Advertisement

އަޒުހާން މައްސަލައިގައި ހިންގަނީ ހޯމަސައިޑް ތަހުގީގެއް

2 އޮކްޓޯބަރު 2022 - 20:46 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ގެއްލިގެން ހޯދަމުންދިޔަ އަޒުހާން: ބުނީ ހަށިގަނޑު ފެނުނު ސަރަހައްދު މީގެ ކުރިން ފުލުހުން ބަލާފައިވާ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އަޒުހާން މައްސަލައިގައި ހިންގަނީ ހޯމަސައިޑް ތަހުގީގެއް

2 އޮކްޓޯބަރު 2022 - 20:46 1

މަރުވެ ގިނަ ދުވަސްވެފައި އޮއްވައި މިއަދު ހުޅުމާލެއިން ފެނުނު މުހައްމަދު އަޒްހާންގެ މައްސަލައިގައި ފުލުހުން ހިންގަނީ ހޯމަސައިޑް ތަހުގީގެއް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މީގެ 14 ދުވަސް ކުރިން އަޒްހާން ގެއްލުނު ސަރަހައްދުން މިއަދު ހަވީރު ފެނުނު ހަށިގަނޑާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑު ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ އެ މައްސަލައިގައި ފުލުހުން ހިންގަނީ ހޯމަސައިޑް ތަހުގީގެއް ކަމަށާއި އެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ފަށައިގެން މި ދަނީ ހޯމަސައިޑް އިންވެސްޓިގޭޝަނެއް،" ސައީދު ވިދާޅުވި އެވެ.

ހޯމަސައިޑް ތަހުގީގަކީ މީހަކު މަރާލި ކަމަށް ބެލެވުމުން ފުލުހުން ހިންގާނެ ތަހުގީގެވެ. މިއަދު ހަވީރު ފެނުނު ހަށިގަނޑަކީ އަޒްހާންގެ ހަށިގަނޑަށްވުން ގާތްކަން ފާހަގަ ކުރައްވަމުން ފުލުހުން ބުނީ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް ނިންމާފައިވާ ކަމަށެެވެ.

"ޕޯސްޓްމޯޓަމެއް ކުރިއަށްގެންދާނެކަން އާއިލާއަށް ވެސް އަންގާފައި ވާނީ،" ސައީދު ވިދާޅުވި އެވެ.

ފުލުހުން ބުނީ އަޒްހާން ފެނުނު ސަރަހައްދު ކުރިން ބަލައި ފާސްކޮށްފައިވާ ކަމަށާއި ނަމަވެސް ހަށިގަނޑު އެއިރު ނުފެނުނު ކަމަށެވެ. އަދި ހަށިގަނޑު ސީދާ ފެނުނު ސަރަހައްދު މީގެ ކުރިން ފުލުހުން ނުބަލާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ސީސީޓީވީ ކެމެރާތަކުން ފެނުނީ މިއަށްވުރެ ތަންކޮޅެއް ދުރުގައި މީހާ އުޅޭ ތަން. މި ހިސާބުގަނޑު ސާޗް ކުރެވިފައި އިނީ. އެކަމަކު އަނެއްކޮޅު ސާޗެއް ނުކުރަން. ވޯޓާ ޕާކުގެ ކުރިއަށް މި އޮތް ބިން ސާޗް ކުރީ މިއަދު،" ސައީދު ވިދާޅުވި އެވެ.

މިއަދު ފުލުހުން ބަލައި ފާސްކުރި ސަރަހައްދު ބެލީ ސީސީޓީވީ ފުޓޭޖުން އަޒްހާން ފެނިގެން ކަމަށެވެ. އޭގެ އިތުރުން ފުލުހުން ބުނީ އަޒްހާންގެ ފޯނު މިހާތަނަށް ވެސް ފެނިފައިނުވާ ކަމަށެވެ.

"ފޯނެއް ނުފެނޭ އިނގޭތޯ އަދި،" ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން ފުލުހުންގެ އޯގަނައިޒްޑް ކްރައިމް ޔުނިޓުގެ ހެޑު ވިދާޅުވި އެވެ.

އަޒްހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ސެޕްޓެމްބަރު 19، ގަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ އޭގެ އެއް ދުވަސް ކުރިން ހުދު ކުލައިގެ ކާރަކަށް އަރަނިކޮށެވެ. ކާރަށް އަޒްހާން އެރީ ގެސްޓްހައުސްއަކުން ނިކުތުމަށްފަހެވެ.