Advertisement

ރަބީޢުލްއައްވަލު މަހާ ގުޅިފައިވާ އިހުގެ އާދަކާދަ

1 އޮކްޓޯބަރު 2022 - 08:26 4

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)

ބާރަ މަހަށް ކޭން ހެދުމަކީ އިހުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއް.


ރަބީޢުލްއައްވަލު މަހާ ގުޅިފައިވާ އިހުގެ އާދަކާދަ

1 އޮކްޓޯބަރު 2022 - 08:26 4

ރަބިޢުލްއައްވަލު މަހަކީ ދިވެހިންގެ ހިތުގައި ވަރަށް ހާއްސަ ގަދަރެއް ދެވިފައިވާ މަހެކެވެ. މި މަހަށް މިފަދަ ހާއްސަ ގަދަރެއް ދީފައިވާ އެއް ސަބަބަކީ މި އުންމަތަށް ކައުކުރެއްވި ރަސޫލާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އުފަންވެވަޑައިތުމާއި، ސުވަރުގެ ވަޑައިގަތުން މި މަހުގައި ހިމެނިފައި ވުމުންނެވެ. ރަބީޢުލްއައްވަލު މަހުގެ އިތުރުން މި މަހަށް ބާރަމަހޭ ވެސް ކިޔަ އެވެ.

ރަބީޢުލްއައްވަލު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ބާރަވަނަ ދުވަހާ ހަމައަށް ރަށުގެ ކޮންމެ ގެއަކު ހެނދުނު ތުންޖީނާ ޞަލަވާތް ކިޔަވަ އެވެ. ބައެއް ގޭގޭގައި އޮނަތިރީސް ވަނަ ދުވަހާ ޖެހެންދެން ވެސް ކިޔަވަ އެވެ. މި ޞަލާވާތް ކިޔަވަނީ ރަށުތެރެއިން ބަޔަކު ހޯދައިގެން ގެއަށް ގެނެސްގެންނެވެ. ޞަލަވާތްފުޅު ކިޔެވުމަށްޓަކައި، ކިޔަވަން އެނގޭ އެކަކު ލިބުމަކުން ނުފުދެއެވެ. ކިތަންމެ އިރެއްވިޔަސް ތިން މީހުން ހަމަވުމުން ނޫނީ ޞަލަވާތެއް ނުކިޔަވަ އެވެ. މީހުން ހޯދުމުގައި އިސްވެ އުޅޭނީ ގޭގެ އަންހެން މީހާ އެވެ.

ޞަލަވާތް ކިޔަވަން ފަށަނީ ދުން ބެހެއްޓުމަށްފަހު ގައެވެ. ދުމުގެ ގޮތުގައި ކުމުންޒާނި ނުވަތަ ދުންދަނޑި ބޭނުން ކުރެއެވެ. ދުންދަނޑި ނުލިބިއްޖެ ހާލަތެއްގައި ފެންތައްޓެއް ބަހައްޓަ އެވެ. ކިޔަވަން އަންނަ ކޮންމެ މީހަކުމެ ބޮލުގައި ތާކިހަލެއް ރުމާލެއް ނުވަތަ ފޮތިގަނޑެއް އަޅަން ޖެހެއެވެ. ބޮލުގައި އެއްޗެއްނެތި ނަމާދު ކުރުމާއި ޞަލަވާތް ފާތިޙާ ކިޔެވުމަކީ ކޮށްގެން ވާވަރުގެ ކަންކަމެއް ނޫނެވެ. ދުންބެހެއްޓުމަށްފަހު ގޭގެ މައި ދޮރުން އަންހެނަކު ވަދެނިކުމެއެއް ނޫޅޭނެ އެވެ.

