Advertisement

ބޯހިޔާ ސިޔާސަތުން ނަތީޖާ ނުނެރެވޭ އިއުތިރާފަކީ ފެށުމެއް؛ ދެނޯ؟

12 އޮކްޓޯބަރު 2022 - 09:15 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ބޯހިޔާ ސިޔާސަތުން ނަތީޖާ ނުނެރެވޭ އިއުތިރާފަކީ ފެށުމެއް؛ ދެނޯ؟

12 އޮކްޓޯބަރު 2022 - 09:15 0

އިންތިހާބުތަކާ ދިމާކޮށް ކޮންމެ ޕާޓީއެއްގެ ވައުދު ނާމާގެ މައި ތަނބަކީ ބޯހިޔާވަހިކަމުގެ ވައުދެވެ. ސަރުކާރެއްގެ ކާމީޔާބީ މިނެ ކިރަން ގެންގުޅޭ ނާޅި ވެސް އާހިރުގައި ގޮސް ގުޅޭނީ ފަސް އަހަރުގެ ދައުރެއްގައި އެޅުނު ފްލެޓުތަކުގެ އަދަދާ އެވެ.

އެކި ސަރުކާރުތަކުން އެކި މިންވަރަށް، ރާއްޖޭގައި އެންމެ މުސްކުޅި މައްސަލަ އަޑިއަޅުވާލެވޭތޯ މަސައްކަތް ކުރި ނަމަވެސް، އެ މައްސަލަ އޮތް ގޮތަށް އޮތީ އެވެ. އަހަރުން އަހަރަށް އާބާދީ އިތުރުވުމާއި އަތޮޅުތެރެއިން މާލެއަށް ހިޖުރަކުރާ މީހުންގެ އަދަދާއެކު ބޯހިޔާކަމަށް އޮތް ޑިމާންޑު ދަނީ މަތިވަމުންނެވެ. އެހާ ހިސާބަށް މައްސަލަ ނިއުޅިފައި އޮއްވައި، ބޯހިޔާވަހިކަމާބެހޭ ވަޒީރު ދާދި ފަހުން ވަނީ ވަރުގަދަ އިއުތިރާފެއް ވެވަޑައިގެންފަ އެވެ.

"މި ސަރުކާރުން މިހާރު ވެސް ކުރިއަށް ގެންދޭ ސީދާ ސަރުކާރުގެ 7،000 އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނާދޭ. ކޮބައިތޯ މައްސަލައަކީ އެނގެން ޖެހޭ،" ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދާދި ފަހުން ވިދާޅުވެފައިވެ އެވެ.

ގިނައިން ފްލެޓު އަޅައިގެން މައްސަލަ ހައްލެއް ނުވާނެ!

އަސްލަމް އެ ދުވަހު ވިދާޅުވި ސިޔާސަތުގެ މައްސަލައަށް ދާދި ފަހުން ވާލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ވެސް އަލިއަޅުވާލާފައިވެ އެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން، ސަރުކާރުން ޕަބްލިކް ހައުސިން ފޯރުކޮށްދިނުމަށް ކޮންޓެރްކްޓު ކޮށްފައިވާ މަޝްރޫއުތަކުގެ ޖުމްލަ އަދަދު އެއް ބިލިއަން ޑޮލަރު (15 ބިލިއަން ޑޮލަރު) އަށް އަރަ އެވެ. އެކަމަކު މައިގަނޑު ގޮތެއްގައި ސަރުކާރުން ދަރަނި ނަގައިގެން، ހިންގާ މިފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ދައުލަތަށް ކުރިމަތިވެފައިވާ މާލީ ބުރަ އިތުރަށް ބޮޑުވުން ފިޔަވައި އިތުރު ކަމެއް ނުވެ އެވެ.

ބޭންކިން ދާއިރާގައި ގިނަ އަހަރުތަކެއް ހިދުމަތް ކުރައްވާފައި ބޭފުޅެއް ނަން ނުޖަހަން އެދި "އަދަދު"އަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި ވަށައިޖެހޭ ހައުސިން ނޫނީ ރިއަލް އެސްޓޭޓް މާކެޓެއް ނެތެވެ.

