Advertisement

ހައްޔަރުކުރި ގޮތް ގޯސްވެގެން ކޯޓުން ދޫކޮށްލި މީހާ ހޯދަން އިއުލާންކޮށްފި

2 އޮކްޓޯބަރު 2022 - 15:28 0


ހައްޔަރުކުރި ގޮތް ގޯސްވެގެން ކޯޓުން ދޫކޮށްލި މީހާ ހޯދަން އިއުލާންކޮށްފި

2 އޮކްޓޯބަރު 2022 - 15:28 0

ފުލުހަކަށް ބިރު ދައްކައި އިންޒާރު ދިން މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކޮށް، އޭނާ ހައްޔަރު ކުރުމުގައި ފުލުހުން އިޖުރާއަތްތައް ފުރިހަމަ ނުކުރާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.

މާލޭގައި ހަރަކާތްތެރިވާ ގޭންގެއްގެ މީހަކު ވައްކަމުގެ ތުހުމަތަށް ހައްޔަރު ކުރުމުން، ސެޕްޓެމްބަރު 18، ގައި އެ ގޭންގަށް ނިސްބަތްވާ ކަމަށް ބެލެވޭ މީހަކު ވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހުންނަށް ބިރު ދައްކައި އިންޒާރު ދީފަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން މީގެ ކުރިން ހުޅުމާލެ، ގޯތި ނަންބަރު 11399، މުހައްމަދު އަޒުހާން އިސްމާއީލް (31އ) ހައްޔަރުކުރި އެވެ.

ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ އޭނާ ހައްޔަރުކުރީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ. ސަބަބަކީ އޭނާ ހައްޔަރުކުރީ ކުށުގެ ވެށިން ނޫން ކަމަށް ވާއިރު، އެ ގޮތަށް ހައްޔަރުކުރަން ކޯޓު އަމުރެއް ބޭނުންވާތީ އެވެ.

އަޒުހާން ދޫކޮށްލިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން ފުލުހުން މިއަދު ކުރި އިއުލާނެއްގައި ވަނީ އޭނާ ހޯދުމުގެ މަސައްކަތަށް އާންމުންގެ އެހީތެރިކަމަށް ބޭނުންވާ ކަމަށެވެ. އަދި އޭނާ ހޯދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މައްސަލައަކާ ގުޅިގެން ކަމަށެވެ.