިޒަމާނުގައި ހުންނަނީ ނައިލޯނު ނަނެވެ. ތަރައްގީވީ ދެއްތޯ އެވެ. ދެން ސަންދޯކުގެ ދިގުމިނާއި ފުޅާމިނަށް ކަފާލާނީ ދެތިން ބްރިސަލްބޯޑު ކަރުދާހެވެ. ދެ ކަރުދާސް ގުޅުވާލާނީ ސެލޯޓޭޕް އަޅާލާފަ އެވެ. ދެން މި ކަރުދާސް ފަތުރާލާނީ ސަންދޯކުގެ އެތެރޭގައި ފުރާފައިހުރި ނަނުގަނޑު މަތީގަ އެވެ. ކުރީގައި މިގޮތަށް ބޭނުންކޮށް އުޅެނީ ކަށިކެޔޮފަތުން ނުވަތަ ހައި އިން ވިޔެފައި ހުންނަ ކުނަލެވެ. މިއީވެސް ތަރައްގީ ބާވައެވެ.

‎ސަންދޯކު އެޅުމަށްފަހު މިސްކިތަށް ވައްދައި ކަށުނަމާދު ‎ކުރުމަށްފަހު ދެން ގެންދެވެނީ ވަޅުލުމަށްޓަކައި ގަބުރުސްތާނަށެވެ. އެތަނަށް ގެންދިއުމުގައި ވެސް ކުރިން އަމަލުކޮށް އުޅުނު ގޮތާ މުޅިން ތަފާތެވެ. ގެންދިއުމާއެކު ވަޅަށް ތިރިކުރެ އެވެ. ގޯންޏެއްގައި ދޮންވެލިކޮޅެއް ހުންނާނެ އެވެ. އެއްބަޔަކު އެ ގޯނިން ވެލިމުށެއް ނަގާނެ އެވެ. އަނެއް ބަޔަކު ކޮނެފައި ހުރިތަނުން ވެލިމުށެއް ނަގާނެ އެވެ. ވަޅަށް ތިރިކުރުމާއެކު އެންމެން ވެލި މުށްވަރުތައް ވަޅަށް އުކާލަ އެވެ. ދެން ފެންނާނީ ވަޅު ކޮނެފައި ނަގާފައި ހުންނަ ފަސްތައް ދެ ބިދޭސީއަކު ވެގެން ދެ އުނދައްޔަކުން ވަޅަށް ކަހާލާ ތަނެވެ. ގައުތަކާ އެއްޗިހި ވަޅުތެރެއަށް ފައިބައިގެން ދާނީ އަޑުފައްގަނޑު ކިޔާފަ އެވެ.

އެހިސާބުން، ބަނޑިވެފައި އޮންނަ ބަނޑިޔާގަނޑެއްގައި ހުންނަ ފެން، ފަޅައިގެން ގޮސް ކުލަވެއްޓިފައި އޮންނަ ޕްލާސްޓިކް ޖަގު ގަނޑަކުން މަހާނަ މައްޗަށް އަޅާލައި މަހާނައިގެ ފަސްގަނޑު ހަދާލާނެ އެވެ. އޭގެ މައްޗަށް ދޮންވެލި ގޯންޏެއް އޮއްސާލާ ހިޔަނިފިލާކޮޅު ޖަހާލުމާއެކު ޖެހިގެން އޮންނަ މަހާނަމަތީގައި ހެދިފައި ހުންނަ ގަނދަކޯޅި ގަހުން ދެ އޮފިކޮޅު ބިންދާލާފައި ހިޔަނިފިލާކޮޅު ކައިރީގައި ޖަހާލާނެ އެވެ. މިހާ ހިސާބުން އެންމެން ނިކުމެގެން ދާންވީ އެވެ. މައްޔިތާ ވަޅުލައި ނިމުނީ އެވެ.

‎އަޅުގަނޑު ދުށްތަނުގައި ތުއްތުކުދިން ވަޅުލާ އުޅުނީ "ދަޅިސަންދޯއް" ކިޔާ ސަންދޯކެއްގަ އެވެ. މިއީ ކެޔޮގަހުގެ ބަނޑުފަތްގަނޑުތަކުން ހަދާ ސަންދޯކެކެވެ. ދޮގު ނުހަދާ ވަރު މީހަކު އަޅުގަނޑު ގާތު ބުންޏެވެ؛ "ތިމަންނާ ދުށީމޭ ވިހޭއިރު މަރުވެފައި އޮތް ކުއްޖަކު ހިނަވާފައި ކަރުދާހު ފޮށިގަނޑަކަށް ލާފައި ވެސް ވަޅުލި އެވެ."

‎މާލޭގައި ގަލޮޅު ސަހަރާއަކީ މަރުވާ މީހުންގެ ތެރެއިން ތަފާތު މައްސަލަތަކާ ގުޅިގެން ވަޅުނުލާ ގިނަ ދުވަހު ބަހައްޓަންޖެހޭ ގަބުރުތައް ފިނިކޮށްފައި ބަހައްޓާ މޯގް ނުވަތަ މޯޗަރީ އެވެ. އެ އިމާރާތަށް ބައްލަވާށެވެ. އިރުމަތީކޮޅު ބިތަށް ބަލާލާއިރު ފެންނާނީ ތިލަފުށީގައި އުކާލާ ޓިނުން ބަޔަކު ގުދަންގަނޑެއް ހަދާފަހުންނަ ހެންނެވެ. ގޯތިތެރޭގައި ފިނިކުރާ ކޮންޓޭނަރެއް ވެހޭ ވާރޭގައި، ދޭހާ އަވީގައި އޮންނަތާ އަހަރަކާ ގާތް ވެދާނެ އެވެ. އަޅެފަހެ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިފަދަ ތަންތަން އެހުރީ އެވެ. ބޭނުންކުރާ ސާމާނު ޓެކްނޮލޮޖީ އެހެރީ ލިބޭށެވެ. ހަމަ މިނޫން ގޮތެއް ނުހޯދޭނެ ބާވައެވެ.

ސަހަރާގައި މީހަކު ވަޅުކޮންނަނީ. -- ފޮޓޯ: އަދަދު


‎ރާއްޖެއަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓޫރިޒަމް ޑެސްޓިނީ އެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކުން ޓޫރިސްޓުން ރާއްޖެ އާދެ އެވެ. މިގޮތަށް ރާއްޖެ އަންނަ ގެސްޓުން މަދުން ނަމަވެސް އެކިއެކި ހާދިސާތަކާ ގުޅިގެން މަރުވެ އެވެ. މޫދަށް އެރި ސްނޯކަލް ކުރަން އުޅެނިކޮށް ގަދަ އޮއިގަނޑެއްގައި ޖެހި ނުވަތަ ޑައިވް ކުރަން ގޮސް އުޅެނިކޮށް ކުރިމަތިވާ ކޮންމެވެސް އެކްސިޑެންޓެއްގައި ދޭތެރެ ދޭތެރެއިން ޓޫރިސްޓުން މަރުވެގެން މާލެ ގެނެސް އެމީހުންގެ ރަށަށް ފޮނުވާލެވެންދެން މާލޭ މޯގްގައި ނުވަތަ މޯޗަރީގައި ދެ ތިން ދުވަހު ނުވަތަ އެއަށް ވުރެ ގިނަ ދުވަހު އެބަ ބާއްވަންޖެހެ އެވެ.

