Advertisement

ސިއްހީ ދާއިރާ ލާމަރުކަޒު ކުރުމަށް އެންމެ މުހިންމީ ދިވެހިން ތަމްރީނު ކުރުން: އަމްރު

8 އޮކްޓޯބަރު 2022 - 17:31 0

ރޭޑިއޯގްރަފީ ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާގައި އަމްރު ވާހަކަ ދައްކަވަނީ. އެސްޓީއޯ އިން 25 ދަރިވަރެއްގެ ކޯސް ވަނީ ސްޕޮންސާކޮށްފައި --- ފޮޓޯ: އެސްޓީއޯ


ސިއްހީ ދާއިރާ ލާމަރުކަޒު ކުރުމަށް އެންމެ މުހިންމީ ދިވެހިން ތަމްރީނު ކުރުން: އަމްރު

8 އޮކްޓޯބަރު 2022 - 17:31 0

ސިއްހީ ދާއިރާ ލާމަރުކަޒު ކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަަސައްކަތްތަކަށް އެންމެ މުހިންމީ އެ ދާއިރާއިން ދިވެހިން ތަމްރީނު ކުރުން ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ރޭޑިއޮގްރަފީ ދާއިރާއިން އާ މީހުން އުފެއްދުމަށް އަމާޒުކޮށް ޖެނެރަލް އިލެކްޓްރިކް ކުންފުނީގެ އެހީތެރިކަމާ އެކު އެސްޓީއޯ އިން ވަނީ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ފަށާފަ އެވެ. މި ކޯހުގެ ފުރަތަމަ ބެޗުގައި، އެސްޓީއޯގެ އެހީގައި 25 ދަރިވަރުން ހިލޭ ކިޔަވާނެ އެވެ.

"ރާއްޖޭގެ ހުރިހާ ކަންކޮޅެއްގަ، ހުރިހާ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ހެޔޮއަގުގަ ލިބޭނެގޮތް ހެދުމަށް ސިއްހީ ހިދުމަތް ލާމަރުކަޒު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް. މިކަން ކުރުމަށް ސިއްހީ ދާއިރާއިން ދިވެހިން ތަމްރީނު ކުރުމަކީ އެންމެ މުހިންމު އެއްކަން،" އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ރޭޑިއޯގްރަފީ އަކީ ސަރުކާރާއި އަމިއްލަ ފަރާތަކުން ވެސް ކޯސް ހިންގާފަވާ ދާއިރާއަކަށް ނުވާ ކަމަށާއި އެ ދާއިރާއަށް އިންތިހާއަށް ދިވެހިން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އަމްރު ވަނީ އެ ކޯސް ހިންގުމަށް އެސްޓީއޯއަށް އެހީތެރިވާ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.

"ރޭޑިއޯގްރަފީ ކޯސް ހިންގަން ފެށުމަކީ ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމެއް. ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް އެހީތެރިވުމުގެ ގޮތުން ކުރެވުނު މަސައްކަތެއް،" އަމްރު ފާހަގަކުރެއްވި އެވެ.

އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓާއި ޖީއީ ސްކިލް ލެބު ހުޅުވާފައި ވަނީ ވެސް ސިއްހީ ދާއިރާއިން މީހުން ބިނާކުރުމުގެ އަމާޒުގަ އެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާ އެލައިޑް ހެލްތު ކައުންސިލުން ގަބޫލުކުރާ އެ ކޯސް ނިމުމުން ވަޒީފާ ވެސް ޔަގީންވާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މިވަގުތު ތިބި 190 ރޭޑިއޯގްރާފަރުންގެ ތެރެއިން ދިވެހިންގެ އަދަދަކީ އެންމެ 17 އެވެ.