Advertisement

ހުލާސާކޮށް އިއްޔެ: އާ ރަންވޭ ހުޅުވައި އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް

7 އޮކްޓޯބަރު 2022 - 06:20 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އާ ރަންވޭއަށް ޖެއްސީ އެމިރޭޓްސް އިން އޮޕަރޭޓު ކުރާ ބޮއިން 777 މަރުކާގެ ބޯޓެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ހުލާސާކޮށް އިއްޔެ: އާ ރަންވޭ ހުޅުވައި އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް

7 އޮކްޓޯބަރު 2022 - 06:20 0

އެންމެ ބޮޑެތި މަތިންދާ ބޯޓް ޖެއްސޭ ފެންވަރަށް ތަރައްގީކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހުޅުވީ އިއްޔެ އެވެ.

ފަސްދޮޅަސް އަހަރަށް ވުރެ ގިނަ އަހަރު ވެފައިވާ ކުރީގެ ރަންވޭ ބޭނުންކުރުން ހުއްޓާލުމަށް ފަހު، އަލަށް ތަރައްގީކުރި ރަންވޭ ހުޅުވުމުގެ ތާރީހީ ބަދަލު އިފުތިތާހުކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

"މިއީ އަޅުގަނޑަށް ލިބުނު ވަރަށް އުފާވެރި ދުވަހެއް. ...މިއީ އާ ފެށުމެއް،" އެ މަނިކުފާނު އިއްޔެ ވިދާޅުވި އެވެ.

ދިވެހި ތާރީހުގައި އެންމެ ޖޯޝާއެކު ކުރެވިފައިވާ މަސައްކަތަކީ މީގެ 60 އަހަރު ކުރިން ހުޅުލޭ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކަމަށާއި އޭރު ވެސް މިހާރު ވެސް އެންމެ މުހިންމު ތަނަކަށް އެއާޕޯޓް ވެގެންދަނީ އިގުތިސޯދުގެ މައި ދޮރާއްޓަށް ވާތީ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އާ ރަންވޭއާއެކު ވަރަށް ބޮޑު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށާއި، އަލަށް ތަރައްގީކުރާ ރީޖަނަލް އެއާޕޯޓްތަކާއި މިހާރު ފަށާފައިވާ އާރުޓީއެލްގެ ހިދުމަތާއެކު ދަތުރުފަތުރުގެ ނިޒާމު ފުރިހަމަވެ، އަގުހެޔޮ ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ވެލާނާ އެއާޕޯޓް އެންމެ ފުރިހަމަ ވެގެންދާނީ މިހާރު ބިނާކުރަމުން އަންނަ ޕަސެންޖާ ޓާމިނަލް ނިމުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ރަންވޭއިން އެންމެ ފަހުން ފުރީ ޓާކިޝް އެއާލައިން އެވެ. އާ ރަންވޭއަށް ޖެއްސި ފުރަތަމަ ޖެއްސި ފުރަތަމަ ޖެއްސީ އެމިރޭޓްސް އެއާލައިންގެ ފްލައިޓެވެ.

ދިގުމިނުގައި 3,400 މީޓަރު، ފުޅާމިނުގައި 60 މީޓަރުގެ އާ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ޗައިނާގެ އެގްޒިމް ބޭންކުގެ 373 މިލިއަން ޑޮލަރުގެ ލޯނުން 2017 ވަނަ އަހަރު އެވެ. އާ ރަންވޭ ހެދީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން ނެވެ.

ވީއައިއޭ ބަދަލުކޮށްލަން ހިންގާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ދަށުން އާ ރަންވޭގެ އިތުރުން އާ ޕަސެންޖާ ޓާމިނަލަކާއި އާ ކާގޯ ޓާމިނަލެއް އަޅާނެ އެވެ. އަދި ތެޔޮ ރައްކާކުރާ ބިޔަ ފާމެއް ވަނީ ހަދައިފަ އެވެ.

އާ ރަންވޭއާއެކު އަންނާނެ ބަދަލު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަ މަހްޖޫބު ސުޖާއު ވިދާޅުވީ އާ ރަންވޭއަކީ ދުނިޔޭގައި ބޭނުންކުރާ ޕަސެންޖަރުން އުފުލާ އެންމެ ބޮޑެތި ބޯޓް، އެއާބަސް A380 ޖެއްސޭ ފެންވަރުގެ ރަންވޭއެއް ކަމަށެވެ. އަދި އެއާޕޯޓްގެ ދިގު ތާރީހުގައި ރަންވޭއަކާއި ޓެކްސީވޭއެއް އެކުއެކީގައި ބޭނުންކުރަން ފެށިގެންދަނީ ފުރަތަމަ ފަހަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާ ރަންވޭއާއެކު ގަޑިއިރެއްގެ ތެރޭގައި ހިދުމަތް ދެވޭ ފްލައިޓްގެ އަދަދު 8 އިން 21 އަށް އިތުރުވެ، ތިން މިނެޓަކުން ބޯޓެއް ޖެއްސޭނެ އެވެ. ކުރިން އެންމެ އަވަހަށް ވެސް ބޯޓެއް ޖެއްސެނީ 10 މިނެޓުންނެވެ.

މިހާރު އެންމެ ގިނަ ވެގެން މިނެޓެއްގެ ރަންވޭ ކްލިއާ ކުރެވޭނެ އެވެ.

"މީގެ ސަބަބުން ބޯޓު ފުރުމާއި ޖެއްސުމުގައި ކުރިން ދިމާވި ލަސްވުން މުޅިންހެން ހައްލު ވެގެންދާނެ،" މަހުޖޫބު ވިދާޅުވި އެވެ.

އެއާޕޯޓްގެ ތާރީހު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފެށުމަކީ މީގެ 62 އަހަރު ކުރި އެވެ. އޭރު އެއީ ހުޅުލޭ އެއާޕޯޓެވެ. ދަގަނޑު ޝީޓްތަކުގެ އޭރު އަޅައިފައި އޮތް ރަންވޭއަށް ފުރަތަމަ މަތިންދާ ބޯޓެއް ޖެއްސީ އޮކްޓޯބަރު 19، 1960 އެވެ. ޖެއްސީ ރޯޔަލް ނިއުޒީލެންޑް އެއާފޯސް ބޯޓެކެވެ.

އެ އާޕޯޓަށް ފުރަތަމަ ކޮމާޝަލް މަތިންދާ ބޯޓެއްގެ ގޮތުގައި ޖައްސާފައިވަނީ އެއާ ސިލޯންގެ ފްލައިޓެއް އޭޕްރީލް 10، 1962 ގަ އެވެ.

ދަގަނޑު ޝީޓްތަކުގެ ރަންވޭގެ ބަދަލުގައި ރަނގަޅު ފެންވަރަކަށް ޒަމާނީ ރަންވޭއެއް ހެދުމަށް 1964 ނިންމައި، އޭރު ފުރަތަމަ ހެދި ރަންވޭގެ ބޮޑުމިނަކީ 2840 މީޓެވެ. ފުޅާމިނަކީ 45 މީޓަރެވެ. އެ ރަންވޭއާއެކު ރަސްމީކޮށް އެއާޕޯޓަށް "ހުޅުލޭ އެއާޕޯޓް"ގެ ނަން ދީ، ރަންވޭ އާއި އެއާޕޯޓް ހުޅުވައި ދެއްވީ އޭޕްރީލް 12، 1966 ގައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނަސިރެވެ.

ހުޅުލޭ އެއާޕޯޓުގެ ނަން، މާލޭ އިންޓަރނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލުކުރީ ރައީސް މައުމޫނުގެ ވެރިކަމުގައި 1981 ވަނަ އަހަރު އެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް އެއާޕޯޓް ތަރައްގީކުރަން އެކި މަޝްރޫއުތައް ހިންގާފައިވެ އެވެ.

އެއާޕޯޓު ހިންގުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އުފެއްދެވީ ރައީސް މައުމޫނުގެ ވެރިކަމުގަ އެވެ. ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް 25 އަހަރުގެ މުއްދަތަކަށް ހަވާލުކުރި އެވެ. އަދި މާލޭ އެއާޕޯޓްގެ ނަން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލު ވެސް ކުރި އެވެ.

ޖީއެމްއާރު ކުންފުނި ރާއްޖޭން ބޭރުކޮށް އެއާޕޯޓާ އަލުން އެމްއޭސީއެލުން ހަވާލުވީ ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، 2012 ގަ އެވެ. އަދި މިހާރު ދީފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ފެށީ ޔާމީންގެ ވެރިކަމުގަ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށް ދިޔައިރު، ސެޕްޓަމްބަރު 18، 2018 ވަނަ ދުވަހު އާ ރަންވޭ އަށް ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު، އެއާބަސް A380 ފްލައިޓެއް ޖެއްސި އެވެ. އޭރު ރަންވޭ ހުރިހާ މަސައްކަތެއް މުޅިން ނުނިމެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުވާ އިތުރު ފަސް މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ މީހުންގެ ތެރޭ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ހިމެނޭކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު ރައްދުވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ފިރިހީމާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާއަށް ފިޔަވައި އިތުރު ބަޔަކަށް އެކަން ނުކުރެވޭނެ ކަން ސާބިތުކޮށްދޭނެ ކަމަށް ދައުލަތުން ބުނީ އިއްޔެ އެވެ.
  • މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ތެރެއިން ހިނގާފައިވާ ތެލުގެ ވައްކަމުން ގެއްލުނު ފައިސާގެ އަދަދު 28.31 މިލިއަން ރުފިޔާއަށް އަރާކަމަށް އެ ހިޔާނާތާ ގުޅިގެން އޮޑިޓު އޮފީހުން ހެދި ހާއްސަ އޮޑިޓުގައި ބުނިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ:

ދިވެހިން އުފުލަމުން ގެންދިޔަ ވޭން، ޑިމޮކްރަސީއަށްޓަކައި ތެދުވި ކޮންމެ މީހަކަށް ލިބުނު އަނިޔާ، ލިބުނު ގެއްލުން އެއީ މި ބާވަތުގެ ދުވަހެއްގައި އަޅުގަނޑުމެން ކޮންމެހެން ވެސް ހަނދާން ކުރަން ޖެހޭ ޒާތުގެ ވާހަކަ. ރާއްޖޭގެ ޖަލުތަކުގައި ކުރެވުނު އަނިޔާ، އެއީ މިނިވަންކަމުގެ ރޫހަށް މަސައްކަތްކުރި ކޮންމެ މީހަކު ފިއްތުމަށް، އޮބަހެއްޓުމަށް ހުއްޓުވުމަށް ކުރަމުންގެންދިޔަ ނުތާހިރު އަނިޔާ،

ދުވަހުގެ ފޮޓޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި އެެންމެ ފުރަތަމަ ބޯޓު ޖައްސަނީ. މި ޝަރަފު ލިބުނީ އެމިރޭޓްސް އިން އޮޕަރޭޓުކުރާ ބޮއިން 777 މަރުކާގެ ބޯޓަކަށް. އެ ވަގުތު އެ ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް ވެސް އަރުވާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު