Advertisement

މުސާރަ މައްސަލައިގައި ހަޅުތާލުކުރި ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިންގެ މައްސަަލަ ހައްލުކޮށްދޭން ނިންމައިފި

2 އޮކްޓޯބަރު 2022 - 16:06 2

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ޔުނައިޓެޑް ވިކްޓަރީގެ މިލޯސް: މުސާރަ ނުލިބިގެން ހަޅުތާލުކުރި ކުޅުންތެރިންގެ ތެރޭގައި މިލޯސް ހިމެނޭ.-- ފޮޓޯ: އެފްއޭއެމް


މުސާރަ މައްސަލައިގައި ހަޅުތާލުކުރި ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިންގެ މައްސަަލަ ހައްލުކޮށްދޭން ނިންމައިފި

2 އޮކްޓޯބަރު 2022 - 16:06 2

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅުނު ސާބިއާގެ މިލޯސް ކޮވަސިޗް އާއި ބެލަރޫސްގެ އިވާން ވެރާސް އަށް އެ ކްލަބުން ދޭން ޖެހޭ މުސާރަ އާއި ފައިސާގެ އެހެނިހެން ކަންކަން ހަމަޖައްސައިނުދޭތީ ހަޅުތާލެއް ފެށިއިރު، އެފްއޭއެމާ މަޝްވަރާކޮށް އެ މައްސަލަ ހައްލުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އެ ކުޅުންތެރިން ބުނެފި އެެވެ.

ގަލޮޅު ދަނޑުގެ ރޮސްޓްރަމްގައި މިއަދު މިލޯސް އާއި އިވާން، ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަން ފެށީ ޔުނައިޓެޑް ވިކްޓަރީން މިދިޔަ ހަތަރު މަހުގެ މުސާރަ އާއި ދެ މަހުގެ ކޮށްތު ފައިސާ ވެސް ހަމަޖައްސައިދީފައިނުވާއިރު، އެ ކުޅުންތެރިންގެ ވިސާ ވެސް ހަމަވެފައިވާތީ އެނބުރި ގައުމަށް ދެވޭނެ ގޮތެއް ނެތި ގޮތް ހުސްވެގެންނެވެ.

އެފްއޭއެމުން ބުނީ އެ ކުޅުންތެރިންގެ ހާލަތު އޮޅުންފިލުވަން ދަނޑަށް ދިޔައިރު، ކުޅުންތެރިން އެތަނުގައި ނެތް ކަމަށެވެ. އެކަމަކު، ފަހުން އެފްއޭއެމުން ވަނީ އެ ކުޅުންތެރިންނާ ބައްދަލުކޮށް، އެއްބަސްވުމަކަށް އަތުވެފަ އެެވެ. މިހާރު އެ ކުޅުންތެރިން ވަނީ ހަޅުތާލު ވެސް ނިމުމަކަށް ގެނެސްފަ އެވެ.

"އަހަރެމެން (އެފްއޭއެމްގެ ރައީސް) ބައްސާމްއާ ވެސް ބައްދަލުކޮށްފިން. އަހަރެމެން ކައިރީގައި ވައުދުވެފައި އޮތީ ބުދަ ދުވަހާ ހަމައަށް ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށް،" މިލޯސް، މިއަދު "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުންޏެވެ.

އެފްއޭއެމުން ވެސް ވަނީ މިލޯސް އާއި އިވާންގެ ކަންކަން އެ އެސޯސިއޭޝަނުން ބަލާފައިވާ ކަމަށާއި އެ ކުޅުންތެރިންނަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަންނަން އެހީތެރިވުމަށް އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ބުނެފަ އެވެ.

ފާއިތުވި ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފިޔަވާ ދެން އޮތް ހަތް ކްލަބުން ކްލަބްގެ ހުރިހާ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ބަރާބަރަށް ދީފައިނުވާތީ، ގިނަ ކުޅުންތެރިންނަށް ވަނީ މާލީ ގޮތުން އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ކްލަބްތަކުން ކުޅުންތެރިންނަށް މައުލޫމާތު ދެމުން އަންނަނީ އެފްއޭއެމާ ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން، 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެސްއޯއީގެ ތެރެއިން ކްލަބްތަކަށް ދެމުން އައި ތިން މިލިއަން ރުފިޔާ، މި ސަރުކާރު އައި ފަހުން ނުދެ އެވެ. އެހެންވެ، އެ ފައިސާ ހަމަޖައްސައިދޭން އެއްބަސްވީ އެފްއޭއެމް އަށް ލިބޭ ސްޕޮންސަޝިޕް ބަޖެޓެއްގެ ތެރެއިންނެވެ. މިއީ އެފްއޭއެމްގެ ސްޕޮންސަޝިޕް އެއްބަސްވުމެއްގެ ތެރެއިން ލިބޭ ފައިސާ އިން ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދޭ ގޮތަށް އެއްބަސްވި ފަހުން ނިމުނު ދެ ވަނަ ސީޒަނެވެ.