ޞަލަވާތް ކިޔަވާ ނިމުމުން އެ މީހުންނަށް ހެނދުނުގެ ނާސްތާ ދޭނެއެވެ. އޭގެ ކުރިޔަކު އެ ގެއެއްގެ ބަޔަކު ހެނދުގެ ނާސްތާއެއް ނުކުރާނެ އެވެ. ޞަލަވާތްފުޅު ކިޔަވަން މީހަކު ނުލިބި ލަސްވި ކަމުގައި ވިޔަސް، ކުޑަކުއްޖަކަށްވެސް އެ މީހުންނަށްވުރެ ކުރިން ކާ އެއްޗެއް ނުދޭނެ އެވެ.

ބާރަވަނަ ދުވަހުގެ ފަތިހު "ފަތިހު ޞަލަވާތް" ކިޔަވަ އެވެ. ފަތިސް ނަމާދުން ފެށިގެން އިރުއެރުމާދޭތެރެ މި ޞަލަވާތް ރަށުގެ ހުރިހާ ގެއަކު ކިޔަވަ އެވެ. މި ކަމަށްޓަކައި ވަރަށް ކުރިން ތެދުވެ ތައްޔާރުވެ އެވެ. ފަތިހު ޞަލާވާތްފުޅުގެ ހާއްސަ ކެއުމަކީ އަވެއްޔާއި ވަޅޯ މަހެވެ.

ފަތިހު ޞަލަވާތަށް ފަހު އެދުވަހު އެންމެ ހާއްސަ ކަމަކީ "ދުއާބުނުމެވެ." މި ކަމަށްޓަކައި ރަށުގެއެކި ހިސާބު ތަކުގައި ގުރޫޕްތައް އުޅެ އެވެ. މި ކޮންމެ ގުރޫޕަކު އުޅެނީ ތިން ހަތަރު މީހުންނެވެ. ގޭގޭގައި ދުއާ ބުނުމަށްޓަކައި އެ ގުރޫޕްތަކަށް މާކުރިން ދައުވަތު ދެއެވެ. ގުރޫޕްތަކުން ގޭގެއަށް ދުއާ ބުނަން ދާނީ ދައުވަތު ދީފައި ހުރި ތަރުތީބުންނެވެ.

ސަލަވާތް ފާތިހާ ކިޔަވާއިރު ދުންދަނޑި ރޯކޮށްފައި ހުރުމަކީ އޭރުގެ އާދައެއް.


ގޭގެއަށް ގޮސް ޞަލަވާތްފުޅު ކިޔަވާ ދުއާ ބުނަން ފެށުމާއެކު، ގޭގެ އިސްވެރިޔަކު ބޭރަށް ނުކުމެ އެ ސަރަހައްދުގައި ތިބި ހުރިހާ ކުދިންނަށް ލާރި ބަހައެވެ. ރަށުގެ ހުރިހާ ކުޑަކުދިން ދުއާ ބުނާ ގޭގެ ބަލައިގެން އެގޭގޭ ދޮށުގައި ތިބެ އެވެ. ލާރިބަހާ ނިމުމުން ދުއާ ބުނެ، އެހެން ގެއަކަށް ދެ އެވެ. ލާރި ބެހުމުގައި، އާންމުކޮށް ބަހަނީ އެއް ލާރީން ފެށިގެން އެއް ރުފިޔާ އާއި ދެމެދުގެ ލާރި އެވެ.

ރަބިޢުލްއައްވަލު މަހުގެ 1، 4، 8، އަދި 12 މި ކޮންމެ ރެއަކުވެސް ދުއާ ބުނާނެ އެވެ. މިކަން އޮންނާނީ މައުލޫދު ހަރުގޭގަ އެވެ. ރޭގަނޑުގެ ކޭމަށް ފަހުގަ އެވެ. 1، 4، 8، މިރޭ ތަކުގައި ދުއާ ބުނަނީ، މި ރޭރެއަކީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ އާލާސްކަންފުޅުގައި އޮންނެވިއިރު އެންމެ ހާލުކޮޅު ބޮޑުވި ރޭރެކަމުގައި ވާތީއެވެ. ބާރަ ވިލޭރޭ އެއީ އެންމެ ހާއްސަ ރޭކަމުން އެރޭގެ ކޭމަކީ ކުކުޅުލީ ހާއްސަ ކޭމެކެވެ. 12 ވިލޭރޭ މައުލޫދު ކިޔަނީ އެ ރެއަކީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތް ރޭ ކަމުގައި ވާތީ އެވެ. 14 ވަނަ ދުވަހުގެ ރޭ ޒިޔާރަތްފުޅު މައުލޫދު ކިޔަނީ އެއީ ފަސްދާނު ލެވުނު ދުވަސް ކަމުގައި ވާތީ އެވެ. ބައެއް މީހުން އެކިކަންކަމުގައި ނަދުރު ބުނެ، ޒިޔާރަތްފުޅު މައުލޫދަށް ކުކުޅު ބަހައްޓާފައި ހުރެއެވެ. އަދި 14 ވިލޭރޭގެ ކޭން އެ މީހެއްގެ އުމުރު ދުވަހަށް، ކައްކަން ނަދުރު ބުނެފައިވެސް ހުރެ އެވެ.

ބާރަމަހަށް ކޭން ޖެއްސުމަށްޓަކައި ކުރިޔާލައި އޮފީހުން ރަށުތެރޭގައި ގޮވައެވެ. ދެން އެމީހަކަށް ފަސޭހަ ދުވަހަކަށް ކޭން ޖައްސަ އެވެ. ނުވަތަ ހުރިހާ ދުވަހަކަށް ޖައްސަ އެވެ. ކުކުޅު ނެތް މީހުންނަކަށް ބާރަވިލޭރޭގެ ކޭމެއް ނުޖެއްސޭނެ އެވެ. ކޭން ޖައްސާ ނިމުމުން އެކި ދުވަސްތަކުގެ މައްޗަށް ކޭންތައް ބަހާލުމަށް ފަހު ކައްކަންވީ ދުވަސްތައް ގޭގެއަށް ވެރިންގެ ފަރާތުން އަންގަ އެވެ.

ރަބީޢުލްއައްވަލު މަހުގެ 1، 4، 8، އަދި 12 މި ދުވަސްތަކުގައި ގޭގޭގެ އިތުރުން އޮޑި ދޯނިފަހަރުގައި ވެސް ޞަލަވާތްފުޅު ކިޔަވަ އެވެ. މި ދުވަސްތަކުގައި ދޯނި ފަޅުގައި އޮތަސް އެހެލާފައި ހަރުގޭގާ ހުއްޓަސް ޞަލަވާތްފުޅު ކިޔަވަ އެވެ. އޮޑި ދޯނިފަހަރުގައި ޞަލަވާތް ކިޔަވާއިރު ތިން މީހުން ހޯދާކަށް ނުޖެހެ އެވެ. އެ މީހަކު އަމިއްލައަށް ކިޔަވާލިއަސް އެންމެ ރަނގަޅެވެ.

ބާރަމަސް ނިމުމުން އާންމު ދިރިއުޅުމަށް ބަދަލުވެއެވެ. އާންމު މަސްތަކުގައި ޞަލަވާތްފުޅު ކިޔަވަނީ ކޮންމެ މަހެއްގެ 12 އަދި 27 ވަނަ ދުވަހުއެވެ.

ރަބީޢުލްއައްވަލު މަހާ ގުޅިގެން ދިވެހިންކޮށް އުޅުނު ހުރިހާ ކަމެއް މިއަދު މިވަނީ ޒަމާނާއެކު، މާޒީގެ ތެރެއަށް ގޮސް އޮބާލައިފަ އެވެ. މިއަދު ރަބީޢުލްއައްވަލުމަސް ނުވަތަ ބާރަމަސް އައިސް ނިމިގެންދާއިރު އެނގޭ ދާދި މަދު މީހަކު ނޫނީ މިހާރަކު ނެތެވެ.

´