Advertisement

އަމީނީ މަގު މަޝްރޫއު މަޑުޖައްސާލަން ވަގުތީ އަމުރެއް ކޯޓުން ދިނުމަށް ނަޝީދު އެދިވަޑައިގެންފި

1 އޮކްޓޯބަރު 2022 - 11:39 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް މުހައްމަދު ނަޝީދު؛ އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވުމުގެ އަމުރަކަށް އެމަނިކުފާނު އެދިވަޑައިގެންފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


އަމީނީ މަގު މަޝްރޫއު މަޑުޖައްސާލަން ވަގުތީ އަމުރެއް ކޯޓުން ދިނުމަށް ނަޝީދު އެދިވަޑައިގެންފި

1 އޮކްޓޯބަރު 2022 - 11:39 1

އަމީނީ މަގު ހެދުމުގެ މަޝްރޫއު ފަށައިގެން ކުރިއަށްދާއިރު، އެ މަގުގައި ހުރި ގަސްތައް ކެނޑުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި، މަޝްރޫއު މަޑުޖައްސައިލުމުގެ ވަގުތީ އަމުރަކަށް އެމަނިކުފާނުގެ ފަރާތުން އެދިވަޑައިގެންފި އެވެ.

އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވަން ޝަރީއަތަށް ވެސް ދާން ޖެހިދާނެ ކަމަށް ނަޝީދު ރައްޔިތުންގެ މަޖިލީހުގައި އިންޒާރު ދެއްވާފައިވަނިކޮށް، ޝުނާނާ އެންޑް ކޯ ލޯ ފާމުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ފާމްގެ ކްލައިންޓެއް ކަމަށްވާ ރައީސް ނަޝީދުގެ ފަރާތުން މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"މައްސަލާގައި އެދިފައިވަނީ އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވުމުގެ އަމުރަކަށް، އަދި އެ މައްސަލާގައި ކޯޓުން ވަކި ގޮތަކަށް ނިންމެދެކަށް މަޝްރޫއު މަޑުޖައްސައިލުމުގެ ވަގުތީ އަމުރަކަށް ވެސް ވާނީ އެދިފައި،" ގާނޫނީ ވަކީލު މަރިޔަމް ޝުނާނާގެ ލޯ ފާމް އިން ކުރި ޓުވީޓްގައިވެ އެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށް ދަނީ ކޮންސަލްޓެންޓުން ދިން ލަފައާ ހިލާފަށް ކަމަށް، އެންވަރަމެންޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ގައި ވެސް ފާހަގަކޮށްފައިވެ އެވެ.

އަމީނީ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދަން ހަވާލުވެފައިވާ ސަރުކާރުގެ ކުންފުނި އާރްޑީސީން މިހާރު އަންނަނީ އެ މަގުގައި ހުރި ގަސްތައް ނަގަމުންނެވެ. އެއާއެކު ސޯޝަލް މީޑިއާގައި، ބައެއް މީހުން ދަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އާރްޑީސީން މީގެ ކުރިން ބުނީ އަމީނީ މަގު ހަދައި ނިމޭ އިރު އެމަގުގައި އަލުން ގަސް އިންދާނެ ކަމަށެެވެ.

"...މިހާރު އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އެގަސްތައް ނެގުމަށް ފަހު މިހާރު ތަރައްގީކުރަމުން އަންނަ ޕިކްނިކް އައިލެންޑް ކުޑަގިރި އަށް އެ ގަސްތައް ބަދަލުކުރެވޭނެ. އަދި އަމީނީ މަގުގެ މަސައްކަތް ނިމޭ އިރު، އެ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދެން ހުރި ތަންތަނުގައި ގަސް އިންދާނެ،" އާރްޑީސީގެ ބަޔާނުގައި ބުންޏެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) މީގެ ކުރިން "އަދަދު"އަށް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށާއި އެހެން ނަމަވެސް މަގުގައި ހުރި ބައެއް ގަސްތައް ނަގަންޖެހޭ ކަމަށެވެ.

"އެކަމަކު މަގުން ނަގާ ގަސްތަކުގެ ބަދަލުގައި މަގު ނިމޭއިރުގައި ކޮންމެ ގަހަކަށް ގަހެއް އިންދިފައި ހުންނާނީ،" މޫކޭ ވިދާޅުވި އެވެ.