Advertisement

ހާލަންޑްގެ ރެކޯޑް ހެޓްރިކާ އެކު ސިޓީން ޔުނައިޓެޑް ބަލިކޮށްފި

2 އޮކްޓޯބަރު 2022 - 20:20 0

މިރޭގެ މެޗުގައި ޔުނައިޓެޑް ކޮޅަށް ހެޓްރިކް ހެދި ފޯޑެން (ކ) އާއި ހާލަންޑް ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ހާލަންޑްގެ ރެކޯޑް ހެޓްރިކާ އެކު ސިޓީން ޔުނައިޓެޑް ބަލިކޮށްފި

2 އޮކްޓޯބަރު 2022 - 20:20 0

މެންޗެސްޓާ (އޮކްޓޫބަރު 2) - އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި މިރޭ އާލިން ބްރައުޓް ހާލަންޑްގެ ރެކޯޑް ހެޓްރިކާ އެކު 6-3 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

ހާލަންޑަކީ ޕްރިމިއާ ލީގުގެ ތާރީހުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާ އެވެ. ހާލަންޑް ހެޓްރިކް ހެދީ ޔުނައިޓެޑްގެ އިތުރުން ކްރިސްޓަލް ޕެލަސް އާއި ނޮޓިންހަމް ފޮރެސްޓް ކޮޅަށެވެ. މި ފަހަރު ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ސިޓީއާ ގުޅުނު ހާލަންޑް މި ވަނީ ލީގުގައި އެކަނި ވެސް ހަތް މެޗުން 14 ގޯލު ޖަހައިފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ވަނީ ދެ މެޗުން ތިން ގޯލު ޖަހައިފަ އެވެ.

މިރޭގެ މޮޅާ އެކު ސިޓީ ވަނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އާސެނަލް އެއް ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް އަށް މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ޓޮޓެންހަމް ހޮޓްސްޕާސް އޮތީ އަށް މެޗުން 17 ޕޮއިންޓާ އެކު އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ ނެގި ހުރަހަކުން ފިލް ފޯޑެން ވަނީ ސިޓީ އަށް ލީޑުނަަގައިދީފަ އެވެ. މިއީ ޔުނައިޓެޑް ކޮޅަށް ފޯޑެން ޖެހި ފުރަތަމަ ގޯލެވެ. ސިޓީން ލީޑުފުޅާކުރަން ކެޕްޓަން އިލްކާއި ގުންޑޮގާން ޖެހި ހިލޭޖެހުން ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ސިޓީގެ ހާލަންޑް (ކ) ޖަހާ ބޯޅައެއް ބްލޮކްކުރަން ޔުނައިޓެޑްގެ ލިންޑެލޯފް މަސައްކަތް ކުރަނީ: ލިންޑެލޯފް މި މެޗުގައި ކުޅެން އެރީ ރަފައެލް ވަރާން އަށް އަނިޔާވެގެން.--- ފޮޓޯ: އޭއެފްޕީ


މެޗުގައި ސިޓީން ލީޑުފުޅާކުރީ 34 ވަނަ މިނިޓްގައި ހާލަންޑް ޖެހި ގޯލުންނެވެ. މިއީ ކެވިން ޑިބްރޭނާ ނެގި ކޯނަރަކުން ހާލަންޑް ބޮލުން ޖެހި ގޯލެކެވެ. ޔުނައިޓެޑްގެ ޓައިރެލް މަލާސިއާ އަށް ހާލަންޑް ޖެހި ބޯޅަ ބޭރު ކުރެވުނީ ގޯލުގެ ރޮނގު ހުރަސްކުރި ފަހުންނެވެ. އޭގެ ތިން މިނިޓް ފަހުން، ޑިބްރޭނާ އޭރިއާތެރެއަށް ނެގި ހުރަހަކަށް ވެއްޓިގެންފައި އަރައި، ހާލަންޑް ވަނީ ސިޓީ އަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ.