"އެއް ކޮޅުގައި މި އޮތީ ސަރުކާރުން އަޅާ ފްލެޓުތައް. އަނެއް ކޮޅުން މި ހުންނަނީ ޕްރައިވެޓް ޑިވަލޮޕާސް އަޅާ ހައި އެންޑު ފްލެޓުތައް. ދޭތެރެ މެދެއް ނެތް. މިޑިލް އިންކަމް މީހުނަށް ނޯވޭ މާކެޓުގަ އެއްވެސް ޖާގައެއް،" އޭނާ ވިދާޅުވި އެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން، މިޑިލް އިންކަމް ހައުސިންއަށް ނުދާ މައިގަނޑު ސަބަބަކީ، ވާލްޑް ބޭންކުން ބުނާ ގޮތުގައި، އެ ދާއިރާއަށް ފައިނޭންސިން ހޯދުމުގެ އަގު މަތިވުމާއި ޑޮމެސްޓިކް މާކެޓުން ލޯނު ލިބުން ދަތިވުމެވެ.

މާލެ އެކަންޏެއް ނޫނެވެ. ރަށްރަށުގައި އަޅާ ފްލެޓުތަކާއި ދޫކުރާ ބަންޑާރަ ގޯތިތަކުން އަތޮޅުތެރޭގައި ވެސް ބޯހިޔާވަހިކަމަށް އޮތް ބޭނުން ނުފުދެ އެވެ.

ވާލްޑް ބޭންކުގެ ރިޕޯޓުގައި ވެސް ބުނެފައިވާ ގޮތުން، މާލީ އަދި ފަންނީ ގާބިލުކަން ނެތުމުގެ ސަބަބުން މާލެ ނައިސް ރަށުގައި ދިރިއުޅެން ބޭނުންވާ މީހުނަށް ވެސް ލިބިފައިވާ ބިންކޮޅުގައި ގެދޮރު އިމާރާތް ކުރެވޭނެ ގޮތެއް ނެތެވެ.

ލޯނު ވެސް ލިބެނީ މުއްސަނދިންނަށް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކަށް ލައްވައި ނުލައި އާންމު މީހަކަށް ފްލެޓެއް ނޫނީ ގޯއްޗެއް ގަނެވޭނެ މަގެއް ވެސް ނޯވެ އެވެ. އަމިއްލަ ފަރާތްތަކުން އިމާރާތްކުރާ ފްލެޓެއް ގަންނަން ލޯނެއް ހޯދަން ޝަރުތު ހަމަނުވާތީ އެވެ.

ވާލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި، ރާއްޖޭގެ މިވަގުތު ހައުސިން މާކެޓުގައި ހުރި އެންމެ އާދައިގެ ދެ ކޮޓަރީގެ ފްލެޓެއް ގަންނަން ބޭންކުން ލޯނެއް ލިބޭނީ މަހަކު 46،000ރ. ލިބޭނަމަ އެވެ.

"މިވަގުތު މަހެއްގެ މައްޗަށް އެވަރެޖުކޮށް 57،000ރ. ލިބޭ އާބާދީގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް ފިޔަވައި ބޭންކުން ލޯނެއް ނުލިބޭ،" ވާލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މޯލްޑިވްސް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ 2019 ވަނަ އަހަރުގެ ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭ (ހަޔަސް) އިން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގައި ދިރިއުޅޭ އާބާދީގެ 74 ޕަސަންޓަކީ ކުލި ދައްކައިގެން އުޅޭ މީހުނެވެ. ކުލިތައް ބޮޑުކަމުން އާއިލާގެ ގިނަ މެމްބަރުން ދިރިއުޅެން މަޖުބޫރު ވެފައި އޮންނަނީ އެއް ފުރާޅެއްގެ ދަށުގަ އެވެ. އެވަރުންވެސް އެންމެންގެ އާމްދަނީ އެއްކޮށްލައިގެން ކޮންމެ މަހަކު ކުލި ހަމަވާނީ ހަމަ ކިރިޔާ އެވެ.

ބޭންކުތަކުން ލޯނެއް ހޯދަން މިފަދަ އާއިލާތަކަށް ޝަރުތު ހަމަވާ ވަރުގެ އާމްދަނީއެއް ނުލިބޭއިރު، ލިބޭ ކުޑަ މުސާރަކޮޅުގެ ބޮޑުބައި ކުއްޔަށް ދީފައި ބޭންކުތަކުން ކަނޑައަޅާފައިވާ 20 ޕަސަންޓު އިކުއިޓީ ނޫނީ ޑައުންޕޭމަންޓު އެއްކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނޯވެ އެވެ.

ކުރިން މައުލޫމާތު ދެއްވި ބޭންކިން ދާއިރާގެ ތަޖުރިބާކާރު ވިދާޅުވާ ގޮތުގައި، ބޭންކުންތަކުން އެހާ މަތީ މިންގަނޑެއްގެ ޝަރުތުތަކެއް މަތި ކުރަންޖެހެނީ ހައުސިން ލޯނު ޕްރޮޑަކްޓްސްތަކުގެ ރިސްކު ބޭންކުތަކަށް ބޮޑުވާތީ އެވެ.

"ލޯނު ނުދައްކައިގެން ގޯތި ނޫނީ ފްލެޓު އަތުލަން މިދާންޖެހެނީ ކޯޓަށް. އެއީ ވަރަށް ދިގު މަރުހަލާއެއް. އެ ލޯނު ރިކަވާ ކުރެވެނީ ވަރަށް އުނދަގުލުން. އެހެންވީމާ، އިންޓަރެސްޓު ރޭޓު ވެސް އަދި އިކުއިޓީ ވެސް ބޮޑުމިވަނީ،" އޭނާ ވިދާޅުވި އެވެ.

ވާލްޑް ބޭންކުން ވެސް ބުނާ ގޮތުގައި، ރާއްޖޭގެ މާލީ ނިޒާމު އަދިވެސް އޮތީ ވަރަށް ޅަފަތުގަ އެވެ. ލޯނު ނުދައްކައިގެން ރަހުނު ވިއްކާލަން ކޯޓު މަރުހަލާގައި ބޭންކުތަކުން އަށް އަހަރެއްހާ ދުވަސް ގަނަތެޅެން ޖެހޭ ކަމަށް ވާލްޑް ބޭންކުން ވެސް ފާހަގަކުރެ އެވެ.

"ރެންޓް ޓު އޯން" ސްކީމުން ނަތީޖާ ނުނިކުމޭ

ނަން ޕަފޯމިން ލޯންސްގެ ސަބަބުން ބޭންކުތަކަށް ކުރިމަތިވާ ހިރާސްއަށް ވުރެ ސަރުކާރަށް ވަމުންދާ ގެއްލުން މާ ބޮޑެވެ. ދާދި ފަހުން އަސްލަމް ވެސް ވިދާޅުވި ފަދައިން ސަރުކާރަކީ ރާއްޖޭގެ އެންމެ ބޮޑު ރިއަލް އެސްޓޭޓް ޑިވަލޮޕަރު ވީމަ އެވެ.

އެއާ ވިދިގެން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ދޭ ފްލެޓާއި ގޯއްޗަށް ގަވައިދުން ކުލި ނުދައްކާ މީހުންގެ ނިސްބަތް އުޅެނީ ގާތްގަނޑަކަށް 40 ޕަސަންޓުގަ އެވެ.

"ސާޅީހަކަށް ޕަސެންޓު މީހުން ގަވާއިދުން ފައިސާ ނުދެއްކީމާ މިކަން ދެކޮޅު ޖެއްސޭނެ ގޮތެއް އަޅުގަނޑަކަށް ނޭނގެ،" އަސްލަމް ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ މުޅި ބޯހިޔާވަހިކަމުގެ ސިޔާސަތު ބަރޯސާވެފައިވާ "ރެންޓް ޓު އޯން" ނޫނީ ކުލި ދައްކަމުން ގޮސް އަމިއްލަވާ ސްކީމުތަކަށް ދިމާވާވެފައިވާ މައްސަލަ ފެށޭ ހިސާބަކީ، ވާލްޑް ބޭންކުން ބުނާ ގޮތުގައި ފްލެޓު ދޭ ފަރާތްތަކަށް އާމްދަނީއަށް ނުބެލުމެވެ.

މިގޮތުން، ފްލެޓު ލިބޭ ފަރާތްތަކަށް ގަވައިދުން ކުލި ދެއްކޭނެ ކަމުގެ ގާބިލުކަން ވެސް ހައުސިން މިނިސްޓްރީއަށް ވަޒަން ނުކުރެވޭ ކަމަށް ބުނެފައިވެ އެވެ. ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ލޯނު ނަގައި އަނބުރާ ދައްކަނީ އެޗްޑީސީ ފަދަ ކުންފުނިތައް ކަމުގައި ވީނަމަވެސް، އެ ފްލެޓު ލިބޭ ފަރާތްތަކުގެ މާލީ ގާބިލުކަން ދެނެގަތުމުގެ އެއްވެސް ދައުރެއް ނޯވެ އެވެ.

