Advertisement

ބޭރު އިންވެސްޓަރުންގެ 50 ޕަސަންޓު އެންމެ 4 ގައުމަށް، ފުޅާކުރަންޖެހިފައި

2 އޮކްޓޯބަރު 2022 - 17:42 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ވެލާނާ އެއާޕޯޓުގައި އެރައިވަލް ޓާމިނަލުން ފަސިންޖަރުން ނުކުންނަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ބޭރު އިންވެސްޓަރުންގެ 50 ޕަސަންޓު އެންމެ 4 ގައުމަށް، ފުޅާކުރަންޖެހިފައި

2 އޮކްޓޯބަރު 2022 - 17:42 0

ރާއްޖޭގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ އަދަދެއް ނިސްބަތްވަނީ އެންމެ ހަތަރު ގައުމަށް ކަމަށާއި، ފޮރިން ޑައިރެކްޓް އިންވެސްޓުމަންޓު (އެފްޑީއައި) ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ފުޅާކުރަންޖެހޭ ކަމަށް ޔޫއެންޑީޕީއިން ބުނެފި އެވެ.

ޔޫއެންޑީޕީ މޯލްޑިވްސްގެ އޯގަސްޓު މަހުގެ އިކޮނޮމިކް ބުލެޓިންގައި ރާއްޖޭގެ އެފްޑީއައި ތަކަށް އަލިއަޅުވާލާފައިވާއިރު، 1995 ވަނަ އަހަރާއި 2021 ވަނަ އަހަރާ ދެމެދު ދެ ބިލިއަން އެމެރިކާ ޑޮލަރުގެ ފޮރިން އިންވެސްޓުމަންޓުގެ 58 މުއާމަލާތެއް ސާމްޕަލްގެ ގޮތުގައި ނަގައިގެން ވަނީ ދިރާސާކޮށްފަ އެވެ.

އެ ކަރުދާހުގައި ބުނެފައިވަނީ، އެ މުއާމަލާތްތަކުގެ 65 ޕަސަންޓު (1.3 ބިލިއަން ޑޮލަރު) ހިއްސާކުރަނީ ޓޫރިޒަމާ ގުޅުންހުރި އިންވެސްޓުމަންޓުތަކަށް ކަމަށެވެ.

ސާމްޕަލްގެ ގޮތުގައި ބަލާފައިވާ މުއާމަލާތްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނައީ ދަތުރުފަތުރުގެ ހިދުމަތްތަކަށް ކުރި އިންވެސްޓުމަންޓުތަކެވެ. މިގޮތުން، ދަތުރުފަތުރުގެ ހިދުމަތަށް ކުރި އިންވެސްޓުމަންޓުތަކުގެ އަގު 527 މިލިއަން ޑޮލަރަށް އަރާ ކަމަށް އެ ކަރުދާހުގައި ބުނެފައިވެ އެވެ.

ޔޫއެންޑީޕީން އިތުރަށް ބުނި ގޮތުގައި، އެ އިންވެސްޓުމަންޓުތަކުގެ 72 ޕަސަންޓު ނިސްބަތްވަނީ އޭޝިއާ ޕެސިފިކް ސަރަހައްދަށެވެ.

ދެވަނައަށް އެންމެ ގިނަ އިންވެސްޓަރުން ނިސްބަތްވާ އެމެރިކާ އާއި ކެނެޑާ ހިއްސާކުރަނީ ޖުމްލަ އަދަދުގެ އެންމެ 10 ޕަސަންޓެވެ.


އަދި ސާމްޕަލްގައި ބަލާފައިވާ އިންވެސްޓުމަންޓުތަކުގެ ތެރެއިން 54 ޕަސަންޓުގެ އިންވެސްޓަރުން ނިސްބަތްވަނީ ސިންގަޕޫރު، ތައިލަންޑު، ޖަޕާނުގެ އިތުރުން ސްރީލަންކާއަށް ކަމަށް އެ ކަރުދާހުގައި ވަނީ ފާހަގަކޮށްފަ އެވެ.

"މީގެން ދައްކުވައިދެނީ، އެހެން ސަރަހައްދުތަކުން އިންވެސްޓަރުން ގެނައުމަށް ރާއްޖޭން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާ މިންވަރު،" ޔޫއެންޑީޕީއިން ބުނެފައިވެ އެވެ.

އެހެންކަމުން، މުސްތަގުބަލުގެ ޕްލޭނުތަކާއި ސިޔާސަތުތައް އެކުލަވާލާއިރު، އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބޭރުން އިންވެސްޓަރުން ހޯދުމަށް އިތުރަށް ވިސްނައި، އިންވެސްޓުމަންތައް ސިންދަފާތު ކުރުމަކީ މުހިންމު ކަމެއް ކަމަށް ޔޫއެންޑީޕީއިން އިތުރަށް ބުންޏެވެ.