Advertisement

މާލެ އާއި ހުޅުމާލޭގެ ވިޔަފާރި ބަނދަރުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް އެމްޕީއެލް އިން ކުރަނީ

2 އޮކްޓޯބަރު 2022 - 15:36 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭ ވިޔަފާރި ބަނދަރު : އެމްޕީއެލް އިން ބުނެފައިވަނީ އެ ބަނދަރަށް ބާރުބޮޑުވެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މާލެ އާއި ހުޅުމާލޭގެ ވިޔަފާރި ބަނދަރުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް އެމްޕީއެލް އިން ކުރަނީ

2 އޮކްޓޯބަރު 2022 - 15:36 1

މާލެ އަދި ހުޅުމާލޭގެ ވިޔަފާރި ބަނދަރަށް ބާރުބޮޑުވެ އެ ބަނދަރުތަކުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމަށްފަހު އިގުތިސާދު ރަނގަޅުވެ ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު އިތުރުވުމާ ގުޅިގެން މާލެ އަދި ހުޅުމާލޭގެ ވިޔަފާރި ބަނދަރުތަކަށް ބާރުބޮޑުވަމުންދާ ކަމަށެވެ.

"ޕޯޓުގެ އޮޕަރޭޝަން ތަކަށް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން. ޖާގަ، މިވަގުތު ހުރި ވަސީލަތްތަކުގެ ތެރޭގައި ޖާގަ އިތުރުކުރުމަށްޓަކައި މިހާރު [މާލޭގެ] ބަނދަރު ސަރަހައްދުންނާއި ހުޅުމާލެ [ބަނދަރު] ސަރަހައްދުގައި ހުރި ބައެއް އޭރިއާތަކުގައި ބިންގަނޑު ލެވެލްކޮށް ގާޖެހުމުގެ މަސައްކަތް އެބަ ކުރަން،" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވި އެވެ.

އެ މަސައްކަތް ނިމުމުން ކޮންޓެއިނާ ޖެހޭނެ އިތުރު ޖާގަތަކެއް ލިބިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ބަނދަރުގެ މަސައްކަތްތަކަށް އިތުރު ޖާގަ ލިބިގެންދާނެކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް އެ ތަންތަން ހަދާ ނިމުމުން ދެން ޖާގަ ބޮޑުކުރާނެ އިތުރު ގޮތެެއް މިވަގުތައް ނެތްކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ކޮވިޑަށްފަހު މާލޭ ވިޔަފާރި ބަނދަރަށް މުދާ ގެންނަ އަދަދު ކޮވިޑުގެ ކުރިއާ މިހާރު އެއްވަރެވެ. މިއަދު އެމްޕީއެލް އިން ހިއްސާކުރި އަދަދުތަކަށް ބަލާއިރު، 2021 ވަނަ އަހަރު މަހެއްގެ މައްޗަށް މާލޭ ބަނދަރަށް 7،000 ކޮންޓެއިނާ ގެނައިސްފައިވާއިރު މި އަހަރު މަހެއްގެ މައްޗަށް ގެނެސްފައިވާ ކޮންޓެއިނަރުގެ އަދަދު ވަނީ 9،000 އަށް އިތުރުވެފަ އެވެ.

މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އޮތް ދުރު ރާސްތާ ހައްލަކީ ކޮބައިތޯ "އަދަދު" އިން ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ އެކަމަށް އޮތް ދާއިމީ ހައްލަކީ ސަރުކާރުން އިސްކަމެއް ދީގެން ހިންގާ ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް އެޅުން ކަމަށެވެ.

"ކޮމާޝަލް ހާބަރު ގުޅީފަޅަށް ބަދަލުކުރެވުނީމަ މިހާރު މި ދިމާވެފަ ހުރި ޖާގައިގެ ހުރިހާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ. އެއީ ދިގުމުއްދަތައް، 30 އަހަރު 40 އަހަރު ވިޔަސް ޕޯޓުގެ ޖާގައަށް ދަތިކަމެއް ނައިސް ރާއްޖޭގެ އިގުތިސާދަށް ބޭނުންވާ ވަރުގެ ޖާގަ [ގުޅީފަޅު ބަނދަރުން] ލިބިގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.

ގުޅީފަޅުގައި ހަދާ ބައިނަލްއަގުވާމީ ޕޯޓަށް ޖުމުލަ 80 ހެކްޓަރު ހާއްސަކުރުމަށް ހަމަޖެހިފައިވާއިރު އެ ބަނދަރުގެ މާސްޓާ ޕްލޭން ވަނީ މިހާރު ނިމިފަ އެވެ.