Advertisement

ހުލާސާކޮށް އިއްޔެ: ސޯޝަލް ހައުސިން މަޝްރޫއުތައް ދެކޮޅުނުޖެހޭކަމުގެ ޝަކުވާ

2 އޮކްޓޯބަރު 2022 - 07:05 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުލާސާކޮށް އިއްޔެ: ސޯޝަލް ހައުސިން މަޝްރޫއުތައް ދެކޮޅުނުޖެހޭކަމުގެ ޝަކުވާ

2 އޮކްޓޯބަރު 2022 - 07:05 0

ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓު ލިބުނު މީހުންގެ 31 ޕަސެންޓާއި 41 ޕަސެންޓާ ދެމެދުގެ މީހުން ކުލި ނުދައްކާ ކަމަށާއި ދެކޮޅު ޖެހޭ ގޮތަކަށް އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ގަވާއިދުން ކުލި ދައްކައިގެން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އިއްޔެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) ގެ ފްލެޓުތައް ހަވާލުކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވަނީ ސޯޝަލް ހައުސިންއަށް ގިނަ އަދަދެއްގެ ބަޔަކު ކުލި ނުދައްކާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

"މަހުން މަހަށް ދައްކަން ޖެހޭ ލާރި ގަވާއިދުން ދައްކަން ޖެހޭ ދައްކަން. މީގެކުރިން ސަރުކާރުން އަހަރަކު 200 އެއްހާ ފްލެޓު، މަދު ފްލެޓުތަކެއް ހުންނަނީ ނެރެފަ. އޭރު ގަވާއިދުން ފައިސާ ދައްކަމުން ނުދާ މީހުންގެ އަދަދު 40 ޕަސެންޓަށް އެރި ނަމަވެސް ސަރުކާރަށް އެކަން ކެތްކުރެވިދާނެ،" އަސްލަމް ވިދާޅުވި އެވެ.

މީގެކުރިން ރައްޔިތުންގެ މަޖިލީހުގައި ވެސް އޭނާ ވަނީ އެ ވާހަކަ ހާމަކުރައްވާފަ އެވެ. މިހާރު ސަރުކާރުތަކުން މާކެޓަށް ކޮންމެ އަަހަރަކު ހާހުން ހާހުން ފްލެޓު ނެރެމުންދާއިރު ކުލި ނުދައްކާ 40 ޕަސެންޓު އުޅޭ ނަމަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އަސްލަމް އިއްޔެ ވިދާޅުވި އެވެ.

"ސާޅީހަކަށް ޕަސެންޓު މީހުން ގަވާއިދުން ފައިސާ ނުދެއްކީމާ މިކަން ދެކޮޅު ޖެއްސޭނެ ގޮތެއް އަޅުގަނޑަކަށް ނޭނގެ،" ގަވާއިދުން ކުލި ދެއްކުމަށް އެމްއޭސީއެލްގެ މުވައްޒަފުންނަށް އިލްތިމާސް ކުރައްވަމުން ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދިޔަ ނަމަވެސް އުންމީދުކުރި ވަރުގެ ބަދަލެއް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ނާންނަ ކަމަށް ވެސް މިއަދުގެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.

"މި ސަރުކާރުން މިހާރު ވެސް ކުރިއަށް ގެންދޭ ސީދާ ސަރުކާރުގެ 7،000 އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނާދޭ. ކޮބައިތޯ މައްސަލައަކީ އެނގެން ޖެހޭ. ބަލާލަން ވެސް ޖެހޭ. މައިގަނޑު ސަބަބަކީ އަޅުގަނޑުމެން އެންމެން މާލެއަށް ޖަމާވާން ޖެހިފައި އޮތުން،" އެކަމާ ގުޅިގެން އަސްލަމް ވިދާޅުވި އެވެ.

އެގޮތުން، އަތޮޅު ތެރެ ތަރައްގީވާން ޖެހޭ މިންވަރަށް ތަރައްގީވެފައި ނުވުމާއި ތަރައްގީވަމުން ނުދިޔުމަކީ ޒަމާންތަކެއް ވަންދެން ހައްލު ނުކުރެވިފަ އޮތް މައްސަލައެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމަކު، އެކަން ހައްލު ހޯދަން ކެނޑިނޭޅި މަސައްކަތްކުރަން ޖެހޭ ކަމަށާއި އަތޮޅު ތެރެ ތަރައްގީވާއިރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ލުއި ފަސޭހަ ގޮތްތަކެއް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށް އަދި އާންމުންނަށް ވެސް ބައެއް އެޕާޓްމަންޓުތައް ވިއްކާ ގޮތަށް ތައްޔާރު ކުރި "އެއިރޯ ރެޒިޑެންސީ" ގައި ހުންނަނީ 1+2 ކޮޓަރި ހުންނަ 240 އެޕާޓުމަންޓާއި އެއް ކޮޓަރީގެ 144 އެޕާޓުމަންޓު ހިމެނޭހެން ޖުމްލަ 384 ހައުސިން ޔުނިޓެވެ.

އޭގެ ތެރެއިން 312 ޔުނިޓު ލިބެނީ އެމްއޭސީއެލް މުވައްޒަފުންނަށެވެ. ބާކީ 72 ޔުނިޓަކީ އާންމުންނަށް ވިއްކާލާ އެއް ކޮޓަރީގެ ފްލެޓުތަކެވެ.

އެ މަޝްރޫއަށް އެމްއޭސީއެލް އިން މުވައްޒަފުންގެ އަތުން އެއްވެސް ފައިސާއެއް ނުނަގަ އެވެ. އެގޮތުން، މުޅި މަޝްރޫއަށް ފައިނޭންސްކުރީ އެމްއޭސީއެލްގެ ކޭޝްފްލޯ އިންނެވެ. އެގޮތުން އެ މަޝްރޫއުގެ ޖުމުލަ އަންދާޒާ ކުރާ އަގަކީ 408،280،814.10ރ. / 251،291،698.16ރ. އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރި ފްލެޓުތަކުގެ ތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިމާރާތްކުރި "އެއިރޯ ރެޒިޑެންސީ" ގެ ފްލެޓުތައް ލިބުނު މުވައްޒަފުންނާ އެތަންތަން ހަވާލުކުރީ އިއްޔެ އެވެ.
  • އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުން ގެއްލުނު ފަޅުވެރިޔާ ފެނުނީ އިއްޔެ އެވެ.
  • ސްކޫލްތަކުގައި ފާހަގަ ކުރާ ހާއްސަ މުނާސަބަތުތަކާއި އެކި ހަރަކާތްތަކަށް ބެލެނިވެރިންގެ އަތުން ބޮޑެތި ހޭދަތައް ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލްތަކަށް އަންގާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމާ ގުޅޭގޮތުން އިއްޔެ ވާހަކަ ދައްކަވަމުން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ:

މި ސަރުކާރުން މިހާރު ވެސް ކުރިއަށް ގެންދޭ ސީދާ ސަރުކާރުގެ 7،000 އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނާދޭ. ކޮބައިތޯ މައްސަލައަކީ އެނގެން ޖެހޭ. ބަލާލަން ވެސް ޖެހޭ. މައިގަނޑު ސަބަބަކީ އަޅުގަނޑުމެން އެންމެން މާލެއަށް ޖަމާވާން ޖެހިފައި އޮތުން،

ދުވަހުގެ ފޮޓޯ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަޅަމުން އަންނަ ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ދަނީ. މި ސަރުކާރުން 7،000 ފްލެޓު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިއްޔެ ޕްލޭނިން މިނިސްޓަރު ވިދާޅުވި. --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު