Advertisement

ނަޕޯލީ އެއް ވަނަ ދިފާއުުކުރިއިރު، ރޯމާ އާއި މިލާނަށް މޮޅެއް

2 އޮކްޓޯބަރު 2022 - 08:46 0

އިންޓަ ކޮޅަށް ގޯލު ޖެހުމަށް ފަހު ޑިބާލާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ނަޕޯލީ އެއް ވަނަ ދިފާއުުކުރިއިރު، ރޯމާ އާއި މިލާނަށް މޮޅެއް

2 އޮކްޓޯބަރު 2022 - 08:46 0

މިލާން (އޮކްޓޫބަރު 2) - އިޓާލިއަން ލީގުގައި ރޭ ޓޮރިނޯ 3-1 އިން ބަލިކޮށް ނަޕޯލީން ލީގުގެ އެއް ވަނަ މަގާމު ދިފާއުކުރިއިރު، އިންޓަ މިލާން އަތުން 2-1 އިން ރޯމާ މޮޅުވެއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން ވަނީ ރޭ އެމްޕޮލީ ދަނޑުގައި 3-1 އިން މޮޅުވެފަ އެވެ.

ރޭގެ ނަތީޖާތަކަށް ފަހު އިޓާލިއަން ލީގުގެ އެއް ވަނައިގައި ނަޕޯލީ އޮތީ އަށް މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެޓަލަންޓާ އާއި ތިން ވަނައިގައި އޮތް މިލާނަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. އެޓަލަންޓާ އިން ހަތް މެޗު ކުޅުނުއިރު، މިލާން ވަނީ އަށް މެޗު ކުޅެފަ އެވެ.

ހަތަރު ވަނައިގައި ހަތް މެޗުން 16 ޕޮއިންޓާ އެކު އުދިނޭޒީ އޮތްއިރު، ފަސް ވަނަ އަށް ޖެހިލި ރޯމާ އިން 16 ޕޮއިންޓް ހަމަކޮށްފައިވަނީ އަށް މެޗު ކުޅެގެންނެވެ. ހަ ވަނައިގައި އޮތް ލާޒިއޯ ހަތް މެޗުން 14 ޕޮއިންޓް ހޯދާފައިވާއިރު، އިންޓަ ހަތް ވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓާ އެކު އެވެ. އަށް ވަނައިގައި އޮތް ޔުވެންޓަސް އަށް ހަތް މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.

ނަޕޯލީން ވަނީ ރޭ ޓޮރިނޯ ކޮޅަށް މެޗުގެ ފުރަތަމަ 37 މިނިޓް ތެރޭ ތިން ގޯލު ޖަހައިފަ އެވެ. އެ ޓީމުން ލީޑުނެގީ ހަ ވަނަ މިނިޓްގައި ޒަމްބޯ އަންގީސާ ޖެހި ގޯލުންނެވެ. އޭގެ ހަ މިނިޓް ފަހުން އަންގީސާ ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ.

މެޗުގެ 37 ވަނަ މިނިޓްގައި ނަޕޯލީގެ ތިން ވަނަ ގޯލު ޖެހީ މި ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ޖޯޖިއާގެ ވިންގް، ކްވިޗާ ކްރަވަޝްކޭލިއާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮރީނޯގެ ހަމައެކަނި ގޯލު ޖެހީ އެންޓޯނިއޯ ސަނާބްރިއާ އެވެ.

ނަޕޯލީގެ ކްރަވަޝްކޭލިއާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: އޭނާ ވަނީ މި ފަހަރު ލީގުގައި ފަސް ގޯލު ޖަހާފައި.


އިންޓަ ދަނޑުގައި ރޭ އެ ޓީމުން ވަނީ 11 ވަނަ މިނިޓްގައި އެޑިން ޒެކޯގެ ގޯލަކުން ލީޑުނަގައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އެ ގޯލު ބަލައިނުގަތެވެ. މެޗުގެ 30 ވަނަ މިނިޓްގައި އިންޓަ އިން ވަނީ ލީޑުނަގައިފަ އެވެ. މި ގޯލު ޖެހީ ނިކޯލޯ ބަރޭލާ ދިން ބޯޅައަކުން ފެޑެރީކޯ ޑިމާކޯ އެވެ.

އިންޓަ އަށް ލީޑުހިފަހައްޓައިލެވުނީ ނުވަ މިނިޓް އެވެ. ފުރަތަަމަ ހާފު ނިމުމުގެ ކުރިން ޕައޮލޯ ޑިބާލާ ވަނީ ވޮލީ އަކުން ޖެހި ގޯލުން ރޯމާ އަށް އެއްވަރުކޮށްދީފަ އެވެ. ޔުވެންޓަސް ދޫކޮށް ރޯމާއާ ގުޅުނު ފަހުން ޑިބާލާ އަންނަނީ ކުރީގެ ފޯމުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ހޯސޭ މޮރީނިއޯގެ ރޯމާ މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 75 ވަނަ މިނިޓްގައި ކްރިސް ސްމޯލިން އެވެ. ލޮރެންޒޯ ޕެލެގްރީނީގެ ހިލޭ ޖެހުމަކުން ހުރަސްވި ބޯޅަ ސްމޯލިން ވަނީ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިފަ އެވެ.

އެމްޕޮލީ ދަނޑުގައި ރޭ 75 ވަނަ މިނިޓްގައި މިލާނުން ލީޑުނެގީ އަންޓޭ ރެބިޗް ޖެހި ގޯލުންނެވެ. އެކަމަކު، އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ނަދިމް ބެޔްރާމީ ވަނީ އެމްޕޮލީ އަށް އެއްވަރުކޮށްދީފަ އެވެ. މިލާން މޮޅުވާން ކުރި މަސައްކަތް ކާމިޔާބުކުރީ އިތުރު ވަގުތުގެ ބާކީ ފަސް މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. މި ގޯލުތައް ޖެހީ ފޯޑް ބަލޯ ޓޯރޭ އާއި ރަަފައެލް ލެއާއޯ އެެވެ.