Advertisement

ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި، ޕޯސްޓްމޯޓެމް ހަދަނީ

2 އޮކްޓޯބަރު 2022 - 20:16 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި، ޕޯސްޓްމޯޓެމް ހަދަނީ

2 އޮކްޓޯބަރު 2022 - 20:16 0

މިއަދު ހަވީރު ހުޅުމާލޭ ފޭސް އެކަކުން ފެނުނު ހަށިގަނޑަކީ، ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި، ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ބުނީ އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވަނީ ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު 17:45 އެހައިކަންހާއިރު ކަމަށެވެ.

އެކަމާ ގުޅިގެން ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑު ސުޕްރިންޓެންޑެންޓް ހަސަން ސައީދު މިރޭ ނޫސްވެރިންނަށް ވިދާޅުވީ އެ ހަށިގަނޑު ފެނިފައިވަނީ ވޯޓާތީމް ޕާކު ކުރިމަތީގައި އޮންނަ ހުސް ބިމުން ކަމަށެވެ.

"ބޮޑި އޮތީ ވަރަށް ބޮޑަށް ޑިކޮމްޕޯސްޑް ސްޓޭޓެއްގައި. މިހާތަނަށް ބެލި ބެލުމުން މި ބޮޑީ އަކީ މުހައްމަދު އަޒްހާންގެ ހަށިގަނޑަށްވުމުގެ ފުރުސަތު ވަރަށް ބޮޑު،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައިވާތީ، ހަށިގަނޑުގައި އެއްވެސް ޒަހަމްތަކެއް ހުރި ކަމަށް ބުނަން އަދި ދަތި ކަމަށެވެ.

އެ މައުލޫމާތު ޔަގީންކުރެވޭނީ ޕޯސްޓްމޯޓަމްއަށް ފަހު ކަމަށާއި، ޕޯސްޓްމޯޓަމް ހަދާނެކަން އަޒްހާންގެ އާއިލާއަށް ވެސް އަންގާފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ސެޕްޓެމްބަރު 19، ގެ ރޭގަނޑު 7:00 ގަ އެވެ. އޭނާ ހޯދަމުންދާތާ މިއަދަށް 14 ދުވަސްވެފައިވާއިރު، މިރޭ ފެނުނު ހަށިގަނޑު މިހާރު ވަނީ މޯޗަރީއަށް ގެންގޮސްފަ އެވެ.

އަޒްހާން އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލޭ ރެޑްބުލް ޕާކު ކައިރިން ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.