Advertisement

މަޝްރޫއުތައް ނިންމަން އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއްް ދީފި

2 އޮކްޓޯބަރު 2022 - 15:04 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކްރެޑިޓް ލައިން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މަޝްރޫއުތައް ނިންމަން އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއްް ދީފި

2 އޮކްޓޯބަރު 2022 - 15:04 0

ރާއްޖޭގައި ހިނގަމުންގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރަށް 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ، ވިނޭ މޯހަން ވަތުރާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާގެ އެގްޒިމް ބޭންކްގެ ޖެނެރަލް މެނޭޖަރު ނިރުމިތު ވެދު އެވެ.

މި ކްރެޑިޓް ލައިނު ދޭނެ ކަން އިންޑިއާއިން އިއުލާނުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރާ ނަރެންދްރަ މޯދީއާ ގުޅިގެން ދެއްވި ޕްރެސް ބްރީފިންގަ އެވެ.

ކްރެޑިޓް ލައިންގެ އިތުރުން އިންޑިއާއިން މިއަދު ވަނީ އިންޑިއާ ސަރުކާރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ހަދިޔާކުރި ލޯންޗު ވެސް ހަވާލުކޮށްފަ އެވެ.

އިންޑިއާއިން ހަދިޔާކުރާ ލޯންޗު ހަދިޔާކުރައްވަނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކަރެކްޝަންސްގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅެވެ.

އިންޑިއާއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިންޑިއާއާއެކު އޮންނަ ޒަމާންވީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށްފަހު، މި ސަރުކާރުގައި އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.

ރައީސް ސޯލިހު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންނެވި އެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ސޯލިހު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެވެ.

ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެން ފަހުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ވަޑައިގެންނެވީ ރާއްޖެއަށެވެ.

މި ސަރުކާރު އައި ފަހުން، އިންޑިއާއިން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ފޯރުކޮށްދީފައިވާ ފައިސާގެ އަދަދު މިހާރު ވަނީ ދެ ބިލިއަން އެމެރިކާ ޑޮލަރު ހުރަސްކޮށްފަ އެވެ.