Advertisement

ޗައިނާ އާއެކު އޮތް ގުޅުން ހީނަރު ނުވެ ބަދަހިވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

1 އޮކްޓޯބަރު 2022 - 17:00 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޗައިނާ އާއެކު އޮތް ގުޅުން ހީނަރު ނުވެ ބަދަހިވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

1 އޮކްޓޯބަރު 2022 - 17:00 0

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ހީނަރު ނުވެ އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

މިއަދަކީ ޗައިނާގެ 73 ވަނަ ގައުމީ ދުވަހެވެ. އެ މުނާސަބަތުގައި ރައީސް ސޯލިހު ވަނީ އެ ގައުމުގެ ރައީސް ޝީ ޖިންޕިން އާއި. އެގައުމުގެ ބޮޑުވަޒީރު ލީ ކީކުޔާންއަށް މަރުހަބާ ވިދާޅުވެއް ސިޓީއެއް ފޮނުއްވާފަ އެވެ.

މި ދުވަހާ އެކު ޗައިނާގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ، އެގައުމުގެ ކުރިމަގު އިތުރަށް ތަރައްގީ ކުރުމަށް އާ އަޒުމެއްގައި އެންމެން ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޗައިނާގެ ރައީސަށް ފޮނުވި ސިޓީގައި ރައީސް ވިދާޅުވި ކަމަށް އެމަނިކުފާނުގެ އޮފީހުން މައުލޫމާތު ދެ އެވެ.

ހަމައެހެންމެ، ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް، ކުރިއެކޭ އެއްގޮތަށް ހީނަރުކަމެއް ނައިސް އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން ވެސް މި ސިޓީ މެދުވެރިކޮށް ރައީސް ސޯލިހު ވަނީ ޗައިނާގެ އިސްވެރިންނަށް އަރުވާފަ އެވެ.

އޭގެ އިތުރުން، ދެ ގައުމުން ވެސް ޝައުގުވެރިކަން ހުރި ދާއިރާއަކުން ކުރިއަށް ދިއުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށް ވެސް ބޮޑުވަޒީރަށް ވަކިން ފޮނުއްވި ސިޓީއެއްގައި ރައީސް ސޯލިހު ވިދާޅުވި ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެ އެވެ.

ޗައިނާގެ ގައުމީ ދުވަހަކީ 1949 ގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުން ފެށިގެން ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހެކެވެ.

މިއަހަރަކީ ރާއްޖެ ޗައިނާ ގުޅުމަށް ވެސް ހާއްސަ އަހަރެކެވެ. ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގާއިމުކުރިތާ 50 އަހަރު ފުރުނީ މިއަހަރު އެވެ. ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގައި ބިޔަ ޕްރޮޖެކްޓުތައް ހިންގާފައި އެބަހުއްޓެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދިޔަ އެވެ. އެގޮތުން، ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރެއްވި އެވެ. އަދި، ރައީސް ޔާމީން ވެސް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.

ރާއްޖޭގެ ހާރިޖީ ސިޔާތުގައި އެންމެ ނުފޫޒު ގަދަ ގައުމަކަށް ވެފައި އޮތީ ޗައިނާ އެވެ. އަވަށްޓެރި އިންޑިއާ އާ ދެމެދު އޮތް ގުޅުން ހީނަރުވެގެންދިޔަ އެވެ. ނަމަވެސް، މި ސަރުކާރު އައިސް އަލުން އަނބުރާ އިންޑިއާ އާއެކު އޮތް ގުޅުން ވަނީ އިޔާދަކޮށްފަ އެވެ.