2 އޮކްޓޯބަރު 2022 - 13:02 0
އަހުމަދު އާއިދު
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ: ވިދާޅުވީ ތެލުގެ ވައްކަމުގެ ޖުމްލަ އަށް މިލިއަނަށްވުރެ ބޮޑު ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
2 އޮކްޓޯބަރު 2022 - 13:02 0
މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ތެރެއިން ހިނގާފައިވާ ތެލުގެ ވައްކަމުގެ ޖުމްލަ އަދަދު ކުރިން ބެލެވުނު އަށް މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ދެ އަހަރު ކުރިން 2020 ވަނަ އަހަރު ކޮވިޑު-19 ގެ ލޮކްޑައުންގެ ތެރޭގައި ފެންމަތިވި އެ ވައްކަމުގައި ކުރިން ކުރެވުނު އޮޑިޓުން ބެލެވިފައި އޮތީ ވައްކަން ހިންގާފައިވަނީ 2020 ވަނަ އަހަރު އެކަނި ކަމަށެވެ. ނަމަވެސް އޭގެ ކުރިން ވެސް ވައކަންކޮށްފައިވާ ކަމަށް ޝާހިދު ވަނީ މިއަދު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.
"އެންމެ ފުރަތަމަ ހިންގި ތަހުގީގުގައި މި ބެލީ 2020 ވަނަ އަހަރު އެކަނި ކިހާވަރެއްތޯ ތެލުން އެމްޕީއެލްއަށް ގެއްލުންވެފަ ހުރީ. އެއީ އަށް މިލިއަން. ދެން އޭގެ ކުރީ އަހަރުތަކުގައި މިކަން ހިނގާފަ ހުރިތޯ ބެލިއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ 2018 ވަނަ އަހަރުން ފެށިގެން ވެސް މިކަން ހިނގާފަ ހުރިކަން،" ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އޭގެ ސަބަބުން އެ ކުންފުނިން މިނިވަން އޮޑިޓު ފާމަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ އޮޑިޓުގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮޑިޓުގައި ވެސް އޮޑިޓު ކުރެވޭ ތާރީހު 2018 އިން 2020 އާ ދެމެދަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި އޮޑިޓާ ޖެނެރަލުން ކުރިއަށް ގެންދާ ތަހުގީގުގެ ރިޕޯޓު ވަރަށް އަވަހަށް އާންމުވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި ފުލުހުން އެ މައްސަލައިގައި ކުރިއަށް ގެންދާ ތަހުގީގަށްވެސް މިހާތަނަށް ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދެވިފައިވާ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ތަހުގީގު ވެސް ލަސްތަކެެއް ނުވެ ނިމި، ކޯޓަށް ހުށަހެޅޭނެ ކަމަށް ބެލެވޭ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
މި މައްސަލައިގައި މިހާތަނަށް ބައިވެރިވެފައިވާ ކަމަށް ބެލެވެނީ އެއް ބައެއް ކަމަށާއި 2020 ގެ ކުރީގެ އަހަރުތަކުގައިވެސް މި ވައްކަމުގައި ބައިވެރިވީ ހަމަ އެމީހުން ކަމަށް ޝާހިދު ވަނީ މިއަދު ކަށަވަރު ކޮށްދެއްވާފަ އެވެ. އަދި އެ ފަރާތްތަށް މިހާރު ވަނީ ކުންފުނީގެ މަގާމުތަކުން ވަކިކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލް އާއި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މުވައްޒަފުންތަކެއް ބައިވެރިވެގެން ކުރި މި ވައްކަމުގެ ވާހަކަ އެންމެ ފުރަތަމަ ފެންމަތިވެގެންދިޔައީ ކޮވިޑް ލޮކްޑައުންގެ ތެރޭގައި އެ ކުންފުނީގެ އޮޕަރޭޝަންތައް މަޑުޖައްސާލުމުން ވެސް ތެލުގެ ހަރަދުތައް ކުޑަ ނުވުމުން ބެލި ބެލުމުގެ ތެރެއިންނެވެ. އޭރު ހީވެފައި އޮތް ގޮތުން މި ވައްކަން ހިނގާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.
Comment