ޕެރިސް (އޮކްޓޫބަރު 2) - ފްރެންޗް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ފަހު ވަގުތު ޖެހި ގޯލުން 2-1 އިން ނީސް ބަލިކޮށް ޕީއެސްޖީ އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެެވެ.
ޕީއެސްޖީ އެއް ވަނަ އަށް އެރީ ނުވަ މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާސޭ އަށް ވަނީ ނުވަ މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. މި ދެ ޓީމު ވެސް މި ފަހަރު ލީގުގައި ބަލިވެފައިނުވެ އެވެ.
ރޭގެ މެޗުގެ 29 ވަނަ މިނިޓްގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ ހިލޭ ޖެހުމަކުން ލިއޮނަލް މެސީ ޖެހި ގޯލުންނެވެ. މިއީ ކެރިއަރުގައި މެސީ ޖެހި 60 ވަަނަ ހިލޭ ޖެހުމެވެ. މެސީ ޖެހި ބޯޅަ ގޯލަށް ވަންއިރު، އެ ބޯޅަ ހުއްޓުވަން ނީސްގެ ކީޕަރު ކެސްޕާ ޝްމައިކަލް އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓްގައި ނީސް އިން ވަނީ ނަތީޖާ ހަމަހަަމަކޮށްފަ އެވެ. މި ގޯލު ޖެހީ ގައެޓަން ލަބޯޑް އެވެ. މެޗުން ޕީއެސްޖީ މޮޅުކޮށްދިން ގޯލު ޖެހީ އެމްބާޕޭ އެވެ. މެޗުގެ 83 ވަނަ މިނިޓްގައި ނޯޑީ މުކިއޭލޭ ދިން ބޯޅަ އެމްބާޕޭ ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލައިފަ އެވެ. އެމްބާޕޭ މި މެޗުގައި ކުޅެން ނުކުތީ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގަ އެވެ.
ލީގުގައި އެންމެ ފަހުން ޕީއެސްޖީ ކުޅުނު 18 މެޗުގައި ވެސް ޕީއެސްޖީ ބަލިވެފައިނުވާއިރު، މީގެ ތެރެއިން ނުވަ މެޗު ކުޅުނީ އާ ކޯޗު ކްރިސްޓޮފް ގަލްޓިއޭގެ އިރުޝާދުގެ ދަށުންނެވެ.
ރޭގެ މެޗަށް ފަހު ގަލްޓިއޭ ބުނީ އޭނާ ބޭނުންވާ ގޮތަށް ޓީމު ބައްޓަން ކުރުމުގެ ކަންކަން މެޗަކަށް ފަހު މެޗެއް ދަނީ ރަނގަޅަށް ކަމަށާއި އުންމީދަކީ ކުރިއަށް ހުރި މެޗުތަކުގައި އިތުރަށް ރަނގަޅުކުރަން ހުރި ކަންތައްތަކަށް ފޯކަސް ކޮށްގެން ބޭނުންވާ މިސްރާބަށް ދިއުން ކަމަށެވެ.
Comment