Advertisement

ސާދާ ދިރިއުޅުމެއް، ދެމަފިރިން ބިނާކުރީ ނަމޫނާ ހަޔާތެއް!

2 ނޮވެންބަރު 2022 - 09:21 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ސަލީމާއި ޝަހީދާ އެ ދެމަފިރިންގެ ފިހާރައިގައި: އެ ދެމަފިރިން އެކީގައި ދިރިއުޅޭތާ މިހާރު 43 އަހަރުވެއްޖެ -- ފޮޓޯ: ނުޒުހާ


ސާދާ ދިރިއުޅުމެއް، ދެމަފިރިން ބިނާކުރީ ނަމޫނާ ހަޔާތެއް!

2 ނޮވެންބަރު 2022 - 09:21 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މެންދުރުގެ ހޫނުވަގުތުގައި އެކުވެރި ނޫސްވެރިއަކާއެކު ހއ. ދިއްދޫ ބޮޑު މަގުގައި ހުންނަ "ސޯސަނީ ސްޓޯރަށް" ވަނީ ކަރުހިއްކުން ފިލުވައިލާނެ ފިނި ބުއިމެއް ހޯދުމަށެވެ. އިހުގެ ގޮތަކަށް ހަދާފައިވާ އެ ފިހާރައިން އަހަރެމެންނަށް މަރުހަބާ ކީ ފިހާރައިގެ ވެރިންނެވެ؛ ސަލީމާއި ޝަހީދާގެ ދެމަފިރިންނެވެ.

މިއީ ސަލީމްބެއާއި ޝަހީދާއްތަގެ ވާހަކަ އެވެ. ލޯތްބާއެކު ދެ މީހުން ބިނާ ކުރި ހަޔާތް ކާމިޔާބު ކުރުމަށް ދެ މީހުން ކުރި ބުރަ މަސައްކަތުގެ ވާހަކަ އެވެ. ރަށު ރައްޔިތުންގެ އިހުތިރާމު ހޯދާފައިވާ މި ދެމަފިރިންނަކީ އަދުގެ ޖީލުން ނަމޫނާ ނަގަން ޖެހޭ ފަދަ އިބުރަތެކެވެ.

"ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމީޔާބީއަކީ ދައްތައަށް ލިބިފައި ތިބި ކުދިން ވަރަށް ރަނގަޅަށް ބަލައި ބޮޑުކުރެވުން، 1984 ހިސާބުގައި ވަރަށް ވަރަށް ކުޑަ ތިން ފިރިހެން ކުދިން ގޮވައިގެން އޭރު އުޅުނީ ދައްތަ އެކަނި، އުޅެމުން ވަކިން ގެދޮރު އަޅައިގެން، ދެން ވިޔަފާރި ފެށީ،" ޝަހީދާއްތަގެ ހަޔާތުގެ ވާހަކަ އޭނާ ކިޔައިދޭން ފެށީ މި ހިސާބުންނެވެ.

އެ ކައިވެންޏަށް 43 އަހަރު ފުރިއްޖެ އެވެ. މިހާރު ސަލީމްބެގެ އުމުރުން 65 އަހަރެވެ. ޝަހީދާއްތަގެ އުމުރުން 61 އަހަރެވެ. ދެމަފިރިންގެ ހަޔާތް މިއަދު ބިނާވެފައި އޮތީ އުމުރު ދުވަހު ކުރި މަސައްކަތުން ގޭގެ ތެރެއިން ބައެއްގައި ހުޅުވާފައިވާ ފިހާރައިގަ އެވެ.

ކޮންމެ ދުވަހެއްގެ ފަތިހު 05:30 ގައި ހުޅުވާ ފިހާރަ ބަންދު ކުރަނީ ނަމާދު ވަގުތުތަކަށް އެކަންޏެވެ. ފިހާރަ މަސައްކަތުގައި އިތުރު މީހަކު ނޫޅެ އެވެ. ކައުންޓަރުގައި އިންނަނީ ޝަހީދާއްތަ އެވެ. ފިހާރައަށް ބޭނުންވާ އެހެނިހެން ކަންކަމާއި މުދާ އުފުލުމުގެ މަސައްކަތް ކުރަނީ ސަލީމްބެ އެވެ.


ވިޔަފާރި ފެށުނު ގޮތް އޭނާ އިތުރަށް ކިޔައިދިނެވެ. އެއީ 1989 ވަނަ އަހަރެވެ. އޭރު ދިރިއުޅުނު ސަރަހައްދުގައި އެއްވެސް ފިހާރައެއް ނެތެވެ. އަވައްޓެރިންނާއި ދެމަފިރިންގެ އާއިލާއަށް ވެސް ފިހާރައެއްގެ ބޭނުން ޖެހިފައި އޮތުމުން އެ ކަން ކުރުމުގެ ހިޔާލު އައީ އެވެ.

"އޭރު ތިބި ހަތަރު ފިރިހެން ކުދިން، ދެން މި ހިސާބުގައި ދައްތަމެން އުޅެން އައިރު ފިހާރައެއް ނެތް، އެންމެން ވެސް ކިޔައި، ބޭބެ މާލޭގައި ހުންނާތީ އެއްޗެހި ގެނެވޭނެއޭ، ދެން އެ ގޮތަށް މުދާ ގެނެސްގެން ވިޔަފާރި ފެށުނީ، އަވައްޓެރިންގެ ވަރަށް ބޮޑު އެއްބާރުލުމާ އެއްކޮށް ފެށީ" ވިޔަފާރި ފެށުނު ގޮތް ޝަހީދާއްތަ ތަފްސީލްކޮށްދިނެވެ.

މިއަދު ފިހާރައެއްގެ ސިފައިގައި ހުރި ނަމަވެސް، އެންމެ ފުރަތަމަ މި ވިޔަފާރި ފެށުނީ ގޭގެ ކޮޓަރިއެއްގެ ތެރޭގަ އެވެ. މާލެ ދަތުރުކުރާ އޮޑިއެއްގައި މަސައްކަތް ކުރި ސަލީމްބެ ގެންނަ މުދާ ވިއްކަނީ ކުޑަކުޑަ ހަތަރު ފިރިހެން ކުދިން ގޮވައިގެން އެކަނި އުޅެމުން ދިޔަ ޝަހީދާއްތަ އެވެ.

އާންމުންގެ ޝަކުވާއާ އެކު ކޮޓަރި ތެރޭގައި ފެށި ވިޔަފާރި އިތުރަށް ކުރިއަށް ގެންދަން އުނދަގޫ ވެސް ވި އެވެ. އެކަމަކު ވިޔަފާރި ހުއްޓާލުމުގެ ވިސްނުމެއް ދެމަފިރިން ނުގެންގުޅެ އެވެ. ހިތްވަރު އެލުވައިލުމުގެ ބަދަލުގައި ދެމަފިރިން އިހުތިޔާރު ކުރީ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށެވެ.

"ބައެއް މީހުން މައްސަލަ ޖެއްސީ އެ ކަމާ، ހުއްދަ ނުނަގާ ވިޔަފާރި ކުރާތީވެ، ދެން އެހެންވެ ކޮޓަރިން މަގަށްވާ ގޮތަށް ހުރި ފާރުން ދޮރެއް ކަނޑާލާފައި ފިހާރައެއް ގޮތަށް ބޭނުން ކުރަން ފެށީ، ދެން އެ ތަނުގައި ތިލަފަތާ އެއްޗެހި އެލުވައިގެން ވިޔަފާރި ފެށީ،" ޝަހީދާއްތަގެ ތަޖުރިބާ ހިއްސާކޮށްދިނެވެ.

މިއަދު އެ ފެންނަން ފިހާރައަކީ އޭރު މަސައްކަތް ހުއްޓާނުލަން ނިންމި ނިންމުމުގެ ފޮނި ނަތީޖާ އެވެ. އެކަމަކު އެކަނި މާ އެކަނި ދަރިންތަކެއް ގޮވައިގެން އުޅެން ޖެހުމުން، ވިޔަފާރީގެ ހިދުމަތަށް ސަމާލުކަން ދިނުންވީ ބުރަކަށެވެ. އޭނައަށް ވިޔަފާރި އޭރު މާ ކާމިޔާބެއް ވެސް ނޫނެވެ.

"އޭރު ކުޑަކުޑަކުދިންތަކެއް ގޮވައިގެން އުޅޭތީ ގިނަ ފަހަރަށް ވިޔަފާރި ނުވެސް ވޭ، އެކަނި މާއެކަނި އުޅޭތީ، ގިނަ ފަހަރަށް މީހުން އައިސްފައި ނުވެގެން ދަނީ، އެކަމަކު ހިތްވަރު އެލުވައެއް ނުލަން، ވިޔަފާރި ހުއްޓާލަން ވެސް ނުވިސްނަން ދުވަހަކު،" ޝަހީދާއްތަ ބުންޏެވެ.

ކޮޓަރި ތެރޭގައި ހުޅުވި ވަގުތީ ފިހާރަ ހަގީގީ ފިހާރައަކަށް ބަދަލުކޮށްލީ އޭގެ ދިހަ ވަރަކަށް އަހަރު ފަހުންނެވެ. އޭގެ ފަހުން މިހާރު ފެންނަން ހުރި ފިހާރައަކީ އެ ތަނުގެ ހަތަރު ވަނަ މަރާމާތެވެ. ދެމަފިރިންގެ ވިސްނުން ހުރީ އަދިވެސް ވިޔަފާރިއާގެން ކުރިއަށް ދިއުމަށެވެ.

ވިޔަފާރިއަށް ދިން ސަމާލުކަން، ދަރިންނަށް ވެސް ދިން

ދެމަފިރިން ގަބޫލުކުރާ ގޮތުގައި، ބުރަ މަސައްކަތުން ވިޔަފާރިއަށް ދިން ސަމާލުކަމާ އެއްވަރުގެ ސަމާލުކަމެއް ދެމަފިރިންގެ ދަރިންނަށް ދެވުނެވެ. އެ ދަރިންނަށް ދެވުނު ތަރުބިއްޔަތަކީ ވިޔަފާރިއަށް ވުރެ ވެސް އަދި މާ ބޮޑު ކާމިޔާބީ އެކެވެ.

"ވިޔަފާރި މިއީ މާ ބޮޑު އުންމީދެއް އޮތް އެއްޗެއް ނޫން މިހާރަކު، މިކަން ކޮށްފައި ކާމިޔާބުވީ އެ ކުދިން ކިޔަވައި ނިމުނީމާ، ދެން ކޮންމެ ކުއްޖަކީ ވެސް އިންތިހާއަށް ލާރި ލިބޭ ކުދިން މިހާރު،"

ދަރިންނަށް ކިތަންމެ ސަމާލު ކަމެއް ދީގެން ބޮޑެތިކުރި ނަމަވެސް، ކުށުގެ ވެއްޓަށް "ގެނބިގެން" ދިއުމުގެ ބިރު އޮތް ޒަމާނެއްގައި، އެއިން ދަރިން ރައްކާތެރިކުރެވުނު ކަމަށް ދެމަފިރިން ގަބޫލު ކުރެ އެވެ.

ހަ ފިރިހެން ކުދިންނާއި ލިބުނު ހަމައެކަނި އަންހެން ކުއްޖާ ވެސް އެ އާއިލާއަށާއި މުޖުތަމައަށް ފައިދާ ކުރަނިވި ބަޔެއްގެ ގޮތުގައި ބިނާކުރެވުނު ކަން ހިއްސާކުރީ ފަހުރުވެރިކަމާ އެކުގަ އެވެ.

"މި ޒަމާނުގައި ޑްރަގުގެ ޖެހި ކުދިން ހަލާކުވެގެން އުޅޭއިރު، އެ ކަމުން ދައްތަގެ ދަރިން ސަލާމަތްވީމާ އެންމެ އުފާވަނީ، އެ ކުދިން ބޮޑެތިވިއިރު ދައްތަގެ އަމުރު ނެތިއްޔާ ނުދާނެ ކައިރި ގެއަކަށް ވެސް، ދައްްތަ ނިކުތީމަ ފަހަތުން އެކީގައި ދާނީ، މޫދަކަށް ނުދާނެ،" ދަރިންނާ މެދު ފަހުރުވެރި ވަމުން ޝަހީދާއްތަ ކިޔައިދިނެވެ.

ފިހާރައިން ލިބުނު އާމްދަނީން ކޮންމެ ދަރިއަކު ވެސް ވަނީ މަތީ ފެންވަރަށް ކިޔަވައިފަ އެވެ. ހާސިލްކުރެވުނު މަތީ ތައުލީމުގެ ފައިދާ ދިރިއުޅުމުގައި ވެސް ދަނީ ބޭނުން ކުރަމުންނެވެ. ކޮންމެ ދަރިއަކު ވެސް ތިބީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއްގަ އެވެ. ކާމިޔާބު ދިރިއުޅުމެއްގަ އެވެ.

ޝަހީދާއްތަ މިކަން ސިފަކުރީ ބުރަ މަސައްކަތެއްގެ ފޮނި ނަތީޖާއެއްގެ ގޮތުގަ އެވެ. އެ ކުދިންނަށް ދެމަފިރިން ހޯދައި ދިނީ އެ ދެ މީހުން ޅަ އުމުރުގައި ނުލިބުނު އުފާތަކެވެ.

"ވަރަށް އިއްޒަތުގައި އެ ކުދިން ގެންގުޅުނީ، އިރާދަކުރެއްވިއްޔާ އޭގެ ބަދަލުގައި ދައްތަ މި ނިކަމެތި މީހާގެ ދަރިންނަށް އެ އިއްޒަތް މިއަދު ލިބި ކާމިޔާބުވީމާ ވަރަށް ފަހުރުވެރިވަން،" ޝަހީދާއްތަ ބުންޏެވެ.

ވަޒީފާގެ ސަބަބުން ރަށުގައި ކުދިން ދިރިނޫޅުނަސް، ސަލީމްގެ ދެމަފިރިން ވިޔަފާރި އާއި އުފަން ރަށް ދޫކޮށްލާ މާލެ ބަދަލުވާން ބޭނުން ނުވެ އެވެ.

"ވަރަށް ހަނދާންވޭ، ހުރިހާ ކުދިން ވެސް ވަރަށް ގުޅާނެ، އެ ކުދިން ވެސް ގުޅާނެ، ދަރިން ކިތަންމެހާ ވެސް ރަނގަޅު، އެ ކުދިން ބޭނުންވަނީ ބޭބެމެން މާލެ ބަދަލުވާން، އެކަމަކު އަޅުގަނޑުމެން ދެ މީހުން އަދިވެސް ހިތްހަމަ ނުޖެހެނީ މާލެ ބަދަލުވާން،" ސަލީމްގެ ކިޔައިދިނެވެ.


"މީގެ ހުރިހާ ކްރެޑިޓެއް ހައްގީ ޝަހީދާއްތައަށް"

ވިޔަފާރި ކުރިއަށް ދިޔަ އެވެ. އާއިލާ ބަލަހައްޓާނެ ރަނގަޅު އާމްދަނީއެއް އެއިން ލިބުނެވެ. އަދި ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ވެސް ދެވުނެވެ. އެ ތަރުބިއްޔަތުގެ މަތީގައި ބޭނުންތެރި ޖީލެއް މުޖުތަމައަށް ފޯރުކޮށްދެވުނެވެ.

މިހާ ވެސް ކާމިޔާބު ހަޔާތެއް ލިބުނީ ހެޔޮ އަނތްބެއްގެ ސަބަބުން ކަމަށް ސަލީމްބެ ބުންޏެވެ.

"އެއީ ހަމަ އެންމެ ލާމަސީލު އިނގޭތޯ، އެވަރުގެ އަންހެނަކު ހަމަ ނޫޅޭނެ، ހުރިހާ ކަމެއްް ވެސް ދަންނަ، ރަނގަޅު ގޮތުގައި މަސައްކަތް ކުރުމާ، އެކީގައި އުޅުމާ، ހުރިހާ ގޮތަކަށް ބަލާއިރު ވެސް ވަރަށް ރަނގަޅު، ބައްޔެއް ވެއްޖެއްޔާ އަޅާލުމާ އެ ހުރިހާ ކަމެއް ވެސް،" ސަލީމް އޭނާގެ އަނބިމީހާ ސިފަކުރީ މިހެންނެވެ.

ވިޔަފާރި ހިންގަމުން، ފިހާރައަށް ބޭނުންވާ މަސްމިރުހާއި މަސްފަތާއި ޖަބުލާނީ އާއި ތަފާތު އެކި ވައްތަރުގެ ފޯއް ތައްޔާރުކޮށް ބަންދުކުރަނީ ވެސް ޝަހީދާއްތަ އަމިއްލައަށެވެ.

އަމިއްލަ ދިރިއުޅުމުގެ އިތުރުން ޝަހީދާ ވަނީ އިހުގެ ރަށް ކުރިއަރުވާ ކޮމިޓީގައި ވެސް 22 އަހަރު ދުވަހު މަސައްކަތް ކޮށްފަ އެވެ. އަންހެނުން ބާރުވެރިކުރުމަށް އެ ދުވަސްވަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވެ އެވެ. ވަރަށް ފަހުރުވެރިކަމާއެކު ސަލީމްބެ މި ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

"މާލެއިން އަންނަ ޕާޓީ މަސައްކަތްތަކަށް އަންނަ މީހުންނަށް ދައްތަ ކައްކާފަ ކާން ވެސް ދޭނެ، މިގޭ ކޮޓަރީގައި ހުންނާނީ، މިހާރު ވެސް، ކުރީގައި ވެސް ،ޑީއާރުޕީއެއް ކަމަކު އެމްޑީޕީއެއް ކަމަކު، ހުރިހާ ޕާޓީއެއްގައި އިސްކޮށް ތިބި އެންމެންނަކީ އެގޮތަށް ދައްތަ ދަންނަ މީހުން،" ސަލީމްބެ ބުންޏެވެ.

ދަރިންގެ ފަރާތުން ވެސް ދެމަފިރިންނަށް އެހީތެރިކަން ލިބޭއިރު، މިހާރު ވިސްނަނީ މަޑުމަޑުން ފިހާރަ ހިންގުމުގައި ދެމަފިރިން ތިބުމަށެވެ.

"ބޭބެމެން ދެ މިކަން މާ ބުރަކޮށް ކުރާކަށް ނޫން، ހަމަ ފޫހި ފިލުވާލަން، ދައްތައާއި ބޭބެ އުމުރު ދުވަހު ކުރިން މަސައްކަތް ވީމާ، ބޭރު މީހަކު ލާފައި ވިޔަސް އެގޮތަށް ބަދަލު ނުވާން މި ތިބީ، އިރާދަކުރެއްވިއްޔާ އުންމީދަކީ މަޑުމަޑުން މި ގޮތަށް މަސައްކަތްކޮށްލަ ކޮށްލާ ތިބުން،" ސަލީމްބެ ބުންޏެވެ.