Advertisement

ފާޑުކިއުންތަކާ ގުޅިގެން، ރައީސް އަމިއްލަ މީހެއްގެ ފިހާރައެއް ހުޅުވައިދެއްވުން ސަރުކާރުން ދިފާއުކޮށްފި

1 އޮކްޓޯބަރު 2022 - 10:54 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްލެވެންޓީ ހުޅުވުމަށް ބޭއްވި ހަފްލާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ: ސަރުކާރުން ބުނީ ރައީސްއަށް ވަގުތު ވީ މިންވަރަކުން އެންމެނަށް ވެސް ވަގުތު ދެއްވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ފާޑުކިއުންތަކާ ގުޅިގެން، ރައީސް އަމިއްލަ މީހެއްގެ ފިހާރައެއް ހުޅުވައިދެއްވުން ސަރުކާރުން ދިފާއުކޮށްފި

1 އޮކްޓޯބަރު 2022 - 10:54 1

"ކްލެވެންޓީ" ނަމަކަށް ކިޔާ އަމިއްލަ މީހެއްގެ ފިހާރައެއް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވަޑައިގަތުމުން ފާޑުކިޔުންތައް އަމާޒުވެފައި އޮއްވައި، އެފަދަ ހަލްފާތަކަށް އަރުވާ ދައުވަތު ރައީސްއަށް "ވަގުތު އޮތް ވަރަކުން" ގަބޫލު ކުރައްވާ ކަމަށް ބުނެ އެކަން ރައީސް އޮފީހުން ދިފާއުކޮށްފި އެވެ.

އަގުބޮޑެތި މުދާ ވިއްކުމަށް ހާއްސަ ކްލެވެންޓީ ހުޅުވުމަށް ބުރާސްފަތި ދުވަހު ރައީސް ސޯލިހު ވަޑައިގަތުމުން، އަމިއްލަ ފަރާތްތަކުން ބާއްވާ ހަފްލާ އަދި ކުރާ ވިޔަފާރިތައް ރައީސުލްޖުމްހޫރިއްޔާ ޕްރޮމޯޓް ކުރައްވަނީ ހަމަހަމަ އުސޫލަކުންތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ. އޭގެ ޖަވާބުގައި ރައީސް އޮފީހުން ބުނީ، ކުދި ވިޔަފާރިތަކަށް، ރައީސްއަށް ވަގުތު އޮން މިންވަރަކުން ވަގުތު ދެއްވާ ކަމަށެވެ.

"ރައީސަށް ދައުވަތު އައުމުން އެމަނިކުފާނުގެ ވަގުތު އޮންނަ ވަރަކުން ވީހާވެސް ގިނަ ފަރާތްތަކަށް ވަގުތު ދެއްވާ، ޖަމިއްޔާއަކަސް، ވިޔަފާރިއަކަސް، ރައީސް ބައްލަވާ ވީހާ ވެސް ވަގުތު އޮތް ވަރަކުން އަންނަ ދައުވަތު ގަބޫލުކުރައްވާ ވަޑައިގަތުން،" ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "އަދަދު"އަށް ވިދާޅުވި އެވެ.

އެފަދަ ބައެއް ދައުވަތުތައް ގަބޫލުފުޅު ކުރައްވައި، ރައީސް ވަޑައިގަންނަވަނީ ޒުވާން ވިޔަފާރިވެރިންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހިތްވަރު ދެއްވުމުގެ ގޮތުން ކަމަށް މިއުވާން ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އޭގެ ބައެއް ފޮޓޯތައް ވެސް އަޕްލޯޑް ކޮށްފައިވާތީ ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެއީ ރައީސް އޮފީހުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި މިއުވާން ސިފަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ ރައީސް ވަޑައިގަންނަވާ ތަންތަން އަދި ކުރައްވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ވީހާވެސް ހާމަކަން ބޮޑުކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުން،" މިއުވާން ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ސުވާލުކޮށްފައިވާ ކަމަކީ އަމިއްލަ މީހުންގެ ބައެއް ވިޔަފާރިތައް ޕްރޮމޯޓްކުރަން ބޭއްވޭ އެފަދަ ހަފުލާތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމުގައި އެއްވެސް އުސޫލެއް ލިޔެފައި އޮތްތޯ އެވެ. އަދި ބައެއް މީހުން ވަނީ ވަކި ބައެއްގެ ހަފުލާތަކަށް އެކަނި ވަޑައިގަތުމަކީ ބޭއިންސާފެއްގެ ގޮތުގައި ވެސް ސިފަކޮށްފަ އެވެ.

އަމިއްލަ ބައެއް ވިޔަފާރިތަކުގެ ހަފުލާތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް އޮތް އުސޫލު ސާފުކުރަން ވެގެން، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދުމަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ.