Advertisement

ސަބްސިޑީ ހޭދަ ބަޖެޓު ކުރި އަދަދަށް ވުރެ ދެ ގުނަ އިތުރުވެއްޖެ

9 އޮކްޓޯބަރު 2022 - 08:11 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ސަބްސިޑީ ހޭދަ ބަޖެޓު ކުރި އަދަދަށް ވުރެ ދެ ގުނަ އިތުރުވެއްޖެ

9 އޮކްޓޯބަރު 2022 - 08:11 0

ދައުލަތުން ފޯރުކޮށްދޭ އަސާސީ ބައެއް ހިދުމަތްތަކަށް ސަބްސިޑީ ދިނުމަށް ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ ދެ ގުނަ އިތުރަށް މިހާރު ވެސް ހަރަދުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.

މައިގަނޑު ގޮތެއްގައި ކާބޯތަކެއްޗާއި ތެލާއި އަދި ދަތުރުފަތުރުގެ ހިދުމަތްތަކަށް ސަބްސިޑީ ދިނުމަށް މިއަހަރަށް ސަރުކާރުން ކަނޑައެޅި ގާތްގަނޑަކަށް 37 ބިލިއަން ރުފިޔާގެ ބަޖެޓުގައި އަންދާކޮށްފައިވަނީ 1.436 ބިލިއަން ރުފިޔާ އެވެ.

ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން އާންމުކުރަމުންދާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީއަށް ކުރި ހޭދަ ވަނީ 2.819 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.

ރަޝިއާ-ޔޫކްރޭނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލުމާއެކު، ސަރުކާރުން ސަބްސިޑީއަށް ކުރަންޖެހޭ ހަރަދު ވެސް ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

ތެލުގެ ސަބްސިޑީއަށް އެކަނި ބަލާއިރު، ގާތްނޑަކަށް 341.5 މިލިއަން ރުފިޔާ ބަޖެޓު ކުރެވުނު ނަމަވެސް، މި އަހަރުގެ ނިޔަލަށް އެކަމަށް ކުރަންޖެހޭ ހޭދަ 1.95 ބިލިއަން ރުފިޔާ ހުރަސްކުރާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

އެއާއެކު، ތެލުގެ ސަބްސިޑީ އޭގެ އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް އެކަނި ދޭ ގޮތަށް އުސޫލު ބަދަލުކޮށް, އެކަން ތަންފީޒު ކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނާ މުހާތަބު ކުރައްވަމުން ދެއްވި ހިތާބުގައި ވިދާޅުވެފަ އެވެ.

އެ ބަދަލު ތަފްސީލުކޮށް, ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވިދާޅުވެ ރައީސް ފާހަގަ ކުރެއްވީ އެއީ ދުޅަހެޔޮ އިގްތިސޯދީ އޮމާން ދުވެލީގެ، ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާސިލުވުމަށް މިވަގުތު ކޮންމެހެން އުފުލަން ޖެހޭ ބުރައެއް ކަމަށެވެ.

ނަމަވެސް، އެކަން ކުރަން ރާވާފައިވާ ގޮތެއް އަދި މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

މި އަހަރަށް ސަރުކާރުން ލަފާކޮށް ހުށަހެޅި ބަޖެޓުގައި ސަބްސިޑީގެ މައްސަލައަށް ހައްލުތަކެއް ވެސް ހިމެނި އެވެ.

ފިނޭންސުން އޭރު ބުނި ގޮތުގައި އެހެން ގައުމުތަކުން ވެސް މީގެ ކުރިން ކާބޯތަކެތީގެ ސަބްސިޑީ ދެމުންގެންދިޔައީ އިންޑައިރެކްޓް ސަބްސިޑީއެއް ގޮތުގައި ނަމަވެސް، ގިނަ ގައުމުތަކުން މިހާރު ވަނީ ސަބްސިޑީ ދޭ އުސޫލު ޓާގެޓެޑް ސަބްސިޑީއަކަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް، ކާބޯތަކެއްޗަށް ދޭ ސަބްސިޑީ ވެސް ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެކި މަރުހަލާތަކުގައި ސަރުކާރުން ބުނި ނަމަވެސް، އެކަމުގައި ވެސް އަދި އަމަލީ ސިފައެއް ގެނެވިފައެއް ނުވެ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް އިތުރަށް ބަލާއިރު، ރިކަރަންޓު އަދި ކެޕިޓަލް ހަރަދު ހިމެނޭ ގޮތަށް މިއަހަރަށް ބަޖެޓު ކުރި ޖުމްލަ 34.1 ބިލިއަން ރުފިޔާގެ ތެރެއިން، ސެޕްޓެމްބަރު 29 އާ ހަމައަށް 27.71 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އޭގެ ތެރެއިން 74 ޕަސަންޓު ހިއްސާކުރަނީ ރިކަރަންޓު ހަރަދުތަކެވެ.

މިގޮތުން، ރިކަރަންޓު ހަރަދުތަކަށް މިއަހަރު 24.8 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، ސެޕްޓެމްބަރު 29 ގެ ނިޔަލަށް 20.5 ބިލިއަން ވަނީ ހަރަދުވެފަ އެވެ.