Advertisement

ބައި-އިލެކްޝަންތަކުގައި އެމްޑީޕީއަށް ދެ ގޮނޑި، ޕީޕީއެމަށް ދެ ގޮނޑި

2 އޮކްޓޯބަރު 2022 - 08:27 0

ނިމާ ހަސަން

ނިމާ ހަސަން

އިންތިހާބެއްގެ އޮފިޝަލުން: މިއަދު ބޭއްވި އިންތިހާބުތަކުގައި އެހެން ޕާޓީގެ މެމްބަރުން ވެސް ވާދަ ކުރި -- ފޮޓޯ: ފައިލް


ބައި-އިލެކްޝަންތަކުގައި އެމްޑީޕީއަށް ދެ ގޮނޑި، ޕީޕީއެމަށް ދެ ގޮނޑި

2 އޮކްޓޯބަރު 2022 - 08:27 0

މިއަދު ކުރިއަށް ގެންދިޔަ ހަތަރު ބައި-އިލެކްޝަނުގައި، ވެރިކަން ކުރާ އެމްޑީޕީން ދެ ގޮނޑި ކާމިޔާބު ކުރިއިރު، އިދިކޮޅު ޕީޕީއެމުން ވެސް ދެ ގޮނޑި ކާމިޔާބުކޮށްފި އެވެ.

މިއަދު ކުރިއަށް ގެންދިޔައީ، ށ. މާއުނގޫދޫ ކައުންސިލަށް މެންބަރަކު އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބާއި ރ. ރަސްމާދޫ، ތ. ގުރައިދޫ، އަދި ލ. ދަނބިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު އިންތިހާބު ކުރުމަށް ބޭއްވި ހަތަރު ބައި-އިލެކްޝަނެވެ.

މާއުނގޫދޫ ކައުންސިލުގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ މެންބަރު ފާތިމަތު ޝިމާނާ އެވެ. އޭނާ އެ ގޮނޑި ކާމިޔާބު ކުރީ، ޕީޕީއެމްގެ ކެންޑިޑޭޓާ ވާދަކޮށް 346 ވޯޓު ހޯދައިގެނެވެ.

ދެން އެމްޑީޕީން ކާމިޔާބު ކުރީ ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި އެވެ. އެ މަގާމަށް ހޮވުނު އައިޝަތު ޒިޔާދާ އެ މަގާމު ކާމިޔާބު ކުރީ 131 ވޯޓާއެކު އެވެ. އެ މަގާމަށް އެމްޑީޕީގެ އިތުރުން ޕީޕީއެމް، އެމްއެންޕީން ވާދަކުރި އިރު، އަމިއްލަ ކެންޑިޑޭޓެއް ވެސް ކުރިމަތިލި އެވެ.

ޕީޕީއެމުން ކާމިޔާބު ކުރި ދެ ގޮނޑިއަކީ ރަސްމާދޫ އަދި ގުރައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި އެވެ. އެގޮތުން، އެމްޑީޕީ ކެންޑިޑޭޓާ ވާދަކޮށް ޕީޕީއެމްގެ ސާބިރާ މުހައްމަދު ރަސްމާދޫ ގޮނޑި ކާމިޔާބު ކުރީ 234 ވޯޓާއެކު އެވެ.

އެމްއެންޕީ ކެންޑިޑޭޓާ ވާދަކޮށް ޕީޕީއެމްގެ ޝަރުމާ އަލި މަނިކު ގުރައިދޫ ގޮނޑި ކާމިޔާބު ކުރީ 429 ވޯޓާއެކު އެވެ.

މިއަދު ހަތަރު ބައި-އިލެކްޝަނެއް ބޭއްވީ، ރަށްރަށުގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ގިނަވެ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބަޖެޓަށް ބުރަވާތީ، އެކަން ހައްލުކުރުމަށް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ދެ ބިލެއް ހުށަހަޅާފައި އޮައްވަ އެވެ.

ގާނޫނުތައް އެ ގޮތަށް އިސްލާހުކުރަން ހުށަހެޅީ، ހާއްސަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުން އާންމުވެ، ބައި-އިލެކްޝަންތައް ބޭއްވުން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން، މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި-އިލެކްޝަން އަދި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް އިތުރު 24 ބައި އިލެކްޝަން ބާއްވަން ޖެހުނެވެ. އިންތިހާބުތަކަށް އީސީއަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓަށް ކަނޑައެޅިފައިވާއިރު، އަންހެނުންގެ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ބާއްވައިގެން މި އަހަރު މިހާތަނަށް 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.