Advertisement

ހިތުގެ ބައްޔާ ދުރުވެ އުމުރު ދިގު ކުރަން ކޮފީ ތަށްޓެއް

2 އޮކްޓޯބަރު 2022 - 05:39 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮފީއިން ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކުރާ ކަމަށް ގިނަ ދިރާސާތަކުން ދައްކާ.


ހިތުގެ ބައްޔާ ދުރުވެ އުމުރު ދިގު ކުރަން ކޮފީ ތަށްޓެއް

2 އޮކްޓޯބަރު 2022 - 05:39 0

ދުވާލަކު ދެ ތިން ތަށި ކޮފީ ބުއިމަކީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭ ކަމެއް ކަމަށް އިތުރު ދިރާސާއަކުން ދައްކައިފި އެވެ.

މީގެ ކުރިން ހެދި ދިރާސާތަކުން ވެސް އެނގިފައި ވަނީ ކަޅު ކޮފީއަކީ މެދުމިންވަރަށް ބުއިމުން ގިނަ ފައިދާތަކެއް ލިބިދޭ އެއްޗެއް ކަމެވެ.

މިދިޔަ ބުދަަ ދުވަހު ޔޫރަޕިން ޖާނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައި ޝާއިއު ކުރި އާ ދިރާސާގައި ބުނީ ތިން ބާވަތެއްގެ ކޮފީއިން ފައިދާ ކުރެ އެވެ. އެއީ ގްރައުންޑް، އިންސްޓަންޓް އަދި ޑީކެފެނޭޓެޑް ކޮފީ އެވެ.

ދިރާސާގައި އިސްކޮށް އުޅުނު ޑރ. ޕީޓާ ކިސްޓްލާ ބުނީ ކޮފީ ބުއިމަކީ "ދުޅަހެޔޮ ދިރިއުޅުމެއްގެ އެއް ބައިގެ ގޮތުގައި ދެކެން ޖެހޭ" ކަމަށެވެ.

ގްރައުންޑް، އިންސްޓަންޓް އަދި ޑީކެފެނޭޓެޑް ކޮފީ ބުއިމުން ހިތުގެ ބައްޔާއި، ހިތް ފެއިލްވުމާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަަވާ ކަމަށް އެ ދިރާސާއިން އެނގުނެވެ.

އެހެން ނަމަަވެސް "އެރިތްމިއާ" ނުވަަތަަ ހިތް ތެޅުން ހުންނަންޖެހޭ ހަމަ އަށް ވުރެ ބަދަލުވުމުން ދިމާވާ މައްސަަލައަށް ޑީކެފެނޭޓެޑް ކޮފީއިން ފައިދާއެއް ނުކުރެ އެވެ. އެއާ ހިލާފަށް ގްރައުންޑް ކޮފީ އަދި ކެފެއިން ހިމެނޭ އިންސްޓަންޓް ކޮފީއިން އެކަމަށް ވެސް ފައިދާ ކުރެ އެވެ.

މީގެ ކުރިން ހެދި މިފަދަ ދިރާސާތަކުން ހޯދާފައިވާ ގޮތުގައި ދުވާލަކު 3-5 ކަޅުކޮފީ ތަށިން ހިތުގެ ބައްޔާއި، އަލްޒެއިމާޒް، ޕާކިންސަންސް، ޓައިޕް ދޭއް ހަކުރު ބަލި، ފުރަމޭގެ ބަލި އަދި ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަަތު ކުޑަކޮށްދެ އެވެ.

ކޮފީގެ ގިނަ ފައިދާތަކެއް ހުރި ކަމަށް ދިރާސާތަކުން ދެއްކި ނަމަވެސް، ބަައެއް މީހުންނަށް ނޭދެވޭ ސައިޑް އިފެކްޓުތައް ކުރުން އެކަަށީގެންވެ އެވެ.

އެގޮތުން ނިދީގެ މައްސަލަ ހުންނަަ މީހުންނާއި ހަކުރު ބަލި ކޮންޓްރޯލް ނުކުރެވޭ މީހުން ކޮފީ ބުއިމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަން ދިރާސާތަކުގައި ވެ އެވެ.

ކޮފީ ބުއިމާ ގުޅޭ ގިނަ ދިރާސާތަކުގައި ބަލަނީ ހަމައެކަނި ކަޅު ކޮފީއިން ކުރާ އަސަރުތަކަށެވެ. އެހެންކަމުން ކޮފީއާ އެކު ބޭނުން ކުރާ ހަކުރު، ކްރީމް، ކިރު އަދި އެހެނިހެން ޕްރޮސެސްޑް ތަކެތިން ސިއްހަތަށް ކުރާ އަަސަރު ތަފާތު ވާނެ އެވެ.

އޭގެ އިތުރުން ކޮފީ ތައްޔާރު ކުރާ ގޮތް ނުވަތަ "ބްރޫ" ކުރާ ގޮތުން ވެސް އަސަރު ތަފާތުވެ އެވެ. އެގޮތުން ކޮފީގައި ކެފެސްޓޯލް ނަމަކަށް ކިޔާ ކޮމްޕައުންޑެއް ހިމެނެ އެވެ.

އެއީ ނުރަނގަޅު ކޮލެސްޓްރޯލް ނުވަތަ އެލްޑީއެލް އިތުރު ވާން މަގުފަހިކޮށްދޭ އެއްޗެކެވެ. ކޮފީ ފިލްޓާ ކުރާ ނަމަ ކެފެސްޓޯލް ކޮމްޕައުންޑް ނުލައި ތައްޔާރު ކުރެވެ އެވެ. ނަމަވެސް ފްރެންޗް ޕްރެސް، ޓާކިޝް ކޮފީ މޭކާ އަދި ކައްކަައިގެން ކޮފީ ބޯ ނަމަ އެ ކޮމްޕައުންޑް ހިމެނޭނެ އެވެ.

އެމެރިކަަން އެކެޑެމީ އޮފް ޕީޑިއެޓްރިކްސް އިން ބުނާ ގޮތުގައި ކޮފީއަކީ ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންނަށް ފައިދާ ހުރި ބުއިމެއް ނޫނެވެ.