Advertisement

ވ،އަތޮޅުގައި ފްލޯޓިން ރިސޯޓެއް ހަދަން ކައުންސިލުން ކެތްމަދުވެފައި!

10 އޮކްޓޯބަރު 2022 - 21:23 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ވ. އަތޮޅުގައި ފްލޯޓިން ރިސޯޓެއް ހަދަން ލެވިނި ހޮޓެލްސްއާއި އެކު އަތޮޅު ކައުންސިލުން މިއަދު އެެމްއޯޔޫއެއްގައި ސޮއިކުރި. ފޮޓޯ:ވ.އަތޮޅު ކައުންސިލް


ވ،އަތޮޅުގައި ފްލޯޓިން ރިސޯޓެއް ހަދަން ކައުންސިލުން ކެތްމަދުވެފައި!

10 އޮކްޓޯބަރު 2022 - 21:23 0

ވ. އަތޮޅުގައި ފްލޯޓިން ރިސޯޓެއް ހެދުމުގެ އެއްބަސްވުމަކާ ހަމައަށް ދާން ކުރަން ޖެހޭ މަސައްކަތްތައް އެއަތޮޅު ކައުންސިލުން މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ވ. އަތޮޅުގައި ފްލޯޓިން ރިސޯޓެއް ހެދުމަށް ޓަކައި މިއަހަރު ނިމޭހާ ތަނަށް އެއްބަސްވުމެއްގައި ސޮއިކުރެވޭ ވަރަށް މަސައްކަތްތައް ގެންދިއުމަށް ޓަކައި އެ އަތޮޅު ކައުންސިލުން، ލެވިނި ހޮޓެލްސްއާ އެކު މިއަދު މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން އެއް (އެމްއޯޔޫއެއް) ގައި ސޮއިކުރި އެވެ. ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ "އަދަދު" އަށް މިރޭ ވިދާޅުވީ ފްލޯޓިން ރިސޯޓެއްގެ މަސައްކަތް ކުރިއަށް ގެންދާނީ ވ.އަތޮޅު ކައުންސިލް ބައިވެރިވާ ޖޮއިންޓްވެންޗާ އަކުން ކަމަށެވެ.

"ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް ، ވިޔަފާރިކުރުމުގެ ފުރުސަތު އެބަ އޮތް. ބޭރުގެ ފަރާތްތަކާއި ދިވެހިފަރާތްތަކާ އެއްކޮށް ވެސް ޖޮއިންޓް ވެންޗާ އުސޫލުން ވިޔަފާރިކުރުމުގެ ޖާގަ ލިބިފައި އޮތީމާ ، ވ. އަތޮޅު ތެރޭގައި މިކަހަލަ ޕްރޮޖެކްޓެއް ހިންގަން ލެވިނީގެ ފަރާތުން އަޅުގަނޑުމެންނަށް ލިބިފައި އޮތް ޕްރޮޕޯސަލްއަށް، އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިގެން ކުރިއަށް ގެންދަން އަޅުގަނޑުމެން އެއްބަސްވި އެއްބަސްވުމެއް މިއީ،" މިއަދު ސޮައިކުރި އެމްއޯޔޫގެ ތަފްސީލު ދެއްވަމުން ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފްލޯޓިން ރިސޯޓެއްގެ މަސައްކަތް ކުރެވިދާނެ ތިން ތަނެއް އަތޮޅު ކައުންސިލުން މިހާރު ވެސް ހުރީ ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް އެ ތަންތަނާ ބެހޭ ގޮތުން އަދި އިތުރަށް ދިރާސާތައް ކުރާނެ އެވެ.

"ވ. އަތޮޅު ތެރޭގައި، އެތެރެވަރީގައި ވެސް އަދި ދެފަޅީގެ ދުނީގައި ވެސް ހަމަ ފަރުތައް ހުންނާނެ، ފުން ވިލުތަކެއް ލާފައި. އެހެންވީމާ މި މަފަދަ މަޝްރޫއަކަށް ކަމުދާ ގިނަ ސަރަހައްދުތަކެއް އެބަހުރި،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވ.އަތޮޅު ކައުންސިލުން ދެކެނީ މި އަހަރުގެ ޑިސެމްބަރާ ހިސާބަށް ދާއިރު، ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށް، ފްލޯޓިން ރިސޯޓެއްގެ މަސައްކަތް ފެށޭ ހިސާބަށް ގެންދެވޭނެ ކަމަށެވެ. އެކަމާ ބެހޭ މުއާމަލާތްތައް އަތޮޅު ކައުންސިލުން، މިނިސްޓްރީތަކާ އެކު ކުރާތާ މިހާރު އަހަރަކަށް ވުރެ ވެސް ގިނަ ދުވަސް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް އޮފީހާ، ޓޫރިޒަމް މިނިސްޓްރީއާ ދެން ދައުލަތުގެ އެހެން ވުޒާރާތަކާ އެކީގައި ވެސް މީގެ ކޮމިއުނިކޭޝަންތައް ހިންގިފައި ހުރީ،" ޝުޖާއު ވިދާޅުވި އެވެ.

ވ. އަތޮޅުގައި ދެން އާދައިގެ ރިސޯޓެއް ދެން ތަރައްގީކުރަން ކައުންސިލުން ބޭނުން ނުވާ ކަމަށާއި ދެން ތައާރަފްކުރަން ޖެހޭނީ ފްލޯޓިން ރިސޯޓެއް ފަދަ ޓޫރިޒަމްގެ އާ އުފެއްދުމެއް ކަމަށއް ވެސް އޭނާ ވިދާޅުވި އެވެ.