އާމްދަނީއަށް ނުބަލައި، ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެނީ އެންމެ ބޭނުންޖެހިފައިވާ ފަގީރު އާއިލާތަކަށް ކަމަށް ބުނެ ނަގާ ދިފާއު ވެސް ދެކޮޅު ނުޖެހޭ ކަމަށް ވާލްޑް ބޭންކުން ވެސް ބުނެ އެވެ. ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ މަޝްރޫއުއަކީ އޭގެ ލާމަސީލު މިސާލެކެވެ. ހިޔާ މަޝްރޫއުގައި ޓީޗަރުންނާއި ސިއްހީ ހިދުމަތްތެރިންގެ ވަކި ކެޓަގަރީއެއް ކަނޑައަޅައިގެން ފްލެޓު ދީފައިވާއިރު، އެ ދާއިރާތަކަކީ ރާއްޖޭގައި އެންމެ ގިނައިން އާމްދަނީ ލިބޭ މީހުން ތިބި ދާއިރާތައް ކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

"މިހެން ހެދުމުގެ ސަބަބުން، ހިޔާ މަޝްރޫއުއިން ވެސް އާމްދަނީ މަދުން ލިބޭ، ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުނަށް އެ ފުރުސަތު ފަހިކޮށްދެވިފައެއް ނުވޭ،" ރިޕޯޓުގައި ބުންޏެވެ.

ވާލްޑް ބޭންކުގެ ރިޕޯޓުގައި ބުނާ ގޮތުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ދަރަނި ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އޭގެ ތެރެއިން ދެ ބައި ކުޅަ އެއް ބައި އެޗްޑީސީއިން ހިއްސާކުރާއިރު، ކައިރި މުސްތަގުބަލެއްގައި ދަރަނި އަނބުރާ ދެއްކުމަށް އެ ކުންފުންޏަށް ހުރި ގޮންޖެހުންތައް ބޮޑެވެ.

މި މައްސަލާގައި މާލެއެކޭ އެއް ފަދައިން އަތޮޅުތެރެ ވެސް އިސްތިސްނާއެއް ނުވެ އެވެ. އަތޮޅުތެރޭގައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ހާލަތު މާ ނިކަމެއްޗެވެ. ގިނަ ރަށްރަށުގައި އެފަދަ މަޝްރޫއުތައް އިންތިހާއަށް ދިގުލައިގެން ގޮސްފައިވެ އެވެ.

މިގޮތުން، އައްޑޫގައި ދެ އަހަރު، ގދ. ތިނަދޫގައި ހަ އަހަރު އަދި ހދ. ކުޅުދުއްފުށީގައި ހިންގި މަޝްރޫއުތައް ހަތް އަހަރަށް ދިގުލައިގެން ގޮސްފައިވާކަން ވާލްޑް ބޭންކު ރިޕޯޓުގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"ފްލެޓުތަކަށް ވަދެވޭ މުއްދަތު އެހާ ދިގުލައިގެން ދިޔުމުގެ ސަބަބުން، ފްލެޓުތައް ފަޅަށް ހުރެ، ޔުނިޓުތަކުގެ ކޮލިޓީ ދަށްވެގެން ގޮސްފައިވޭ. އޭގެ ނަތީޖާއަކީ ފްލެޓު ލިބުނު ފަރާތްތައް، ފްލެޓުތަކަށް ވަންނަން އަލުން މަރާމާތު ކުރަންޖެހުން،" ރިޕޯޓުގައި ބުންޏެވެ.

ސަރުކާރުގެ ރެންޓް ޓު އޯން ސްކީމުން ބޯހިޔާ ލިބުނު ބައެއް ފަރާތްތަކާ ވާލްޑު ބޭންކުން އިންޓަވިއުކޮށް ކުރި ދިރާސާއެއްގައި ބުނީ 72 ޕަސަންޓު މީހުން ހިތްހަމަނުޖެހޭ ކަމަށެވެ. އެ މީހުންގެ ޝަކުވާއަކީ ޔުނިޓުތަކުގެ އިމާރާތް ކުރުމުގެ ފެންވަރު ދަށްވުމެވެ. އިމާރާތްތައް މަރާމާތު ނުކުރެވުމާއި ރަނގަޅަށް ނުބެލެހެއްޓުމުގެ ޝަކުވާ ވެސް ބޮޑެވެ.

ބޭނުންވަނީ އީޖާދީ ހައްލެއް ނޫން

ހައުސިން މިނިސްޓަރުގެ އަމިއްލަ އިއުތިރާފުން ވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިއޮތް، ރެންޓް ޓު އޯން ސްކީމުން ބޭނުންވާ ނަތީޖާ ހާސިލުނުވާކަން މިހާރު ވަނީ އެނގި ހާމަވެފަ އެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވާ ސަބަބުތައް ވެސް އެހުރީ ފެންނާށެވެ.

ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ފައިސާ ދެއްކުން އެންމެނަށް އެއް ކޯޓެއް ފެހުމުގެ ބަދަލުގައި، އެ މީހަކަށް ލިބޭ އާމްދަނީގެ ނިސްބަތަށް ބަލައިގެން ފައިސާ ދެއްކޭނެ ފޯމިއުލާއެއް ނެރެންޖެހެ އެވެ. އެ ފްލެޓުތައް ލިބޭ މީހުން، އެތަންތަން އެހެން ބަޔަކަށް ކުއްޔަށް ދީގެން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރަންޖެހެ އެވެ.

އެކަމަކު ހިޔާ ފަދަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ކައުންސިލް ހައުސިންގެ ބައި އިތުރުކުރުމަކީ އޭގެ އެއް ހައްލު ކަމަށް ކުރިން ވާހަކަ ދެއްކި ބޭންކިން ދާއިރާގެ ތަޖުރިބާކާރު ގަބޫލުކުރައްވަ އެވެ.

"މިސާލަކަށް ހިޔާ ފްލެޓުތަކާމެދު އެ ލިބުނު އެއްވެސް މީހަކު ހިތްހަމަނުޖެހޭ. އެހެންވީމާ އެއީ އަމިއްލާވާ ތަންތަނުގެ ބަދަލުގައި، ވަކި މުއްދަތަކަށް ކުޑަ ކުއްޔެއްގައި އުޅެވޭ ތަނެއްގެ ގޮތުގައި ހެދި ދާނެ. ދެން އެ މީހާގެ ފައިނޭންޝަލް ހާލަތު ރަނގަޅުވީމާ އޭނާ އެތަނުން ނުކުމެ، އެހެން މީހަކަށް އަނެއްކާ އެތަން ދޭނީ،" އޭނާ ވިދާޅުވި އެވެ.

އެއީ ބޭރުގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެކެވެ. ކުޑަ ކުއްޔެއްގައި ކައުންސިލް ހައުސިންގައި ވަކި މުއްދަތަކަށް އުޅެނީ ފައިސާ އެއްކޮށްގެން އަމިއްލައަށް ތަނެއް ގަނެވޭނެ ހާލަތަކަށް ދެވެންދެނެވެ. މަޑުމަޑުން އާބާދީގެ ބޮޑު ބައެއްގެ މާލީ ފެންވަރު މަތިކުރުމަކީ އެ އުސޫލުގެ ބޭނުމެވެ.

ނަމަވެސް އެކަމަށްޓަކައި ވެސް މިޑިލް އިންކަމް އާއިލާތަކަށް ބޯހިޔާވަހިކަން ތަރައްގީކުރަން އަމިއްލަ ކޮންޓްރެކްޓަރުންގެ ޝައުގުވެރިކަން އިތުރު ކުރެވޭނެ މަގެއް ހޯދަންޖެހެ އެވެ. އަދި އެ ފްލެޓުތައް އަމިއްލައަށް ގަނެވޭނެ ގޮތަކަށް މާލީ ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެންނަންޖެހެ އެވެ.

މައްސަލައެއް ހައްލު ކުރުމުގެ ފުރަތަމަ ފިޔަވަޅަކީ މައްސަލައެއް އުޅޭ ކަމަށް ގަބޫލުކުރުމެވެ. އެއާއެކު، ޒަމާނުއްސުރެ ސަރުކާރުތަކުން ގެންގުޅެމުން އައި ބޯހިޔާވަހިކަމުގެ ރެންޓް ޓު އޯން ސިޔާސަތުން ނަތީޖާއެއް ނުނެރެވޭ ކަމަށް ވަޒީރު އެއްބަސްވެވަޑައިގަތުމަކީ ފެށުމެކެވެ.

އެކަމަކު ރިޔާސީ އިންތިހާބުގެ އަހަރެއް ބޯމަތިވެފައި އޮއްވައި، ވޯޓު ކޮޅެއްގެ ދަހިވެތި ކަމުގައި މި ސަރުކާރުގެ ވެސް އެ ހިތްވަރު ހުންނާނެތޯ އެއީ ދެމި އޮންނާނެ ސުވާލެކެވެ. ނަމަވެސް، މި ސިޔާސަތުގެ މަތީގައި ގޮތް ދޫނުކޮށް ތިބުމަކީ މޮޔައިންގެ ސިފައެކެވެ.

އެލްބަޓް އައިންސްޓައިން ބުނި ފަދައިން، އެއް ކަމެއް ތަކުރާރުކޮށް އެއް ގޮތަކަށް ކޮށްގެން ތަފާތު ނަތީޖާއެއް ނުކުމެދާނެ ކަމަށް އުންމީދު ކުރުމަކީ މޮޔައިންގެ އާދަ އެވެ.