Advertisement

މަސްދަރު ހާމަކުރާ މާއްދާއަށް ނޫސްވެރިން އެދުނު ބައެއް ބަދަލުތަކާއެކު، ބިލު ފޮނުވައިފި

2 އޮކްޓޯބަރު 2022 - 10:21 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަސްދަރު ހާމަކުރާ މާއްދާއާ ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރާއެއް؛ ނޫސްވެރިން އެދޭ ބައެއް ބަދަލުތަކާއެކު ބިލު ފޮނުވައިފި - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު


މަސްދަރު ހާމަކުރާ މާއްދާއަށް ނޫސްވެރިން އެދުނު ބައެއް ބަދަލުތަކާއެކު، ބިލު ފޮނުވައިފި

2 އޮކްޓޯބަރު 2022 - 10:21 0

ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތަކެއް ކަނޑައަޅާފައިވާ މާއްދާއަށް ނޫސްވެރިން އެދުނު ބައެއް ބަދަލުތަކާއެކު ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތައްޔާރުކޮށް ރައީސް އޮފީހަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފޮނުވައިފި އެވެ.

ހެއްކާ ބެހޭ ބިލް ތަސްދީގުކުރިއިރު، ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިވާ ގޮތަށް މާއްދާއެއް އޮތެވެ. ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ދީފައި އޮތް އެ މާއްދާއަށް ބަދަލުތަކެއް ގެންނަން ނޫސްވެރިން ހުށަހެޅި އެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޫސްވެރިން އެދިފައިވާ ބައެއް ބަދަލުތައް ހިމަނައިގެން އެ މާއްދާ އިސްލާހު ކުރާ ބިލު ރައީސް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ރައީސް އޮފީހަށް ފޮނުވާފައިވާ ބިލުގައި ހިމެނޭ އެއް ބަދަލަކީ، މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ގާނޫނުގައި މާނަކޮށްދިނުމެވެ.

ކުރިން ގާނޫނުގައި އޮތީ މަސްދަރު ހާމަކޮށްދިނުމަށް އެދި ދައުލަތުގެ އިތުރަށް ދައުވާ ކުރާ މީހުންނަށް ވެސް ހުށަހެޅޭ ގޮތަށެވެ. ފަހުން ފޮނުވި ބިލުގައި ހިމެނި ބަދަލަކީ، ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅައިގެން، ހައި ކޯޓުން ކުރާ އަމުރެއްގެ ގޮތުގައި އެ ކަން ކަނޑައެޅުމަށެވެ.

އެފަދަ އަމުރެއް ހައި ކޯޓުން ނެރުމުގައި ކޯޓުން ރިއާޔަތް ކުރަން ޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތައް ވެސް ހިމަނާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެފައިވެ އެވެ.

ނޫސްވެރިން އެދިފައިވާ ބައެއް ބަދަލުތައް ގާނޫނަށް ގެންނަން ބިލު ތައްޔާރު ކުރި ނަމަވެސް، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ގައުމީ ސަލާމަތާ ބެހޭ މައްސަލަތައް އަދިވެސް ބިލުގައި އޮތުމުން ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އެ ބައި ބިލުން އުނިކޮށްދޭން އެދިފަ އެވެ.

ގައުމީ ސަލާމަތުގެ ކުށް މާނަކުރާ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތަތީ ގައުމީ ސަލާމަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތުމުން އެ ނުކުތާ ހިމަނައިގެން ގާނޫނު އިސްލާހު ކުރަން ދެކޮޅު ކަމަށް އެމްޖޭއޭއިން ބުނެފައިވެ އެވެ.

އޭގެ އިތުރުން، މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ވެސް ނޫސްވެރިޔާއަށް މަސްދަރު ހާމަކުރަން އިދާރާތަކަށް މަޖުބޫރު ކުރުވޭ ފަދަ މާއްދާއެއް ހިމަނާފައި ވާތީ އެ މާއްދާ އިސްލާހުކޮށްދިނުމަށް ވެސް އެމްޖޭއޭއިން އެދުނެވެ.