Advertisement

ޒޫނާ އަށް ރާއްޖޭގެ ކްރިކެޓްގައި ހާއްސަ ޝަރަފެއް

2 އޮކްޓޯބަރު 2022 - 13:57 0

ޕާކިސްތާންގައި ކުރިއަށްދިޔަ ކޯޗިން ލެވަލް ދޭއްގެ ތެރެއިން ޒޫނާ.--


ޒޫނާ އަށް ރާއްޖޭގެ ކްރިކެޓްގައި ހާއްސަ ޝަރަފެއް

2 އޮކްޓޯބަރު 2022 - 13:57 0

ގައުމީ ކްރިކެޓް އަންހެން ޓީމަށް ކުޅެފައިވާ މަރިޔަމް ޒޫނާ، އިންޓަނޭޝަނަލް ލެވަލް 1 އާއި 2 ގެ ކޯޗިން ކޯސް ފުރިހަމަ ކުރި ފުރަތަމަ ދިވެހި އަންހެން ކޯޗުގެ ޝަރަފް ހޯދައިފި އެވެ.

ޒޫނާ، ކްރިކެޓްގެ އައިސީސީ ލެވަލް އެކެއްގެ ކޯޗިން ކޯސް ފުރިހަމަކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން، ލެވަލް ދޭއް ފުރިހަމަ ކޮށްފައިވަނީ ދާދި ފަހުން ޕާކިސްތާންގެ ލާހޯރުގައި ކުރިއަށްދިޔަ ކޯހުގައި ބައިވެރިވެގެންނެވެ.

ލެވަލް ދޭއްގެ ކޯސް ކުރިއަށްދިޔައީ މިދިޔަ މަހުގެ 12-17 އަށް ޕާކިސްތާންގެ ހައި ޕާފޯމަންސް ސެންޓަރުގަ އެވެ.

އުފަށް ރަށް، ފުވައްމުލަކު ކްރިކެޓް ޓީމުން 2016 ވަނަ އަހަރު ކްރިކެޓަށް ތައާރަފްވި ޒޫނާ ވަނީ 2019 ވަނަ އަހަރު ރާއްޖޭގެ ކްރިކެޓް ޓީމެއް މުޅިން އަލަށް ބައިނަލްއަގުވާމީ ލެވަލްގައި ކުޅުނުއިރު، ޓީމުގައި ހިމެނިގެން ކުޅެފަ އެވެ.

ރާއްޖޭގެ ގައުމީ އަންހެން ކްރިކެޓް ޓީމުން ބައިނަލްއަގުވާމީ ލެވަލްގައި ކުޅުނު ފުރަތަމަ މުބާރާތަކީ 2019 ވަނަ އަހަރު ނޭޕާލުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގަ އެވެ.

ޕާކިސްތާންގެ ކޯހުގެ ތެރެއިން ޒޫނާ (ކ)


ކުޅުމުގެ ކެރިއަރު ކުރިއަށް ގެންދަމުން ވެސް ޒޫނާ މި ވަނީ ކޯޗިންގެ މަތީ ލެވަލެއް ފުރިހަމަކޮށްފަ އެވެ. މިއީ ރާއްޖޭގެ ކުޅިވަރުގައި ވެސް އަންހެން ކުޅުންތެރިއަކަށް ވަރަށް މަދުން ނޫން ގޮތަކަށް ހާސިލްކުރެވިފައި ނެތް ކަމެކެވެ.

ޒޫނާ އަށް ދެން އޮތީ، ކުޅުމުގެ ކެރިއަަރު ކުރިއަށް ގެންދިއުމުގެ އިތުރުން، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އަންހެން ކްރިކެޓް ޑިވެލޮޕްކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމެވެ.

ރާއްޖޭގައި އަންހެނުންގެ ކްރިކެޓް ކުރިއެރުވުމުގެ ޕްލޭނެއްގެ ދަށުން ބަންގްލަދޭޝްގެ ކޯޗެއް ކަމަށްވާ ފާތެމާ ތުޒް ޖަހާރާ ވަނީ ދާދި ފަހުން ގެނެސްފަ އެވެ.

ފާތެމާއާ ގުޅިގެން އަންހެން ކްރިކެޓްގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އާއި އަންހެން ޓީމުގެ ޓްރެއިނިންގެ ކަންކަމުގައި ވެސް ޒޫނާ ބައިވެރިވާނެ ކަމަށް ކްރިކެޓް ބޯޑުން ވަނީ ބުނެފަ އެވެ.

"ދެން އޮތީ އެސޯސިއޭޝަނާ ގުޅިގެން ކްރިކެޓް ވައިޑީޕީ އާއި އަންހެން ޓީމުގެ މަސައްކަތުގައި ކުރިއަށްދިއުން،" ޒޫނާ ބުންޏެވެ.

ޒޫނާ އަކީ ކްރިކެޓް ޑިވެލޮޮޕްމަންޓްގައި ކުރިއަށް އޮތްތަނުގައި އިސްކޮށް ހަރަކާތްތެރިވާނެ ކޯޗެއްގެ ގޮތުގައި ސީބީއެމް އިން ދެކެ އެވެ. ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލްގެ ޕްލޭނުގައި ރާއްޖޭގައި އަންހެން ކްރިކެޓް ކުރިއަރުވާއިރު، ކޯޗުން އުފެއްްދުމަކީ ވެސް މުހިންމު ކަމެކެވެ.

ކްރިކެޓް ބޯޑްގައި މިހާރު އޮތް ލީޑަޝިޕްގެ ދަށުން މާލެ އާއި ލ. ކުނަހަންދޫ އާއި ޏ.ފުވައްމުލަކުގައި އަންހެނުންގެ ކްރިކެޓްގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެ އެވެ.