Advertisement

ހެޔޮ އަގުގައި ދަތުރުކޮށްދޭ، އަބޫދާބީގެ ވިޒް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

4 އޮކްޓޯބަރު 2022 - 20:15 0

އަބޫދާބީގެ ވިޒް އެއާގެ ދަތުރުތައް ފެށުން ރަސްމީކޮށް އިފްތިތާހް ކުރުން - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު


ހެޔޮ އަގުގައި ދަތުރުކޮށްދޭ، އަބޫދާބީގެ ވިޒް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

4 އޮކްޓޯބަރު 2022 - 20:15 0

އަބޫދާބީގެ ވިޒް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

ވިޒް އެއާގެ ފުރަތަމަ ފްލައިޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދު ހަވީރު 4:52 ހާއިރެވެ.

އެ ފްލައިޓުން އައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށާއި، އެއާލައިންގެ ދަތުރުތައް ރަސްމީކޮށް ފެށުމަށް ބޭއްވި ހަރަކާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މަހުޖޫބު ޝުއާއު ބައިވެރިވެވަޑައިގަތެވެ.

މި ކަން ރަސްމީކޮށް އިފުތިތާހްކޮށްދެއްވުމަށް ފަހު މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ވިޒް އެއާލައިނަކީ އަގުހެޔޮ ދަތުރުތަކެއް ކޮށްދޭ ފްލައިޓަކަށް ވެފައި، އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ އާ މާރުކޭޓްތަކަށް ރާއްޖޭގެ ފަތުރުވެރިކަން ހުޅުވިގެން ދިޔުން ކަމަށެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެސް އިންތިހާއަށް ބޮޑުވެފައިވަނިކޮށް ވިޒް އެއާގެ ދަތުރުތައް އަޅުގަނޑުމެންނަށް މި ފެށުނީ،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

"ޓޫރިޒަމަށް 50 އަހަރު ފުރި އަނެއް 50 އަހަރުގެ ފުރަތަމަ ދުވަސް މިއީ، ފުރަތަމަ ދުވަހު އާ އެއާލައިނެއް އަޅުގަނޑުމެންނަށް ދަތުރުކުރަން ފެށުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ރަނގަޅު ފާލެއް،" މައުސޫމް އިތުރަށް ވިދާޅުވި އެވެ.

އެ އެއާލައިނުން ރާއްޖެއަށް އޮޕަރޭޓުކުރާނީ މުޅިން އާ، އެއާބަސް އޭ321 ނިއޯ މަރުކާގެ ބޯޓެކެވެ. ކޮންމެ ދަތުރެއްގެ އަގަކީ 97 ޑޮލަރު (1،495 ރ.) އެވެ.

ހަފުތާއަކު ހަތަރު ފްލައިޓް ރާއްޖެއަށް ދަތުރުކުރާ ގޮތަށް ޝެޑިއުލްކޮށްފައިވެ އެވެ. އެއީ ހޮނިހިރު، އާދީއްތަ، އަންގާރަ، އަދި ބުރާސްފަތި ދުވަހު، އެއިން ކޮންމެ ދުވަހަކު އެއް ދަތުރެވެ.

"ވިޒް އެއާއަކީ މެދު މާރުކޭޓެއް. އަގުހެޔޮ ވާނެ ޓިކެޓްތައް. ފްލައިޓްތަކުގެ އަގު ބޮޑު ވެގެން މި އުޅޭ މައްސަލައިގައި، މެދު މާރުކޭޓުގެ އެއާލައިނެއް އައުމަކީ މި ކަމަށް ލިބޭނެ ލުޔެއް." މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ވިޒް އެއާގެ އިތުރުން އަބޫ ދާބީއާއި ރާއްޖެއާ ދެމެދު މިހާރު ސީދާ ދަތުރުތައް ކުރަނީ އިއްތިހާދު އެއާވޭސް އިން އެކަންޏެވެ. ސީދާ ދަތުރުތައް ނުކުރި ނަމަވެސް އެމިރޭޓްސް އާއި ފްލައިދުބާއީ އިން މާލެއާއި ޔޫއޭއީގެ ދުބާއީއާ ދެމެދު ކޮންމެ ދުވަހަކު ފްލައިޓްތައް އޮޕަރޭޓް ކުރެ އެވެ.