Advertisement

ސިމްޑީގެ ލަގްޒަރީ އެއާލައިން "ބިއޮންޑް" ގެ ހިދުމަތް އަންނަ އަހަރު ކުރީކޮޅު ފަށަނީ

5 އޮކްޓޯބަރު 2022 - 09:57 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ވެލާނާ އެއާޕޯޓުގައި ފްލައިޓުތަކެއް ޕާކުކޮށްފައި: ސިމްޑީ ކުންފުނީގެ "ބިއޮންޑް" އެއާލައިން އަންނަ އަހަރު ހިދުމަތް ފަށާނެ. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ސިމްޑީގެ ލަގްޒަރީ އެއާލައިން "ބިއޮންޑް" ގެ ހިދުމަތް އަންނަ އަހަރު ކުރީކޮޅު ފަށަނީ

5 އޮކްޓޯބަރު 2022 - 09:57 0

ދިވެހި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ސިމްޑީ ގްރޫޕުން ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ހިދުމަތް ފެށުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ހިދުމަތް އަންނަ އަހަރު ކުރީކޮޅު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"ބިއޮންޑް" ގެ ނަމުގައި މި އެއާލާއިން ފެށުމާއެކު ރާއްޖޭގެ ޓޫރިޒަމަށް ލިބިގެންދާނެ ކުރިއެރުމާ ގުޅޭގޮތުން އެ ކުންފުނިން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމަށްފަހު ފައްޔާޒް ވަނީ ބިއޮންޑްގެ އޮޕަރޭޝަންސް ރާއްޖޭގައި ފެށުމަށް ނިންމާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.

"ރާއްޖޭގައި ގާއިމުވެގެން، ގިނަ މަންޒިލުތަކަށް ޑައިރެކްޓް ފްލައިޓްސްތައް ފެށުމުން ދަތުރުފަތުރު ކުރުމުގައި ދިވެހިންނަށް އިތުރަށް ފަސޭހަވެގެންދާނެ،" ފައްޔާޒް ވިދާޅުވި އެވެ.

އެ އެއާލައިންގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ މި ހިދުމަތާއެކު ރާއްޖޭގެ ޓޫރިޒަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

މިގޮތުން، އޭޝިއާ، ޔޫރަޕު، އޮސްޓްރޭލިއާ އަދި އެފްރިކާއަށް ޑައިރެކްޓް ފްލައިޓްސްތައް އޮފަރޭޓުކުރަން އެ ކުންފުނިން އަމާޒުހިފާފައިވާއިރު، މި ކަމުގެ ސަބަބުން ދިވެހިންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.

"އަޅުގަނޑުމެން އަދިވެސް ބައެއް ތަފްސީލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން މިދަނީ. އެކަމަކު އެއާލައިންގެ ފުރަތަމަ ދަތުރުތައް 2023 ވަނަ އަހަރުގެ ކުރީކޮޅު ފެށިގެން ދިޔުމާއެކު ފުރަތަމަ އަހަރުގެ ތެރޭގައި 200 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް،" ޓްސްކިލާ ވިދާޅުވި އެވެ.

ޔޫއޭއީގެ އަރަބޭސްކްއާ ގުޅިގެން ސިމްޑީން ފަށާ މި އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ފަށާފައިވާ މަސައްކަތެކެވެ. އަރަބޭސްކަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުންޏެކެވެ.