Advertisement

އަމީނީ މަގު މަޝްރޫއު މަޑުޖައްސާލުމުގެ ވަގުތީ އަމުރު ނެރެނުދިން

9 އޮކްޓޯބަރު 2022 - 13:35 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: މަގު ހެދުމުގެ މަޝްރޫއު މަޑުޖައްސާލުމުގެ ވަގުތީ އަމުރު ކޯޓަކުން ނުދިން - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


އަމީނީ މަގު މަޝްރޫއު މަޑުޖައްސާލުމުގެ ވަގުތީ އަމުރު ނެރެނުދިން

9 އޮކްޓޯބަރު 2022 - 13:35 0

އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެ މަގުގައި ހުރި ގަސްތައް ކެނޑުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި، އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް މަޝްރޫއު މަޑުޖައްސާލުމުގެ ވަގުތީ އަމުރު ނެރެނުދޭން ނިންމައިިފި އެވެ.

ނަޝީދުގެ ފަރާތުން ވަގުތީ އަމުރަކަށް އެދިވަޑައިގެންނެވި ސަބަބެއްގެ ގޮތުގައި އޮތީ އެ ދައުވާއިން ބޭނުންވާ ފަރުވާ، މަޝްރޫއު މަޑުޖައްސާނުލައިފިނަމަ ނުލިބޭނެ ކަމަށެވެ. އަދި ގަސް ކަނޑުން ހުއްޓާނުލައިފިނަމަ، މައްސަލައިގެ ހުކުމަށް އަންނައިރު މައިގަނޑު މައުޟޫއުގެ ބޭނުން ކެނޑޭނެ ކަމަށް ވެސް އޭގައިވެ އެވެ.

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާ މިއަދު ނެރުއްވި ނިންމުމުގައިވަނީ، ވަގުތީ އަމުރަކަށް އެދުމަށް ފުރިހަމަވުމަށް ގާނޫނުގައި ޝަރުތުތައް މި މައްސަލާގައި ފުރިހަމަނުވާ ކަމަށެވެ.

އެ ގޮތުން ވަގުތީ އަމުރަށް އެދޭ ފަރާތަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެން ޖެހޭ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމްވެފައެއް ނެތް ކަމަށެވެ.

އަދި ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ އިއާދަނުކުރެވޭނެ ފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހޭކަން އެނގޭކަށް ވެސް ނެތް ކަމަށް އޭގައިވެ އެވެ.

އޭގެ އިތުރުން ވަގުތީ އަމުރަށް އެދިފައިވާ ފަރާތަކީ އަމުރަށް އެދުމުގެ ހައިސިއްޔަތު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތެއް ކަމުގައި ވެސް ބެލެވެން ނެތް ކަމަށް އޭގައިވެ އެވެ.

އާރުޑީސީން ޝަރީއަތުގައި ދިން ޖަވާބު

ވަގުތީ އަމުރާ ގުޅޭ ގޮތުން، މަޝްރޫއު ހަވާލުވެގެން ކުރިއަށް ގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފައިވަނީ މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށެވެ.

އެއްބަސްވުމުގައިވާ މުއްދަތުގެ މެދުތެރެއިން މަސައްކަތް ހުއްޓާލައިފިނަމަ ކުންފުންޏަށް މާލީ ގެއްލުންތަކެއް ލިބޭނެ ކަމަށް އާރުޑީސީން ބުނެފައިވެ އެވެ. އެއީ މަސައްކަތް ހުއްޓާލިޔަސް އެ ކަމަށް ނަގާފައިވާ މުވައްޒަފުންނަށް މުސާރަ އަދި ކުއްޔަށް ހޯދާފައިވާ ވެހިކަލްތަކަށް އޭގެ އަގު ވެސް ދައްކަން ޖެހޭނެތީ އެވެ.

މީގެ އިތުރަށް ގަސް ކަނޑައިގެން ނޫނީ އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އާރުޑީސީން ބުނެފައިވެ އެވެ. އެއީ އަމީނީ މަގުގައި ޑީވޯޓަރިންގެ ނިޒާމު ގާއިމުކުރާތީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހޮޅިއަޅަން ޖެހޭތީ ކަމަށް އާރުޑީސީން ފާހަގަކޮށްފައިވެ އެވެ.