ފުރަތަމަ ހާފުގެ ފަހު މިނިޓްގައި، ހާލަންޑް ނެގި ހުރަހަކުން ސިޓީގެ ހަތަރު ވަނަ ގޯލު ޖެހީ ފޯޑެން އެވެ.

ޔުނައިޓެޑުން ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި ކުޅުން ރަނގަޅުކޮށް ގޯލެއް ޖަހައިފަ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ޔުނައިޓެޑްގެ އެންޓޮނީ އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ހާލަންޑް ހެޓްރިކް ފުރިހަމަކުރީ މެޗުގެ 64 ވަނަ މިނިޓްގައި ސާޖީ ގޯމޭޒް ނެގި ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ގޯމޭޒް ކުޅެން އެރީ ކައިލް ވޯކާ އަށް އަނިޔާވެގެން ބަދަލަކަށެވެ. މެޗުގެ 72 ވަނަ މިނިޓްގައި ހާލަންޑް ދިން ބޯޅައަކުން ފޯޑެން ވަނީ ސިޓީގެ ހަ ވަނަ ގޯލު ޖަހައިފަ އެވެ. ފޯޑެން ގޯލަށް ބޯޅަ ފޮނުވާލިއިރު، ޔުނައިޓެޑް ޑިފެންޑަރުން ތިބީ އޮފްސައިޑް ކަމަށް އެޕީލް ކުރުމަށެވެ.

މި ގޯލާ އެކު ފޯޑެންވެފައިވަނީ ޕެޕް ގާޑިއޯލާ ކޯޗުކޮށްދޭ ޓީމަކަށް އެންމެ ޒުވާން އުމުރުގައި 50 ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ. ކުރިން މި ރެކޯޑް އޮތީ ލިއޮނަލް މެސީ އަތުގަ އެވެ. ފޯޑެން، އެ އަދަދަށް ގޯލު ހަމަކުރިއިރު، އުމުރަކީ 22 އަހަރާއި 127 ދުވަހެވެ. މެސީ 50 ގޯލު ހަމަކުރިއިރު، އުމުރަކީ 22 އަހަރާއި 164 ދުވަހެވެ.

ސިޓީގެ ފޯޑެން މިރޭގެ މެޗުގައި އޭނާގެ ތިން ވަނަ ގޯލު ޖަހަނީ: މިއީ ފޯޑެންގެ ކެރިއަރުގައި ފުރަތަމަ ލީގު ހެޓްރިކް.-- ފޮޓޯ: އޭއެފްޕީ


ބަދަލަކަށް ކުޅެން އަރައި، އެންތަނީ މާޝިއަލް ވަނީ ޔުނައިޓެޑަށް ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން މާޝިއަލްގެ ފުރަތަމަ ގޯލަކީ 84 ވަނަ މިނިޓްގައި ސިޓީ އޭރިއާތެރެއިން ރީބައުންސް ބޯޅައަކުން ޖެހި ލަނޑެވެ.

މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ފަހު ގޯލު މާޝިއަލް ޖެހީ ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ދިނީ ވެސް މާޝިއަލް އަށް ކުރި ފައުލަކަށެވެ.

މިރޭގެ މެޗުގައި ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިނީ ބެންޗުގަ އެވެ.

މިއީ 2014 ވަނަ އަހަރަށް ފަހު ލީގުގައި ސިޓީން ޔުނައިޓެޑް އަތުން ޖެހިޖެހިގެން ތިން މޮޅު ހޯދި ފުރަތަމަ ފަހަރެވެ. މިއީ ލީގުގައި ޔުނައިޓެޑް ސިޓީ އަތުން ބަލިވި 18 ވަނަ ފަހަރެވެ. މި އަދަދަށް ޔުނައިޓެޑް ދެން ބަލިވެފައިވަނީ ލިވަޕޫލާއި ޗެލްސީ އަތުންނެވެ.

މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ޔުނައިޓެޑާއި ސިޓީގެ ކުރިމަތިލުންތަކުގެ ތެރެއިން އެންމެ ގިނަ ގޯލު ފެނުނު މެޗެވެ.