Advertisement

ރަޝިއާއިން ނިޔުކްލިއާ ޕްލާންޓުގެ ވެރިޔާ ހައްޔަރުކޮށްފި

1 އޮކްޓޯބަރު 2022 - 19:19 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޒަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓުގެ ވެރިޔާ އައިހޯރް މުރަޝޯވް.


ރަޝިއާއިން ނިޔުކްލިއާ ޕްލާންޓުގެ ވެރިޔާ ހައްޔަރުކޮށްފި

1 އޮކްޓޯބަރު 2022 - 19:19 0

ރަޝިއާގެ ސިފައިން ޔޫކްރެއިންގެ ޒަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓުގެ ޑިރެކްޓަރު ހައްޔަރުކޮށްފައިވާ ކަމަށް ޔޫކްރެއިންގެ ނިޔުކްލިއާ ހަކަތައާ ގުޅޭ ކުންފުނި އެނާހޯއެޓަމުން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އައިހޯރް މުރަޝޯވް ހައްޔަރު ކުރީ ނިޔުކްލިއާ ޕްލާންޓުން އެނާހޮޑާރް އަވަށަށް ކާރުގައި ދަތުރު ކުރަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ހަވީރު ކަމަށެވެ.

ހައްޔަރުކޮށް ކަނު ބަނދެގެން އޭނާ ގެންދިޔަ ތަނެއް ނޭނގޭ ކަމަަށް ކުންފުނިން ބުންޏެވެ. އެކަމާ ގުޅޭ ގޮތުން ރަޝިއާއިން ވަކި އެއްޗެއް ނުބުނެ އެވެ.

ޔޫރަޕްގެ އެންމެ ބޮޑު ނިޔުކްލިއާ ޕްލާންޓް ރަޝިއާއިން ހިފީ މިދިޔަ މާޗު މަހު އެވެ. ނަމަވެސް، އެ ތަނުގެ މުވައްޒަފުންނަކީ އަދިވެސް ޔޫކްރެއިން މީހުންނެވެ.

ޔޫކްރެއިނާއި ރަޝިއާއިން ވެސް އެއް ގައުމު އަނެއް ގައުމަށް ތުހުމަތު ކުރަނީ ޕްލާންޓަށް އަމާޒުކޮށް ހަމަލާދޭ ކަމަށެވެ. އޭގެ ސަބަބުން ނިޔުކްލިއާ ކާރިސާއެއްގެ ބިރު އެބަ އޮތެވެ.

އެނާހޯއެޓަމް ކުންފުނީގެ ރައީސް ޕެޓްރޯ ކޯޓިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޕްލާންޓު ބެލެހެއްޓުމުގެ މައިގަނޑު ޒިންމާ އާއި ރޭޑިއޭޝަން ލީކުނުވާނެކަން ކަށަަވަރު ކުރުން އޮންނަނީ މުރަޝޯވްއަށް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު މުރަޝޯވް ހައްޔަރު ކުރުމުން ނިޔުކްލިއާ ޕްލާންޓުގެ އޮޕަރޭޝަންތައް ރައްކާތެރިކަމާ އެކު ކުރިއަށް ގެންދިޔުމަށް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް އޭނާ ގޮވާލެއްވީ މުރަޝޯވް ވަގުތުން މިނިވަން ކުރުމަށް ރަޝިއާއަށް ޕްރެޝަރު ކުރުމަށެވެ.