ރާއްޖެއަކީ ގިނަ އަދަދަކަށް ބިދޭސީން މަސައްކަތްކުރާތަނެކެވެ. އެމީހުންގެ ތެރެއިން މަރުވާ ބައެއް މީހުން ވެސް އެމީހުންގެ ރަށަށް ފޮނުވާލެވެންދެން މޯޗަރީގައި ބާއްވަން އެބަޖެހެ އެވެ. އެނޫނަސް އެކި އެކި ހާދިސާތަކާ ގުޅިގެން މަރުވާ ދިވެހިން ވެސް ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހިގެން ވަޅުނުލާ މޯޗަރީގައި ބާއްވަން އެބަޖެހެ އެވެ. އަޅެ މިވަރުގެ ބޭނުންތެރި ތަނަކާމެދު އިހުމާލު ވާންވާނެތޯ އެވެ. ބޮޑު ކާރިސާއެއް ކުރިމަތިވާނީ ބުނެފައެއް ނޫނެވެ. އެފަދަ ހާލަތަކަށް ތައްޔާރުބާވަ އެވެ. ޓޫރިޒަމްގެ ދާއިރާގައި ކުރިއަށް ތިއްބެވި ބޭފުޅުންނާ ޓޫރިޒަމް ބައްޓަންކުރާ އޯގަނައިޒޭޝަންތަކުން މޯޗަރީގެ މުހިންމުކަމާ މެދު ވިސްނުން ގެންގުޅޭބާ އެވެ. ހަމަ ކޮންމެ ކަމެއްވެސް މިއޮތީ މިކަހަލަ ގޮތަކަށެވެ.

‎މަރުވާ މީހުން ވަޅުލުމުގައި މީގެ ދިހަ، ބާރަ ވަރަކަށް އަހަރު ކުރިން ފެށިގެން އަންނަމުންދިޔަ ބަދަލުތަކާއި ގެއްލި ނެތެމުންދިޔަ ރީތި އާދަކާދަޔާ ސަގާފަތަށް މިއަދު އައިސްފައިވާ ބަދަލު މިދަންނަވާލީ އެވެ. މި ގެއްލިގެންދިޔަ ސަގާފަތުގެ ތެރެއިން މަސައްކަތްތެރިކަމާ ގުޅުވައި ފާހަގަ ކޮށްލެވޭ ދެ ކަމަކީ "ރޯނުވެށުން" ގެއްލިފައި އޮތް މިންވަރެވެ. "ކުނަލާ ސާންތި ވިޔުން" އުވިގެން ގޮސްފައިވާ މިންވަރެވެ. އެއްބަޔަކު ބުނާގޮތުގައި ސަންދޯކުގައި ނައިލޯނު ނަނު ފުރަނީ "ސަންދޯއް ފުރާ ރޯނު" މިހާރު ނުލިބޭތީ އެވެ. ބްރިސަލްބޯޑު ކަރުދާސް ފަތުރަނީ "ކުނާ" ނުލިބޭތީ އެވެ. ފްލައިވުޑް ފިލައިން ސަންދޯއް ޖަހަނީ "ބަނބުކެޔޮފިލަޔާ ކަނދުފިލާ" ކަހަލަ ފިލާ ނުލިބޭތީ އެވެ. އަދި މިހާރު މަރުވާ މީހުން ވަޅުލުމުގެ ކަންތައްކުރަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކުން ކަމުގައިވެ އެވެ.

އަޅުގަނޑު ހިތަށް އަރަނީ މިކަން ރަނގަޅަށް ޕްލޭން ކުރެވިގެން، މަރުވާ މީހުން ވަޅުލުން އާސަންދައިން ހަމަޖައްސާ ނުދެވޭނެބާ އެވެ. ދިވެހި ރޯނާއި ކުނާ ހަމަ ނުހޯދޭނެ ބާވަ އެވެ. މާލެ ކަހަލަ ބައިބޯ ތަނެއްގައި މީހުން ވަޅުލުމަށް މިހާރު ގެންގުޅޭ އުސޫލުތައް މިވަނީ މުރާޖައާ ކުރަންވެފަ އެވެ. ބާރުބޮޑުވަމުންދާ އާސަހަރާގައި މީހުން ވަޅުލުމުގައި ހަރުދަނާ ޕްލޭނެއް ހަދަން ޖެހެ އެވެ. މާލޭގެ ހަތަރު އަވަށު ސަހަރާތަކުން ޕާކިން ޒޯނަށް ޖާގަ ނަގައި ގަބުރުތައް ކޮނެ ނެގުން ހުއްޓާލައި އަލުން ޕްލޭން ކުރަން ވެއްޖެ އެވެ.