Advertisement

ޕްރެޝަރާ ހެދި އުރުގުއޭ ޓީމު ވޯލްޑް ކަޕަށް ތައްޔާރުވާން އިޒްރޭލަށް ނުދާނެ

15 އޮކްޓޯބަރު 2022 - 08:04 0


ޕްރެޝަރާ ހެދި އުރުގުއޭ ޓީމު ވޯލްޑް ކަޕަށް ތައްޔާރުވާން އިޒްރޭލަށް ނުދާނެ

15 އޮކްޓޯބަރު 2022 - 08:04 0

ޓެލް އަވީވް، އިޒްރޭލް (އޮކްޓޫބަރު 15) - ގަތަރުގައި އަންނަ މަހުގެ 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވާން އުރުގުއޭ ޓީމު އިޒްރޭލްގައި ކުރަން ހަމަޖެއްސި ޓްރެއިނިންތައް ކުރިއަށް ނުގެންދަން ނިންމައިފި އެވެ.

މީގެ ކުރިން، 2019 ވަނަ އަހަރު އިޒްރޭލްގައި އާޖެންޓީނާ އާއި އުރުގުއޭ އިން ހާއްސަ މެޗެއް ކުޅުމުން ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މި ފަހަރު އިޒްރޭލުން ވޯލްޑް ކަޕަށް ދިއުމުގެ ކުރިން އިޒްރޭލުގައި ޓްރެއިނިންތަކެއް ބާއްވައި، ޕްރެކްޓިސް މެޗުތަކެއް ކުޅެން ރޭވި އެވެ. އެކަމާ، އުރުގުއޭގައި ދިރިއުޅޭ ފަލަސްތީނަށް ހެޔޮ އެދޭ މީހުންނާއި ފަލަސްތީނުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންގެ ނުރުހުން އަމާޒުވި އެވެ.

އިޒްރޭލް ފުޓްބޯޅަ ފެޑެރޭޝަނުން ފޮނުވި ދައުވަތު އުރުގުއޭ އިން ގަބޫލުކޮށް ވޯލްޑް ކަޕްގެ ކުރިން ޓްރެއިނިން ޓުއާއެއް އިޒްރޭލުގައި ކުރިއަށްގެންދަން ނިންމި އެވެ. އެއާ އެކު ސޯޝަލް މީޑިއާ އާއި އެހެނިހެން ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ފަލަސްތީނުގެ ސަޕޯޓަރުން އެދުނީ، ގިނަ ގައުމުތަކުން ކުޅިވަރުގައި އަމަލުކުރަމުން އަންނަ "ބޮއިކޮޓް އިޒްރޭލް"ގެ އުސޫލުތަކާ އެއްގޮތަށް އުރުގުއޭ އިން ވެސް ކުރިއަށްދިއުމަށެވެ.

އެ ގޮތުން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދަކަށް ނިސްބަތްވާ ކްލަބެއް ކަމަށްވާ އަލް ހަދޭރް ސްޕޯޓްސް ކްލަބުން އުރުގުއޭ ގައުމީ ޓީމަށް ފޮނުވި ސިޓީ އަކަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނެވެ.

އެ ސިޓީގައި އެންމެ ބޮޑަށް އަލިއަޅުވާލާފައި ވަނީ އިޒްރޭލުގެ ސިފައިން, އަލް ހަދޭރް ސްޕޯޓްސް ކްލަބަށް ކުޅުނު 19 އަހަރާއި 14 އަހަރުގެ ދެ ކުޅުންތެރިއަކު ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމުގެ މައްޗަށެވެ.

އޭގެ އިތުރުން، އިޒްރޭލުން ފަލަސްތީނުގައި ހިނގާ ލާއިންސާނީ އަމަލުތަކުގެ ތެރެއިން ފުޓްބޯޅައިން މުސްތަގުބަލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ހުނަރުވެރި ގިނަ ޒުވާން ކުޅުންތެރިންތަކެއް ބަޑީގެ ހަމަލާގެ ޝިކާރަ އަކަށްވެ، މަރުވަމުން ދާތީ އެ ކަމަށް ވެސް ފުޓްބޯޅަ ދުނިޔެއިން ވިސްނަން ހަދޭރްގެ ސިޓީގައި އިލްތިމާސްކޮށްފައިވެ އެވެ.

ފާއިތުވި ތިން މަހެއްހާ ދުވަހު ފަލަސްތީނުގެ ސަޕޯޓަރުން ކެނޑިނޭޅި ކުރަމުން އައި ޕްރެޝަރާ ހެދި އުރުގުއޭގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ވަނީ އިޒްރޭލުގައި ޓުއާ ކުރިއަށް ނުގެންދަން ނިންމައިފަ އެވެ.