Advertisement

އިންޑޮނީޝިއާގައި ކުޅުނު ފުޓްބޯޅަ މެޗެއްގައި ހިންގި ހަމަނުޖެހުމުގައި 127 މަރު

2 އޮކްޓޯބަރު 2022 - 06:44 0

އިންޑޮނީޝިއާގެ އީސްޓް ޖާވާ ޕްރޮވިންސްގައި އާދީއްތަ ދުވަހު ކުޅުނު މެޗްގައި ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުން އުފައްދަނީ. -- ފޮޓޯ: އިންޑޮނީޝިއާ ޕޯސްޓް


އިންޑޮނީޝިއާގައި ކުޅުނު ފުޓްބޯޅަ މެޗެއްގައި ހިންގި ހަމަނުޖެހުމުގައި 127 މަރު

2 އޮކްޓޯބަރު 2022 - 06:44 0

ޖަކާޓާ (އޮކްޓޫބަރު 2) - އިންޑޮނީޝިއާގައި ރޭ ކުޅުނު ފުޓްބޯޅަ މެޗެއްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 127 މީހުން މަރުވެ، 180 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

ހަމަނުޖެހުން ހިންގީ އިންޑޮނީޝިއާގެ އެންމެ ވަރުގަދަ ފުޓްބޯޅަ ލީގް، ބީއާރުއައި ލީގާ1ގައި އީސްޓް ޖާވާގެ ދެ ޓީމު ކަމުގައިވާ އަރެމާ އެފްސީ އާއި ޕަސެބަޔާ ސުރަބަޔާގެ މެޗަކަށް ފަހު އެވެ. އެ މެޗްގައި 3-2 އިން މޮޅުވީ ޕަސެބަޔާ އެވެ.

އަރެމާ އަކީ މީގެ ކުރިން އޭއެފްސީގެ މުބާރާތްތަކުގައި ވެސް ކުޅެފައިވާ އިންޑޮނީޝިއާގެ ގިނަ ބަޔަކު ސަޕޯޓްކުރާ ބަޔެކެވެ. މީގެ ކުރިން ވެސް އަރެމާގެ ބައެއް މެޗުތަކުގައި ސަޕޯޓަރުންގެ މެދުގައި އެކިވަރުގެ ހަމަނުޖެހުންތައް ހިނގާފައިވެ އެވެ.

މެޗުގެ ފަހު ކަށިގަނޑު ފުމެލުމާއެކު ބަލިވި ޓީމުގެ ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުން އުފައްދައި ތަކެއްޗަށް ގެއްލުން ދިނެވެ.

ވާދަވެރި މެޗު ބަލަން ދަނޑު ފުރެންދެން މީހުން ވަދެ ތިއްބައި ހިންގި ހަމަނުޖެހުން ކޮންޓްރޯލުކުރަން ރަޔަޓް ގިޔަރުގައި ފުލުހުން ނުކުމެ، ކަރުނަ ގޭސް ބޭނުން ކުރި އެވެ.

މީހުން މަރުވީ ފިތިގެންނާއި ނޭވާ ހާސްވެގެންނެވެ.

ހަމަނުޖެހުމާ ގުޅިގެން ބީއާރުއައި ލީގާ1ގެ މެޗުތައް ހަފުތާއަކަށް މެދުކަނޑާލައި އިންޑޮނީޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ތަހުގީގެއް ފަށައިފަ އެވެ.

އިންޑޮނޭޝިއާގައި ކްލަބު ފުޓްބޯޅައިގެ ފޯރި ވަރަށް ގަދަ އެވެ. މީގެ ކުރިން ވެސް މެޗްތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގާފައިވެ އެވެ. އޭޝިއާގައި އެންމެ ގިނަ އަދަދަކަށް މެޗު ބަލަން ސަޕޯޓަރުން ދަނޑަށް ވަންނަ އެއް ގައުމަކީ އިންޑޮނީޝިއާ އެވެ.

އެކަަމަކު، މިހާތަނަށް ވެސް އޭއެފްސީގެ ބޮޑެތި މުބާރާތްތައް އިންޑޮނީޝިއާގައި ހޯސްޓް ކުރަން ކުރިމަތިވެފައި އޮތް އެންމެ ބޮޑު ހުރަހަކީ އެ ގައުމުގެ ފުޓްބޯޅަ މެޗުތަކުގެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކެވެ.