Advertisement

ރައީސް ވެސް ފާހަގަކުރެއްވީ ނުހެދޭ ރިސޯޓުތަކުގެ މައްސަލަ

3 އޮކްޓޯބަރު 2022 - 10:22 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރަން، ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް


ރައީސް ވެސް ފާހަގަކުރެއްވީ ނުހެދޭ ރިސޯޓުތަކުގެ މައްސަލަ

3 އޮކްޓޯބަރު 2022 - 10:22 0

ޓޫރިސްޓު ރިސޯޓުތަކުގެ ގޮތުގައި ތަރައްގީކުރަން ހަވާލުކޮށް ނުހެދި ދިގުލައިގެން ގޮސްފައިވާ ރަށްތަކަކީ ޓޫރިޒަމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަކުރައްވައިފި އެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރަން، ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމުގައި އިތުރު ގޮންޖެހުންތަކެއްވެސް އެބަހުރި ކަމަށެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ، ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބައެއް ތަންތަން، އަހަރުތަކެއް ވެގެން ދިޔައިރު ވެސް ތަރައްގީ ނުކުރެވި އޮތުން،" ރައީސް ވިދާޅުވި އެވެ.

އެއީ، ދުރު ރާސްތާގެ ރޭވުމެއް ނެތި، ދޫކޮށްފައި ހުރި ތަންތަން ކަމަށް ވިދާޅުވެ، ރައީސް ވަނީ ކުރީގެ ސަރުކާރުގައި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ނުއަގުގައި ދޫކޮށްފައިވާ ބައެއް ރަށްތަކާއި ފަޅުތައް ވަކީން ފާހަގަކުރައްވާފަ އެވެ.

މިގޮތުން، ރައީސް ވިދާޅުވި ގޮތުގައި އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް، ބަޔަކަށް ވިއްކައިލި އިރު، އެ ތަންތަނުގެ އަގު ވެސް ދައުލަތަކަށް ނުލިބެ އެވެ.

"އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުއީ ކޯޓުތައް މެދުވެރިކޮށް މިއަންނަނީ ކުރަމުން. އަދި ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް އޭސީސީން އަންނަނީ ތަހުގީގު ކުރަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުުގައި ރިސޯޓުތައް ނުހެދި މަސައްކަތް އެއްކޮށް ހުއްޓިފައިވާ 70 ވަރަކަށް ރިސޯޓް ޕްރޮޖެކްޓް އެބައޮތެވެ. މިއީ ރާއްޖޭގައި މި ވަގުތު ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވާ 119 ރަށުގެ 58 ޕަސެންޓެވެ. މީގެ ތެރޭގައި އެއްވެސް މަސައްކަތެއް ނުހިނގާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޕްރޮޖެކްޓުތައް ހިމެނެ އެވެ.

ހޮޓާތަކާއި ގެސްޓްހައުސް ތަރައްގީކުރުމުގެ މި މައްސަލަތައް މަދު ނަމަވެސް، ރާއްޖޭގައި ހޮޓާ ތަރައްގީކުރަން ދޫކޮށްފައިވާ ބައެއް ބިންތަކުގައި ހިންގަމުން ދިޔަ ބައެއް ޕްރޮޖެކްޓުތައް ވެސް ހުއްޓިފައި އެބަހުއްޓެވެ.

ރައީސް ރޭ ވިދާޅުވީ އަލަށް ހަދާ ރިސޯޓްތައް ތަރައްގީ ކުރުމަށް ބޭނުންވާނެ ފައިސާ ހޯދައިދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.