Advertisement

ލެވަންޑޯސްކީގެ ގޯލުން މަޔޯކާ ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

2 އޮކްޓޯބަރު 2022 - 09:15 0


ލެވަންޑޯސްކީގެ ގޯލުން މަޔޯކާ ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

2 އޮކްޓޯބަރު 2022 - 09:15 0

ބާސެލޯނާ (އޮކްޓޫބަރު 2) - ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ލަނޑާ އެކު، ސްޕެނިޝް ލީގުގައި ރޭ މަޔޯކާ އަތުން 1-0 އިން މޮޅުވެ، ބާސެލޯނާ ތާވަލްގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

މަޔޯކާގެ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ލެވަންޑޮވްސްކީ ކާމިޔާބުކުރީ 20 ވަނަ މިނިޓުގަ އެވެ. މިއީ ލަލީގާގައި މި ސީޒަންގެ ކުޅުނު ހަތް މެޗުން ލެވަންޑޮވްސްކީ ޖެހި ނުވަ ވަނަ ލަނޑެވެ.

ލެވަންޑޯސްކީ މި ގޯލު ޖެހީ މެޗުގެ 19 ވަނަ މިނިޓްގައި އަންސޫ ފަޓީ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މި މެޗުން މޮޅުވެ، ބާސެލޯނާ ވަނީ ރެއާލް މެޑްރިޑްގެ މައްޗަށް އެއް ޕޮއިންޓް ލީޑެއް ހޯދައި، ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ލީގުގައި މިރޭ އޮސަސޫނާއާ ދެކޮޅަށް ރެއާލް މެޑްރިޑް ނުުކުންނާނެ އެވެ. ހަތް މެޗުން 19 ޕޮއިންޓާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ރެއާލަށް ވަނީ ހަ މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗާ އެކު، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ސްޕެއިން ލީގުގައި ބަލިނުވެ ޖެހިޖެހިގެން 18 މެޗު ހަަމަކޮށްފަ އެވެ.

"މިއީ ޓީމެއްގެ ގޮތުގައި ހޯދި މޮޅެއް. ވަރަށް ރަނގަޅަށް ޑިފެންސްގައި މަސައްކަތް ކުރެވުނު،" ޒަވީ ބުންޏެވެ. "ޖުމްލަކޮށް ބަލާއިރު ޓީމުގެ ކުޅުން ވަރަށް ރަނގަޅު. މުޅި މެޗުގައި ވެސް މަޔާކޯ އަށް ލިބުނީ އެންމެ ދެ ފުރުސަތު."

ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އަތުން އެތުލެޓިކޯ މެޑްރިޑް މޮޅުވީ 2-0 އިންނެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެތުލެޓިކޯ އަށް ލަނޑު ޖަހައިދިނީ މާކަސް ލޮރެންޓޭ އާއި އަލްވާރޯ މޮރާޓާ އެވެ. -- އޭއެފްޕީ